
ރާއްޖޭގައި ހުރި މީހެއްގެ ކާޑު ރާއްޖެއިން ބޭރުގައި ބޭނުން ނުކުރެވޭގޮތް ހަދައި، އިތުރު ފިޔަވަޅުތަކެއް!
# ބީއެމްއެލް-
ބީއެމްއެލް އާއި މޯލްޑިވްސް އިމިގްރޭޝަން އާއި ދެމެދު ގާއިމުކުރެވުނު ޑިޖިޓަލް އިންޓަގްރޭޝަން އާއެކު، ރާއްޖޭގައި ހުރި މީހެއްގެ ޑެބިޓްކާޑު ރާއްޖެއިން ބޭރުގައި ބޭނުން ނުކުރެވޭގޮތް ހަދައިފި އެވެ.

ބީއެމްއެލް އިން ވިދާޅުވީ، ބީއެމްއެލް އިން ބޭރު ފައިސާ ދޫކުރުމުގެ ނިޒާމު ހަރުދަނާކޮށް، އެކަން ހަމަހަމަކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.
ކާޑު ލިމިޓާއި ރާއްޖެއިން ބޭރުގެ މުޢާމަލާތްތައް
ބީއެމްއެލް އާއި އިމިގްރޭޝަނާ ދެމެދު ގާއިމުކުރެވުނު ޑިޖިޓަލް ގުޅުމާއެކު، ރާއްޖެއިން ބޭރުގައި ބޭނުންކުރާ ފޮރިން ސްޕެންޑް ލިމިޓް އެކްޓިވް ވާނީ ހަމައެކަނި ކާޑުގެ ވެރިފަރާތް ރާއްޖެއިން ބޭރުގައި ހުންނަ ވަގުތުގައެވެ. މިއީ ކާޑުގެ ވެރިފަރާތާ ނުލައި ކާޑު ރާއްޖެއިން ބޭރަށް ފޮނުވައިގެން ޑޮލަރު ބޭނުންކުރުން ހުއްޓުވުމަށް އެޅި ފިޔަވަޅެއްކަމަށް ބޭންކުން ބުނެއެވެ.
ކިޔަވާ ކުދިންނަށް ޚާއްޞަ ލިމިޓެއް
ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ، އަމިއްލަ ކާޑެއް ނެތް ކުދިންނަށް ބެލެނިވެރިޔާގެ ކާޑު ބޭނުންކުރެވޭނެއެވެ. ނަމަވެސް އެކުދިންނަށް "ސްޓޫޑެންޓް ކާޑު" ދޫކުރުމަށް ތިން މަސްދުވަހުގެ މުއްދަތެއް ދެވޭނެ ކަމަށް ބޭންކުން ބުނެއެވެ. އެ ކާޑާއެކު ކިޔަވާ ކުދިންނަށް ކަނޑައެޅިފައިވާ ޚާއްޞަ ލިމިޓް ލިބިގެންދާނެއެވެ.
އޮންލައިން ވިޔަފާރި (އީކޮމާސް) އަށް ގެނެވުނު ބަދަލުތައް
ބައެއް ފަރާތްތަކުން ވިޔަފާރީގެ ބޭނުމަށް އަމިއްލަ ރުފިޔާ ކާޑު ބޭނުންކޮށްގެން ގިނަ ޢަދަދަކަށް މުދާގަންނާތީ، ގިނަ ރައްޔިތުންނަށް ބޭރު ފައިސާ ހަމަހަމަކޮށް ފޯރުކޮށްދިނުމަށް ބަދަލުތަކެއް ވަނީ ގެނެސްފައެވެ:
އޮންލައިންކޮށް މުދާގަންނަ ބައެއް ސައިޓްތަކުން ވިޔަފާރިކުރެވޭނީ ދުވާލަކަށް ކަނޑައެޅޭ ބަޖެޓެއްގެ ތެރެއިން
ކޮންމެ ކަސްޓަމަރަކަށް މަހެއްގެ މައްޗަށް ކުރެވޭނީ 30 ޓްރާންސެކްޝަން
ބީއެމްއެލް އިން ބުނީ، އީކޮމާސް އަށް ގެނެވުނު މި ބަދަލުގެ ސަބަބުން އާންމު ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ ސައިޓްތަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.
އެހެނިހެން މުހިންމު ބަދަލުތައް
ޑޮލަރު އެކައުންޓް: ޑޮލަރު އެކައުންޓަށް ދޫކޮށްފައިވާ ކާޑުތަކުން އެއްވެސް ލިމިޓެއް ނެތި ބޭނުންކުރެވޭނެ
ކްރެޑިޓް ކާޑު: އެއް ކްރެޑިޓް ކާޑަށްވުރެ ގިނަ ކާޑު ގެންގުޅޭ ފަރާތްތަކުން އަހަރީ ފީ ދައްކަން ޖެހޭނީ ހަމައެކަނި އެއް ކާޑަށް. ކުރިން އޮތް ގޮތުން ކޮންމެ ކާޑަކަށްވެސް ދަނީ އަހަރީ ފީ ނަގަމުން.
ޓީޓީ ފޮނުވުން: ބޭރު ފައިސާ ގަނެގެން ފޮނުވާ ޓީޓީތައް ބޭންކު ހުޅުވިފައި ހުންނަ ގަޑީގައި ކުރިއަށްދާނެއެވެ. ނަމަވެސް އަމިއްލަ އަތުގައި ބޭރު ފައިސާ ހުރެގެން ފޮނުވާ ޓީޓީތައް ކޮންމެ ވަގުތަކުވެސް ފޮނުވޭނެއެވެ.
ބޭންކުން ހާމަކުރި ގޮތުގައި މި ފިޔަވަޅުތަކުގެ ބޭނުމަކީ ބޭންކަށް ލިބޭ ބޭރު ފައިސާ، މަދު ބައެއްގެ ބަދަލުގައި ވީހާވެސް ގިނަ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ހަމަހަމަކަމާއެކު ބޭނުންކުރުމަށް މަގުފަހިކުރުމެވެ.
ގުޅުންހުރި

ބީއެމްއެލްގެ މުވައްޒަފުންގެ ލީޑަރޝިޕާއި ޕްރޮފެޝަނަލް ހުނަރު ތަރައްގީކުރުމަށް، ސިންގަޕޯރ މެނޭޖްމަންޓް ޔުނިވަރސިޓީއާއެކު އެމްއޯޔޫއެއް!

ރާއްޖޭގައި ހުރި މީހެއްގެ ކާޑު ރާއްޖެއިން ބޭރުގައި ބޭނުން ނުކުރެވޭގޮތް ހަދައި، އިތުރު ފިޔަވަޅުތަކެއް!

ބީއެމްއެލްއިން މުވައްޒަފުންގެ ހުނަރު ތަރައްގީކުރުމަށް، ސިންގަޕޯރ މެނޭޖްމަންޓް ޔުނިވަރސިޓީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި




