
ރ. އަތޮޅުގައި ކުރިއަށް ގެންދިޔަ ރައްކާ ރޯޑް ޝޯގެ ހަރަކާތްތައް ކާމިޔާބުކަމާއެކު ނިންމާލައިފި
# ދިވެހި ފުލުހުންގެ ޙިދުމަތް-
ރ. އަތޮޅުގައި ކުރިއަށް ގެންދިޔަ ރައްކާ ރޯޑް ޝޯގެ ހަރަކާތްތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި އެޕްރީލް މަހުގެ 17 އިން 27 އަށް މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ރަށްރަށުގެ މުއައްސަސާތަކާއި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުމާ އެކުގައެވެ.
ރައްކާ ރޯޑް ޝޯއަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރުވުމަށާއި، ރައްކާތެރި މުޖުތަމައެއް ބިނާކުރުމަށް 2014 ވަނަ އަހަރުން ފެށިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ ސިލްސިލާ ހަރަކާތެކެވެ. މި ޝޯ ކުރިއަށް ގެންދަނީ ޕްރޮގްރާމްގެ ސްޕޮންސަރުންގެ އެހީތެރިކަމާއެކުގައެވެ.
ރައްކާ ރޯޑް ޝޯގެ ދަށުން ޒުވާނުންނާއި، ދަރިވަރުންނާއި، ބެލެނިވެރިންނާއި، މުޖުތަމައުގެ އިސް ފަރާތްތަކުގެ އިތުރުން އެކި ދާއިރާތަކުގެ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން ތަފާތު ގިނަ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. މި ހަރަކާތްތަކަކީ މަގުމަތީގެ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމުގެ އާދަ އެންމެންގެ ކިބައިގައި އަށަގެންނެވުމާއި، އެ ގަވާއިދުތަކަށް ބޯލެނބުމަށް ބާރުއެޅުމުގެ އިތުރުން، މަގުމަތީގެ އެކްސިޑެންޓުތައް މަދުކުރުމަކީ އެންމެން ގުޅިގެން އެންމެންގެ ބައިވެރިވުން އޮވެގެން ހާސިލުކުރެވޭނެ ކަމެއްކަން ބުނެދީ އެކަމަށް މަސައްކަތް ކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތްތަކެކެވެ.
ރައްކާ ރޯޑް ޝޯގެ ދަށުން ކުޅިވަރު ހަރަކާތްތަކާއި ކުއިޒް މުބާރާތެއްގެ އިތުރުން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވުމަށާއި، އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިކުރުވުމަށާއި ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރުމަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދީފައިވެއެވެ. އެގޮތުން، ސްކޫލުތަކުގެ ދަރިވަރުންނާއި ރަށްރަށުގެ ހުރިހާ ރައްޔިތުން ހިމެނޭ ގޮތަށް މައުލޫމާތު ދިނުމުގެ ސެޝަންތަކާއި ވޯކް އެންޑް ޓޯކް ހަރަކާތްތައް ރ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށް ގެންގޮސްފައިވެއެވެ.
މި ހަރަކާތުގެ ތެރެއިން، އުނގޫފާރު، މީދޫ އަދި ދުވާފަރު ސުކޫލު ދަރިވަރުންނަށް ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މައުލޫމާތު ހިމެނޭ ބިލްބޯޑު ދުވާފަރުގެ މަގުތަކުގައި ހަރުކުރުމުގެ އިތުރުން ކުޑަކުދިންނަށް ހާއްސަކޮށްގެން ބީޗް ބްލާސްޓްގެ ނަމުގައި މޫދު ކުޅިވަރު ހަރަކާތްތަަކެއް ވެސް ދުވާފަރުގައި ކުރިއަށް ގެންގޮސްފައިވެއެވެ.
އޭގެ އިތުރުން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ ގޮތުން ރޯޑް ސޭފްޓީ ހިނގާލުމެއް ބާއްވާފައިވެއެވެ. މި ހިނގާލުމުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން، ދުވާފަރުގެ ރައްޔިތުންނާއި މުޖުތަމައުގެ އެކި ފަރާތްތަކާއި މުއައްސަސާތަކުގެ މަންދޫބުން ބައިވެރިވެލެއްވިއެވެ. މި ހަރަކާތުގައި އިސްކަންދީފައިވަނީ މަގުމަތީގެ ސަލާމަތަކީ އެންމެންގެ ޒިންމާއެއް ކަމުގެ މެސެޖު ފޯރުކޮށްދިނުމަށެވެ. އެގޮތުން ޓްރެފިކް ގަވާއިދުތަކަށް ބޯލެނބުމާއި، ހިނގާ މީހުންނަށް ސަމާލުވުމާއި، މަގު ބޭނުންކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ބާރުއަޅާފައިވެއެވެ.
ގުޅުންހުރި

ރ. އަތޮޅުގައި ކުރިއަށް ގެންދިޔަ ރައްކާ ރޯޑް ޝޯގެ ހަރަކާތްތައް ކާމިޔާބުކަމާއެކު ނިންމާލައިފި

ބަނގުރާ ގެންގުޅެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ލަންކާގެ ތިން މީހުން ހައްޔަރުކޮށްފި

މާލޭގެ ދެ ތަނެއް ބަލައި ފާސްކޮށް 51 ފުޅި ބަނގުރަލާއިއެކު ބިދޭސީއަކު ހައްޔަރަށް!




