
ޤުރުއާން ކިޔެވުުގެ ގަައުމީ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި
# ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު# ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް-
ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ އޮޑިޝަން ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ވިދާޅުވީ، ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ އޮޑިޝަން ބުރުގައި ބައިވެރިވުމަށް މަރުކަޒުގެ އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް މާދަމާއިން ފެށިގެން އެޕްލައި ކުރެވޭނެކަމަށެވެ. އޮޑިޝަން ބުުރުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 18 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ.
މިފަހަރުގެ ގައުމީ މުބާރާތް ކުރިއަށް ގެންދަނީ ގިނަ ބަދަލުތަކާއެކުގައެވެ. އެއީ ވީހާވެސް ގިނަ ބަޔަކަށް ހަމަހަމަކަމާއެކު ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމާއެކު މުބާރާތުގެ ވާދަވެރިން އިތުރުކުރެވޭނެ ގޮތްތައް ބަލައި، މުބާރާތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމުގެ މަގްސަދުގައި ގެނެވުނު ބަދަލުތަކެއް ކަމަށް ގުރުއާނާ ބެހޭ މަރުކަޒުން ވިދާޅުވިއެވެ.
ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތަށް ގެނައި ބަދަލާއެކު 26 އަހަރު ނުފުރޭ، ޝަރުޠު ހަމަވާ ކޮންމެ ދިވެހި ރައްޔިތަކަށް މުބާރާތުގައި ބައިވެރިވެވޭނެއެވެ. އަދި މުބާރާތުގައި ބައިވެރިވެވޭނީ ފަރުދީ ގޮތުންނެވެ.މިއަހަރުން ފެށިގެން ޤައުމީ ޤުރްއާން ކިޔެވުމުގެ މުބާރާތް ދެން ކުރިއަށް ގެންދާނީ ތިން ބުރަކަށް ބަހާލައިގެންނެވެ. އެގޮތުން އެހެން އަހަރުތަކާ ހިލާފަށް މުބާރާތުގެ އޮޑިޝަން ބުރަކާއި މުބާރާތުގެ ސެމީ ފައިނަލްގެ އިތުރުން މުބާރާތުގެ ފައިނަލް ބުރެއް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެެވެ.
މުބާރާތުގައި ބައިވެރިވުމަށް ހުޅުވާ މުއްދަތުގެ ތެރޭގައި ފޯމް ހުށައަޅާ ފަރާތްތަކުގެ މެދުގައި ކުރިއަށްގެންދާ އޮޑިޝަން ބާއްވާނީ ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ކަނޑައަޅާ ރަށްތަކުގައާއި މާލޭގައެވެ. ފޯމު ހުށައަޅާ ފަރާތްތަކަށް ހާޒިރުވާން އެންމެ ފަސޭހަ ރަށެއްގައި އޮންނަ އޮޑިޝަނެއްގައި ބައިވެރިވެވޭނެއެވެ.
ސެމީ ފައިނަލް ބުރަށް ދާނީ، އޮޑިޝަނުގެ ކޮންމެ ކެޓަގަރީއަކުން %80 ވުރެ މަތިން މާކްސް ހޯދާ ބައިވެރިންގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 500 ބައިވެރިންނެވެ. އަދި ފައިނަލް ބުރަށް ދާނީ ސެމީ ފައިނަލުގެ ކޮންމެ ކެޓަގަރީއަކުން %85 އަށްވުރެ މަތިން މާކްސް ހޯދާ ބައިވެރިންގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭ 150 ބައިވެރިންނެވެ.މުބާރާތުގެ ފައިނަލް ބުރު ކުރިއަށް ގެންދާނީ މާލޭގައެވެ. މުބާރާތުގައި ބައިވެރިވުމަށް އަތޮޅުތަކުން މާލެ އަންނަ ފަރާތްތަކަށް އެލަވަންސެއް ދޭން ވަނީ ނިންމާފައެވެ. ފައިނަލުގައި ވާދަކުރާ ބައިވެރިންގެ ތެރެއިން ބަލައިގެންނާއި ނުބަލައި ކިޔެވުމުގެ އުމުރުފުރާތަކުން އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވާނެއެވެ. އަދި މުޅި މުބާރާތުން ބަލައިގެންނާއި ނުބަލައި ކިޔެވުމުގެ ބައިންނާއި ޙާފިޡުންގެ ބައިން އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އިނާމް ލިބޭނީ ދެ ގޮފިންނާއި ހާފިޡުންގެ ބައިން އެއްވަނަ ދެވަނަ އަދި ތިންވަނައަށް ހޮވޭ ބައިވެރިންނަށެވެ.މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހާފިޘުންގެ ބައިގެ އިތުރުން 8 އުމުރުފުރާއަކަށް ބަހާލައިގެންނެވެ.






