
ކޮންމެ ދަރިވަރަކީވެސް އުއްމީދާއެކުގައި މަސައްކަތްކުރާ ދަރިވަރަކަށް ވާން ޖެހޭނެ - ޝަހީމް
# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ-
އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ދެވަނަ ދަންފަޅި ޝަރަފްވެރިކޮށްދެއްވައިފިއެވެ.

މިއަދު މެންދުރުފަހު ކުރިއަށްދިޔަ މި ދަންފަޅީގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ޗާންސެލަރާއި، ވައިސް ޗާންސެލަރު އަދި ޔުނިވާސިޓީގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ. މި ދަންފަޅީގައި ޤައުމީ ޔުނިވާސިޓީގެ 4 ފެކްލަޓީއަކުން 116 ދަރިވަރުން ދަސްވެނިވެފައިވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ޤައުމީ ޔުނިވާސިޓީއަށް އަންނަމުންދާ ކުރިއެރުމާއި ޢިލްމީ ގޮތުން ޙާސިލްކުރަމުންދާ އާ އުސްމިންތައް ފާހަގަކުރައްވާ ޔުނިވާސިޓީގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން މިއަދު ދަސްވެނިވި ދަރިވަރުންނާއި މުޚާޠަބުކޮށް މުހިއްމު ވާހަކަފުޅުތަކެއް ވަޒީރު ދެއްކެވިއެވެ.
އެގޮތުން ޢިލްމު ލިބިފައިތިބި މީހުންނަކީ ވަރަށް އޯގާތެރި ބަޔަކަށް ވާން ޖެހޭނެކަމަށާއި މީހުންނަށް އޯގާތެރިވުމާއި އެހީތެރިވުމަކީ ﷲ ސުބުޙާނަޙޫ ވަތަޢާލާ ނުހަނު މަތިވެރި ދަރަޖައަކަށް ލޯބިވެވޮޑިގަންނަވާކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ކޮންމެ ދަރިވަރަކީވެސް އުއްމީދާއެކުގައި މަސައްކަތްކުރާ ދަރިވަރަކަށް ވާން ޖެހޭނެކަމަށާއި، އަބަދުވެސް ކުރިއަރާ ދިއުމަށް މަސައްކަތްކުރާ ދަރިވަރަކަށް ވާން ޖެހޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ވަނީ މިފަދަ ޝަރަފްވެރި ރަސްމިއްޔާތަކަށް ދަޢުވަތު ދެއްވީތީ ޔުނިވާސިޓީގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.
ގުޅުންހުރި

ކޮންމެ ދަރިވަރަކީވެސް އުއްމީދާއެކުގައި މަސައްކަތްކުރާ ދަރިވަރަކަށް ވާން ޖެހޭނެ - ޝަހީމް

އިސްލާމީ ވަޤްފު ފަންޑު ތަރައްޤީ ކުރުމާއި އިމާމުންނާއި ޚަޠީބުން ތަމްރީން ކުރުމަށް އިންޑޮނޭޝިޔާއާއިއެކު މަޝްވަރާތަކެއް!

ހުޅުމާލެ ބޮޑު މިސްކިތުގެ މަޝްރޫޢުއަށް ފައިނޭންސް ކުރުމަށް ސަޢުދީގެ އަލްރަޖްޙީ އާއިއެކު ސޮއިކޮށްފި




