
ރާއްޖެއަކީ ލަންކާގެ އިޤްތިޞާދީ އަދި ސަރަޙައްދީ މުހިންމު ބައިވެރިއެއް: ރައީސް ޑިސަނަޔަކަ
# ރާއްޖެ - ލަންކާ-
ސްރީލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކަ ދެއްވި ބަޔާނުގައި، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރާއްޖެއަކީ ލަންކާގެ އެންމެ އިތުބާރުހުރި އެއް ބައިވެރިޔާކަން ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބޭއްވި މި ބައްދަލުވުމުގައި، ދެ ޤައުމުގެ ގުޅުން ބިނާވެފައިވަނީ ސަޤާފީ އަދި ބަހަވީ ވަރުގަދަ އަސާސްތަކެއްގެ މައްޗަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ލަންކާގެ ރައީސް ވިދާޅުވި ގޮތުގައި، ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރިފައިވީ ނަމަވެސް، މިއީ އޭގެ މާ ކުރިން ފެށިގެން އުފެދިފައިވާ ބަދަހި ގުޅުމެކެވެ. ޚާއްޞަކޮށް، ލަންކާއިން އެންމެ ގިނައިން މުދާ ބޭރުކުރާ ތިންވަނަ ޤައުމަކީ ރާއްޖެކަން ފާހަގަކުރައްވައި، މި ދަތުރުފުޅުގައި ސޮއިކުރެވުނު 7 ދާއިރާއެއްގެ ފަހުމުނާމާތަކާއެކު، ރާއްޖެއަކީ އެ ސަރަޙައްދުގައި ލަންކާގެ މުހިންމު އިޤްތިޞާދީ ބައިވެރިއެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަޝްވަރާތަކުގެ ތަފްޞީލު ހިއްސާކުރައްވަމުން ރައީސް ޑިސަނަޔަކަ ވިދާޅުވީ، ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ. ޚާއްޞަކޮށް މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި ލަންކާއިން ފުރިހަމަ އެއްބާރުލުންދޭނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު އެރުވިއެވެ.
މީގެ އިތުރުން، ލަންކާއަށް ދާދިފަހުން ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި ދިވެހި ސަރުކާރާއި ރައްޔިތުން ފޯރުކޮށްދެއްވި އެހީތެރިކަމަށްޓަކައި ރައީސް ޑިސަނަޔަކަ ވަނީ ރައީސް މުޢިއްޒަށާއި ދިވެހި ރައްޔިތުންނަށް އިޚްލާޞްތެރި ޝުކުރެއް އަދާކުރައްވާފައެވެ. އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި، ދަތި ދަނޑިވަޅުގައި ރާއްޖެއިން ދެއްކި މި އެހީތެރިކަމަކީ އަވަށްޓެރި ޤައުމުތަކުގެ މެދުގައި އޮންނަންޖެހޭ އޯގާތެރިކަމާއި އެކުވެރިކަމުގެ ލާމަސީލު ނަމޫނާއެކެވެ.
ގުޅުންހުރި

ރާއްޖެއަކީ ލަންކާގެ އިޤްތިޞާދީ އަދި ސަރަޙައްދީ މުހިންމު ބައިވެރިއެއް: ރައީސް ޑިސަނަޔަކަ

ލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ

ލަންކާގެ އައު ބޮޑުވަޒީރަށް ރައީސް މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ




