logoEN
WAMCO TOP 1
ރައީސްގެ ދެކަނބަލުން ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި

ރައީސްގެ ދެކަނބަލުން ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި

# ރައީސް މުއިއްޒު

-

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅެކެވެ.

THE TRAVELLER AD

މި ހިނގާ މޭ މަހުގެ 3 އިން 6 އަށް ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ކުރެއްވި މި ދަތުރުފުޅުގައި ހިމެނިގެން ކުރިއަށްދިޔަ ރަސްމީ ބައްދަލުވުންތަކާއި، ރަސްމިއްޔާތުތަކުގެ އިތުރުން، މުޖުތަމައާ ގުޅުންހުރި އެކި ދާއިރާތަކުގެ ހަރަކާތްތައް ހިމެނޭހެން ކުރިއަށް ގެންދެވުނު މުހިންމު ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެއާއެކު ބޭއްވެވި ރަސްމީ މަޝްވަރާތަކުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެއްވީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދުގައި އޮތް ޒަމާންވީ ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ދެޤައުމުގެ ދެމެދުގައި އެއްބާރުލުން ދެވޭނެ އާ ދާއިރާތައް ދެނެގަތުމުގެ މައްޗަށެވެ.

މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި މުހިންމު ދާއިރާތަކަކުން ގުޅުން ބަދަހިކުރެއްވުމަށް އެކުލަވައިލެއްވި ފަހުމުނާމާތައް ބަދަލުކުރެއްވުމުގެ ރަސްމިއްޔާތުގައި ދެ ރައީސުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ ތެރޭގައި ޒުވާނުން ތަރައްޤީކުރުމާއި، އަރުޝީފުކުރުމުގެ މަސައްކަތްތަކުގައި ގުޅިގެން މަސައްކަތްކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާ އާއި، ހައްދުފަހަނައަޅައިދިޔުން ހުއްޓުވުމާއި، ޞިއްޙީ އަދި ދިފާޢީ ދާއިރާގެ ދިރާސީ މަސައްކަތްތަކުގައި ގުޅުންބަދަހިކުރުމާއި، ސްކޫލްތަކަށް ބޭނުންވާ މުދައްރިސުންނަށް ފަންނީ ތަމްރީނާއި ތަޖުރިބާ ފޯރުކޮށްދިނުމުގެ ދާއިރާގައި އެއްބާރުލުންދިނުމާ ގުޅުންހުރި ފަހުމުނާމާތައް ހިމެނެއެވެ. އެއަށްފަހު ދެ ރައީސުލް ގުޅިފައިވާ ބަޔާނެއް ވަނީ ދެއްވާފައެވެ.

މި ދަތުރުފުޅުގައި ހިމެނިގެން ދިވެހިރާއްޖެއާއި ސްރީލަންކާގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހަނދާނީ ގަސް އިންދުމުގެ ރަސްމިއްޔާތުގައި ދެ ޤައުމުގެ ރައީސުން ބައިވެރިވެވަޑައިގެނެވިއެވެ.

