logoEN
WAMCO TOP 1
ސިންގަޕޫރުގައި ބޭއްވި އިންޓަޕޯލް އެގްޒެކެޓިވް ލީޑަރޝިޕް ޕްރޮގްރާމްގައި ދިވެހި ފުލުހަކު ބައިވެރިވެ ޕްރޮގްރާމް ފުރިހަމަކޮށްފި

ސިންގަޕޫރުގައި ބޭއްވި އިންޓަޕޯލް އެގްޒެކެޓިވް ލީޑަރޝިޕް ޕްރޮގްރާމްގައި ދިވެހި ފުލުހަކު ބައިވެރިވެ ޕްރޮގްރާމް ފުރިހަމަކޮށްފި

އަހުމަދު ޝުރާއު

logo

5/10/2026, 8:11:35 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ސިންގަޕޫރުގައި ބޭއްވި އިންޓަޕޯލް އެގްޒެކެޓިވް ލީޑަރޝިޕް ޕްރޮގްރާމް (އައި.އީ.އެލް.ޕީ) ގެ ކޯހޮޓް 2025-2026 ގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ސަޢީދު ބައިވެރިވެވަޑައިގެން ޕްރޮގްރާމް ފުރިހަމަކުރައްވައިފިއެވެ.

THE TRAVELLER AD

އިންޓަޕޯލުން އިންތިޒާމުކޮށްގެން، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ތަންފީޒީ އިދާރާތަކުގެ އިސް އޮފިސަރުންނަށް އަމާޒުކޮށްގެން ހަތް މަސްދުވަހުގެ މުއްދަތަށް ހިންގާ މި ލީޑަރޝިޕް ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 3 ފިވައްސަކަށް ބަހާލައިގެންނެވެ. ތިންވަނަ ފިޔަވަހި ކުރިއަށްދިޔައީ 2026 މެއި 4 އިން 8 އަށެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހި ކުރިއަށް ގެންގޮސްފައިވަނީ 2025 ނޮވެމްބަރު 2 އިން 7 އަށް ސިންގަޕޫރުގައި ހުންނަ "އިންޓަޕޯލް ގްލޯބަލް ކޮމްޕްލެކްސް ފޯ އިނޮވޭޝަން" ގައެވެ. 2025-2026 ގެ މި ބުރުގައި ދުނިޔޭގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ 20 ގައުމަކުން ޖުމްލަ 24 ސީނިއަރ އޮފިސަރުން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި ހަތް އަންހެން އޮފިސަރުންވެސް ހިމެނެއެވެ. މި ޕްރޮގްރާމްގެ ދެ ވަނަ ފިޔަވަހި ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ.

މި ޕްރޮގްރާމަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކުރިމަތިވަމުންދާ ތަފާތު ގޮންޖެހުންތަކާ ކުރިމަތިލުމަށް ބޭނުންވާ ލީޑަރޝިޕް ހުނަރުތަކާއި، ސްޓްރެޓީޖިކް ވިސްނުމާއި، ބައިނަލްއަގުވާމީ ފެންވަރުގައި ފުލުހުންގެ މަސައްކަތްތައް ބައްޓަންކުރާނެ ގޮތްތައް އުނގަންނައިދިނުމަށް ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ. މީގެ އިތުރުން، އިލްމީ އަދި އަމަލީ ތަޖުރިބާތަކުގެ އަލީގައި ބައިވެރިންގެ ލީޑަރޝިޕް ގާބިލުކަން އިތުރުކުރުމާއި، ބައިނަލްއަގުވާމީ އެއްބާރުލުން ހަރުދަނާކުރުމާއި، ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމަށްޓަކައި އީޖާދީ އައު ގޮތްތައް ހޯދުމަށް މި ޕްރޮގްރާމްގެ ތެރެއިން މަގުފަހިވެގެންދާނެއެވެ.

މި ޕްރޮގްރާމްގެ ބައިވެރިން ކެޕްސްޓޯން ޕްރޮޖެކްޓެއް ފުރިހަމަކޮށްފައިވާއިރު، މި ޕްރޮޖެކްޓް ބިނާވެފައިވަނީ ބައިނަލްއަގުވާމީ ފުލުހުންގެ ލީޑަރޝިޕް، ބައިނަލްއަގުވާމީ ގުޅުންތައް، ޑިޖިޓަލް ޓްރާންސްފޯމޭޝަން އަދި ޕޮލިސިންގ ޑިޕްލޮމަސީ ފަދަ މުހިންމު ދާއިރާތަކުގެ މައްޗަށެވެ.

މި ޕްރޮގްރާމްގެ ފަހު ސެމިނާގައި، ޕްރޮގްރާމްގެ ދިރާސީ ހޯދުންތަކާއި އޭގެ ނަތީޖާތަކާ މެދު މަޝްވަރާކޮށް، އެ ހޯދުންތަކާއި ތަޖުރިބާތައް އަމަލީ ގޮތުން މުއައްސަސާތަކުގައި ތަންފީޒުކުރާނެ ގޮތްތަކާ މެދު ބައިވެރިން ހިޔާލު ބަދަލުކޮށްފައިވެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާބިލުކަން އިތުރުކުރުމަށާއި، ފަންނީ ގުޅުންތައް ބަދަހިކުރުމަށާއި، މައުލޫމާތު ހިއްސާކުރުމުގެ ތެރެއިން ޒަމާނީ ފުލުހުންގެ ޚިދުމަތް ކުރިއެރުވުމަށްޓަކައި، ލީޑަރޝިޕް ތަރައްގީކުރުމާއި ބައިނަލްއަގުވާމީ މައިދާނުގައި ބައިވެރިވެ މުއައްސަސާ އާއި ގައުމު ތަމްސީލް ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާއްސަ އިސްކަމެއްދެއެވެ.

ކޮމެންޓް
ފަހުގެ
HDC