
އިންޑޮނޭޝިއާގައި ކުރިއަށްދިޔަ ސައިބަރ ފްރޯޑް އިންވެސްޓިގޭޝަން ތަމްރީނު ޕްރޮގްރާމެއްގައި ދިވެހި ފުލުހުން ބައިވެރިވެއްޖެ
# ފުލުހުން-
އިންޑޮނޭޝިއާގެ ސެމަރަންގްގައި ހުންނަ ޖަކާޓާ ސެންޓަރ ފޯ ލޯ އެންފޯސްމަންޓް ކޯޕަރޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ "ސައިބަރ ފްރޯޑް އިންވެސްޓިގޭޝަން" ތަމްރީނު ޕްރޮގްރާމެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ދެ އޮފިސަރަކު ބައިވެރިވެއްޖެއެވެ.

2026 އޭޕްރީލް 28 އިން މެއި 1 ގެ ނިޔަލަށް ކުރިއަށްދިޔަ މި ތަމްރީނު ޕްރޮގްރާމަކީ، އިންޓަރނެޓް މެދުވެރިކޮށް ހިންގާ އޮޅުވާލުމުގެ މުއާމަލާތްތަކާއި (ސައިބަރ ފްރޯޑް) ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާ ސްކޭމްތައް ތަހުގީގުކުރުމުގެ ގާބިލުކަން އިތުރުކުރުމަށް އަމާޒުކޮށްގެން ބޭއްވި ޕްރޮގްރާމެކެވެ.
މި ތަމްރީނު ޕްރޮގްރާމުގައި ދިވެހި ފުލުހުންގެ ފަރާތުން ބައިވެރިވީ ސައުތު ޕޮލިސް ސީރިއަސް ކްރައިމް އިންވެސްޓިގޭޝަންގެ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު އިސްމާޢީލާއި، ޑްރަގް ފައިނޭންސިންގ އިންވެސްޓިގޭޝަން ޔުނިޓްގެ ސީނިއަރ ސާޖަންޓް އާމިނަތު ޝިރާންއެވެ.
މި ޕްރޮގްރާމުގެ ތެރެއިން، ސްކޭމްތައް ހިންގާ ތަންތަން ބަލައި ފާސްކުރުމުގެ އޮޕަރޭޝަންތައް ރޭވުމާއި، އިންފޯމަންޓުންގެ އެހީތެރިކަން ފުރިހަމައަށް ހޯދުމާއި، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ޑިޖިޓަލް ހެކި ހޯދައި ރައްކާތެރިކުރުމުގެ ހުނަރުތައް ދަސްކޮށްދީފައިވެއެވެ. މީގެ އިތުރުން، ތުހުމަތުކުރެވޭ ފަރާތްތަކާ ސުވާލުކޮށް މައުލޫމާތު ހޯދާނެ އުކުޅުތަކާއި، ސައިބަރ ފްރޯޑްގެ ތަހުގީގުތަކުގައި ބޭނުންކުރެވޭ ބައިނަލްއަގުވާމީ ގާނޫނީ ވަސީލަތްތަކާ ގުޅޭގޮތުން ވެސް މި ކޯހުގައި މައުލޫމާތު ދީފައިވެއެވެ.
ޒަމާނީ އުކުޅުތައް ބޭނުންކޮށްގެން ހިންގާ ސައިބަރ ކުށްތަކާއި މާލީ މުއާމަލާތްތަކުގެ ފްރޯޑް ހުއްޓުވުމަށްޓަކައި، ފުލުހުންގެ ގާބިލުކަން އިތުރުކުރުމަށް ބައިނަލްއަގުވާމީ އިދާރާތަކާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ މަސައްކަތްކުރަމުންނެވެ.
ގުޅުންހުރި

އިންޑޮނޭޝިއާގައި ކުރިއަށްދިޔަ ސައިބަރ ފްރޯޑް އިންވެސްޓިގޭޝަން ތަމްރީނު ޕްރޮގްރާމެއްގައި ދިވެހި ފުލުހުން ބައިވެރިވެއްޖެ

ސްކޭމް ލިންކެއް މެދުވެރިކޮށް ބައިލައްކަ ރުފިޔާ ހޯދި މީހަކު ހައްޔަރުކޮށްފި

ފުލުހުންގެ ހޮޓްލައިންތަކަށް ދިމާވި މައްސަލަ ހައްލުކޮށްފި




