
އިސްލާމީ ވަޤްފު ފަންޑު ތަރައްޤީ ކުރުމާއި އިމާމުންނާއި ޚަޠީބުން ތަމްރީން ކުރުމަށް އިންޑޮނޭޝިޔާއާއިއެކު މަޝްވަރާތަކެއް!
# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ-
ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ، އިންޑޮނޭޝިޔާގެ ވައިސް މިނިސްޓަރ އޮފް ފޮރިން އެފެއާޒް މުޙައްމަދު އަނިސް މައްޓާ، އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ، އިންޑޮނޭޝިޔާގެ ވައިސް މިނިސްޓަރ އޮފް ފޮރިން އެފެއާޒް މުޙައްމަދު އަނިސް މައްޓާ ދިވެހިރާއްޖެއަށް ވަޑައިގަންނަވާ، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއަށް ޒިޔާރަތް ކުރެއްވީތީ ޝުކުރު އަދާކުރައްވާފައެވެ.
އަދި ދިވެހިރާއްޖެއާއި އިންޑޮނޭޝިޔާއަކީ ޒަމާންވީ އަޚުވަންތަ ދެ ޤައުމުކަން ފާހަގަކުރައްވާ، އިސްލާމީ ދާއިރާއިން ދެ ޤައުމުން ގުޅިގެން ކުރެވިދާނެ މުހިއްމު ކަންކަމާއި ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވެއެވެ.
މީގެ ތެރޭގައި އިސްލާމީ ވަޤްފު ފަންޑު ތަރައްޤީ ކުރެވޭނެ ގޮތްތަކާއި، އިމާމުންނާއި ޚަޠީބުން ތަމްރީން ކުރުމަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
މީގެ އިތުރުން ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ، އިންޑޮނޭޝިޔާގެ ވައިސް މިނިސްޓަރ އޮފް ފޮރިން އެފެއާޒް މުޙައްމަދު އަނިސް މައްޓާ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ އިސްވެރިންނާއިވެސް އިއްޔެ ވަނީ ބައްދަލުކުރައްވާފައި އެވެ.
އިއްޔެ މެންދުރުފަހު އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްގެ އިތުރުން ވުޒާރާގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ވުޒާރާއިން ކުރަމުންދާ މުހިއްމު މަސައްކަތްތަކާއި، ވުޒާރާގެ ދަށުން މަސައްކަތްކުރާ އެކި އިދާރާތަކުގެ މަސައްކަތްތަކުގެ ތަފްސީލް ވައިސް މިނިސްޓަރ އޮފް ފޮރިން އެފެއާޒް މުޙައްމަދު އަނިސް މައްޓާއަށް އަރުއްވާފައިވެއެވެ.
އަދި އިސްލާމީ ދާއިރާއިން ދެ ޤައުމު ގުޅިގެން ކުރެވިދާނެ މުހިއްމު މަސައްކަތްތަކާއި ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވެއެވެ.
މި ބައްދަލުކުރެއްވުމުގެ އިތުރުން އިންޑޮނޭޝިޔާގެ ވައިސް މިނިސްޓަރ އޮފް ފޮރިން އެފެއާޒް މުޙައްމަދު އަނިސް މައްޓާ މިއަދު ވަނީ އިސްލާމީ މަރުކަޒާއި މާލެ ހުކުރު މިސްކިތްވެސް ބައްލަވާލައްވާފައެވެ.
ގުޅުންހުރި

އިސްލާމީ ވަޤްފު ފަންޑު ތަރައްޤީ ކުރުމާއި އިމާމުންނާއި ޚަޠީބުން ތަމްރީން ކުރުމަށް އިންޑޮނޭޝިޔާއާއިއެކު މަޝްވަރާތަކެއް!

ހުޅުމާލެ ބޮޑު މިސްކިތުގެ މަޝްރޫޢުއަށް ފައިނޭންސް ކުރުމަށް ސަޢުދީގެ އަލްރަޖްޙީ އާއިއެކު ސޮއިކޮށްފި

ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ގަވާއިދަށް މިއަހަރު ބަދަލުތަކެއް: މިފަހަރު ތިން ބުރު އޮންނާނެ!




