
އައި.އޯ.ޓީ.ސީ ގެ 30 ވަނަ އަހަރީ ބައްދަލުވުން ރާއްޖޭގައި ރަސްމީކޮށް ފަށައިފި
# މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ-
އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) ގެ 30 ވަނަ އަހަރީ ބައްދަލުވުން މިއަދު ރާއްޖޭގައި ރަސްމީކޮށް ފަށައިފިއެވެ.

މިއީ މި ކޮމިޝަނުގެ ބައްދަލުވުމެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.
މިއަދުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ފޮރިން މިނިސްޓަރ އިރުތިޝާމް އާދަމް އެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމްއާއި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުވެސް ބައިވެރިވެވަޑައިގަތެވެ.
މި ބައްދަލުވުން އިފްތިތާޙްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި، މިނިސްޓަރު އަޙްމަދު ޝިޔާމް ވަނީ ދިވެހިންނާއި ކަނޑާ ދެމެދު އޮތް ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ދެމެހެއްޓެނިވި އަދި ޒިންމާދާރު ގޮތެއްގައި މަސްވެރިކަން ބެލެހެއްޓުމަށް ރާއްޖެއިން ގެންގުޅޭ ދެމެހެއްޓެނިވި ސިޔާސަތުތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ބައިނަލްއަޤްވާމީ އެއްބާރުލުމާއި، ސައިންސުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމުގެ މުހިންމުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ކަނޑުމަހުގެ ވަސީލަތްތައް ބެލެހެއްޓުމުގައި، އަތިރީމަތީ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އަޑުތަކާއި އެ ޤައުމުތަކުގެ ހާލަތްތައް ބަލައިގަތުމުގެ މުހިންމުކަމަށްވެސް މިނިސްޓަރު ބާރުއެޅުއްވިއެވެ.އަދި މި ކޮމިޝަނުން ކުރިއަށްގެންދާ މަޝްވަރާތަކަކީ ނަތީޖާ ނެރެވޭނެ، ބިނާކުރަނިވި މަޝްވަރާތަކަކަށް ހެދުމަށް އެދިވަޑައިގަންނަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އައި.އޯ.ޓީ.ސީގެ މި ބައްދަލުވުން ރާއްޖޭގައި ބޭއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، މަސްވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށާއި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ކަނޑުތަކުގެ ހިންގުމުގައި ރާއްޖޭގެ ދައުރު ފުޅާކުރުމަށް ސަރުކާރުން ދެއްވާ ޚާއްޞަ އަހަންމިއްޔަތު ރަމްޒުކޮށްދޭ ކަމެކެވެ.
މިއީ އައި.އޯ.ޓީ.ސީ ގެ އަހަރީ ޖަލްސާއެއް ދިވެހިރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. މިފަދަ މުހިންމު ބައްދަލުވުންތަކެއް ރާއްޖޭގައި ބޭއްވުމަކީ، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި މަސްވެރިކަމުގެ ސިޔާސަތުތައް ކަނޑައެޅުމުގައްޔާއި، އެ ދާއިރާ ހިންގާ ބެލެހެއްޓުމުގައި ރާއްޖެއިން އަދާކުރާ އިސްދައުރު ހާމަކޮށްދޭ ކަމެކެވެ.
އައި.އޯ.ޓީ.ސީއަކީ އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ބާވަތްތަކާއި، އެއާ ގުޅުންހުރި ދިރުންތައް ރައްކާތެރިކޮށް، ދެމެހެއްޓެނިވި އުސޫލުތަކުގެ ދަށުން އެ ވަސީލަތްތައް ބެލެހެއްޓުމުގެ ޒިންމާ އުފުލާ ސަރަޙައްދީ މަސްވެރިކަމުގެ އިދާރާއެވެ.
މި މަހުގެ 4 އިން 15 އަށް ބާސެލޯ ނަސަންދުރައިގައި ކުރިއަށްދާ އައި.އޯ.ޓީ.ސީ ގެ 30ވަނަ އަހަރީ ބައްދަލުވުމުގައި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން 200 އަށްވުރެ ގިނަ މަންދޫބުންނާއި، މަސްވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުންނާއި އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.
ގުޅުންހުރި

އައި.އޯ.ޓީ.ސީ ގެ 30 ވަނަ އަހަރީ ބައްދަލުވުން ރާއްޖޭގައި ރަސްމީކޮށް ފަށައިފި

ހުއިފިލަނޑާ އެކްސްޕޯޓް ކުރާ ފަރާތްތަކަށް ހުރި ދަތިތައް ހައްލުކުރުމަށް މަޝްވަރާކޮށްފި

ފާއޯ-ޗައިނާ ސައުތު-ސައުތު ކޯޕަރޭޝަން ޕްރޮޖެކްޓް އިފްތިތާހުކޮށްފި




