
--
އަވަށްޓެރި ސްރީލަންކާގެ ބޮޑުވަޒީރުކަމަށް މިއަދު އައްޔަނުކުރެއްވި ޑރ ހަރީނީ އަމަރަސުރިޔާއަށް ރާއްޖޭގެ ރައީސް ޑރ މުހައްމަދު މުއިއްޒު މަރުހަބާ ދަންނަވައިފި އެވެ.

ރައީސް މުއިއްޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޑރ ހަރީނީ އަށް މަރުހަބާ ވިދާޅުވެ އެކަމަނާގެ ލީޑާޝިޕްގެ ދަށުން ލަންކާއަށް އިތުރު ކުރިއެރުން އަންނާނެ ކަމަށް ޔަގީން ކުރެވޭ ކަމަށެވެ.
އަދި ދެ ގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް ގާތް ގުޅުން އިތުރަށް ބަދަހި ކުރުމަށް އެކުގައި މަސައްކަތް ކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ބޮޑުވަޒީރުކަމަށް ޑރ.ހަރީނީ އަމަރަސޫރިޔާ އައްޔަނުކުރެއްވީ މިއަދު އެގައުމުގެ ރައީސް އޮފީހުގައި އޮތް ޚާއްސަ ރަސްމިއްުޔާތެއްގައި އެވެ. އެގޮތުން އައު ބޮޑުވަޒީރަކު އައްޔަނުކޮށްފައިވަނީ އެގައުމުގެ ރައީސްކަމުގެ ހުވާ އަނޫރާ އިއްޔެ ކުރެއްވުމާއި އެކު ގައުމު ހިންގުމަށްޓަކައި ގެންނަވަން ޖެހޭ ބަދަލުތައް ގެންނެވުމުގެ ތެރެއިންނެވެ. އަނޫރާ ރައީސް ކަމާއި ހަވާލުވެވަޑައިގެންނެވެވުމާއިއެކު ކުރީގެ ބޮޑުވަޒީރު ވަނީ އިއްޔެގެ ވަގުތެއްގައި އިސްތިއުފާ ދެއްވާފައި އެވެ.
މިއަދު ބޮޑުވަޒީރުކަމަށް އައްޔަނުކުރެވުނު ޑރ ހަރީނީ އަކީ ލަންކާގެ ތިން ވަނަ އަންހެން ބޮޑުވަޒީރެވެ. މީގެ ކުރިން އެގައުމުގެ ބޮޑުވަޒީރުކަން ކުރެއްވ އަންހެން ބޭފުޅުންނަކީ ސިރިމާވޯ ބަންޑާރަނައިކަ އާއި ޗަންދްރިކާ ބަންޑާރަނައިކަ ކުމާރަތުންގާ އެވެ.
ތައުލީމާއި އިޖުތިމާއީ އަދުލުއިންސާފުގެ ދާއިރާއިން ފާހަގަކޮށްލެވޭ ހަރީނީ އެ މަގާމަށް އައްޔަން ކުރެއްވުމަކީ ސްރީލަންކާގެ ސިޔާސީ މައިދާނުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއްގެ ގޮތުގައި އެގައުމުގެ ރައްޔިތުން ދަނީ ސިފަކުރަމުންނެވެ.
ހަރީނީ ލަންކާގެ ސިޔާސީ މައިދާނަށް ނުކުމެވަޑައިގެން މަޖިލީހަށް ވަދެވަޑައިގަތީ 2020 ވަނަ އަހަރު އެންޕީޕީގެ ޓިކެޓުގައި އެވެ.
ގުޅުންހުރި

ލަންކާގެ ރައީސް ދެއްވި ރަސްމީ ޖާފަތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

ރާއްޖެއަކީ ލަންކާގެ އިޤްތިޞާދީ އަދި ސަރަޙައްދީ މުހިންމު ބައިވެރިއެއް: ރައީސް ޑިސަނަޔަކަ

ސަރަޙައްދީ ހަމަޖެހުމުގައި ރާއްޖެ ސާބިތުކަމާއެކު ދެމިއޮންނާނެ: ރައީސް