ރަސްމީ މަޝްވަރާތަކުގެ އިތުރުން، މިދަތުރުފުޅުގައި ސްރީލަންކާ ސަރުކާރުގެ ބައެއް އިސްވެރިން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތްކުރެއްވިއެވެ. އޭގެތެރޭގައި ސްރީލަންކާގެ ބޮޑުވަޒީރު، ޑޮކްޓަރ ހަރިނީ އަމަރަސޫރިޔާ، ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލިހުގެ ރައީސް އޮނަރަބަލް (ޑޮކްޓަރ) ޖަގަތް ވިކްރަމަރަތްނަ އެމް. ޕީ އަދި އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ފޮރިން އެމްޕްލޯއިމަންޓް އެންޑް ޓޫރިޒަމް، އެމް.ޕީ، ވިޖިތަ ހޭރަތު، ހިމެނިވަޑައިގަންނަވައެވެ. މި ބައްދަލުވުންތަކުގައި ދެ ޤައުމުގެ ގުޅުން މިހާރަށްވުރެ ބަދަހިކޮށް، ދެ ޤައުމުން މަސްލަހަތު ހިއްސާކުރާ ދާއިރާތަކުން އިތުރަށް ގުޅުންބަދަހިކުރެއްވުމަށް މަޝްވަރާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހިމެނިގެން، އެމަނިކުފާނު ވަނީ "މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް" ޝަރަފުވެރިކޮށްދެއްވައި، ތަޤުރީރެއް ކުރައްވާފައެވެ. މި ތަޤުރީރުގައި އެމަނިކުފާނު ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް އިންވެސްޓްމަންޓްތަކުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ސްރީލަންކާގެ އިންވެސްޓަރުން ރާއްޖޭގެ އިޤްތިޞާދީ ހަރަކާތްތަކުގައި މިހާރަށްވުރެ ބޮޑަށް ބައިވެރިވުމަށް ބާރުއަޅުއްވާފައެވެ.

މީގެ އިތުރުން، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ އުފެއްދުންތައް ސްރީލަންކާގައި އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ މިފްކޯގެ އަގުއެއްކުރި މަހުގެ އުފެއްދުންތައް ސަރަޙައްދީ ބާޒާރުތަކަށް ފުޅާކުރުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ޝަރަފުގައި ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެ ދެއްވި ރަސްމީ ޖާފަތުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވަޑައިގެންނެވިއެވެ. މީގެ އިތުރުން މިދަތުރުފުޅުގައި ހިމެނިގެން ސްރީލަންކާގެ ޤައުމީ ދާރުލްއާސާރަށާއި، ދިވެހިރާއްޖޭގެ ހައިކޮމިޝަނަށާއި ދިވެހިރާއްޖޭގެ ކަލްޗަރަލް ސެންޓަރަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެންނެވިއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ރަސްމީ ހަރަކާތްތަކުގައި ހިމެނިގެން ކޮލަމްބޯގައި ހުންނަ ލޭޑީ ރިޖްވޭ ހޮސްޕިޓަލް ފޯރ ޗިލްޑްރަން އަށް ޒިޔާރަތް ކުރެއްވިއެވެ. މި ޒިޔާރަތުގައި ކަށީގެ ޚިދުމަތްތަކާ، އަދި ޕްލާސްޓިކް ސާރޖަރީ ވޯޑާ، ކުޑަކުދިންގެ ވޯޑަށް ވަޑައިގެން، އެތަންތަނުން އެވަގުތު ޚިދުމަތް ހޯއްދަވަމުން ގެންދެވި ފަރާތްތަކާ އެކަމަނާ ބައްދަލު ކުރައްވިއެވެ. އަދި އެކަމަނާ ވަނީ އެ ޤައުމުގެ އަންހެން ވިޔަފާރިވެރިން އިސްނަގައިގެން ކުރިއަށްގެންދާ ވިޔަފާ އުފެއްދުންތައް ދައްކާލާ ގުޑް މާކެޓް އޮފީހަށް ޒިޔާރަތްކުރައްވާ ވިޔަފާރިވެރިންނާ ވެސް ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން ކޮލަމްބޯގެ މޭޔަރު ކެލީ ބެލްތަޒާ އިންތިޒާމުކުރެއްވި، ސްރީލަންކާގެ ސައިގެ ސަގާފަތް ތަޖުރިބާކުރުމުގެ ޚާއްޞަ ހަފްލާއެއްގައި ވެސް އެކަމަނާ ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނަބަލުން ވަނީ ކޮލޮމްބޯގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ވެސް ބައްދަލުކުރައްވާފައެވެ.

މި ދަތުރުފުޅަކީ 2025 ޖުލައި 28 އިން 30 އަށް ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅެކެވެ. މިދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ކުރެއްވި ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި، ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް
ފަހުގެ
HDC