
ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އިިސްލާމީ ޙުދޫދުގެ ތެރޭގައި ދަމަހައްޓަންޖެހޭ- މިނިސްޓަރު ޝަހީމް
# ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު# އިސްލާމިކް މިނިސްޓްރީ# ނޫސްވެރިކަންއިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް
ގާނޫނު އަސާސީން ލިބިދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އިސްލާމީ ޙުދޫދުގެ ތެރޭގައި ދަމަހައްޓަންޖެހޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިޔާލު ފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން ގާނޫނު އަސާސީގެ ދަށުން ރާއްޖޭގައި ނޫސްވެރިންނަށް ފުރިހަމަ މިނިވަންކަން ލިބިފައިވާކަމަށާއި، އެކަމުގެ ބޭނުން ހެޔޮ ގޮތުގައި ހިފާ، އަނިޔާވެރިކަމާއި ބޭއިންސާފާއި ކޮރަޕްޝަން ނައްތާލުމުގައި ނޫސްވެރިކަން މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.
ނޫސްވެރިކަމަކީ ރާއްޖޭގައި ގައުމީ ފެންވަރުގައި އަގުވަޒަން ކުރެވޭ ކަމެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމަކީ އިސްލާމްދީނާއި ގާނޫނު އަސާސީގެ އިމުން ބޭރުން މީހުންގެ އަބުރާއި އިއްޒަތަށް އަރައިގަނެ ފުރައްސާރަކޮށް ބުލީކުރުމުގެ ނިޒާމަކަށް ބަދަލުވެއްޖެ ނަމަ މުޖުތަމަޢއުހަލާކުވެގެން ހިނގައިދާނެ ކަމެއް ކަމަށެވެ. އަދި ނަޒާހަތްތެރި ނޫސްވެރިކަމަކީ މުޖުތަމައު ސަލާމަތުގެ އައްސޭރިއަށް ގެންގޮސްދޭނެ ވަރުގަދަ ނިޒާމެއްކަމާއި، ނޫސްވެރިކަން ހެޔޮގޮތުގައި ދަމަހައްޓަން މަސައްކަތްކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ނޫސްވެރިކަމަށް ބޮޑު އަހައްމިއްޔަތުކަމެއްދޭ ސަރުކާރެއް ކަމަށެވެ. އެކަމުގެ ހެއްކަކީ ރައީސް ކޮންމެ ހަފްތާއަކު ނޫސްވެރިންނާ ބައްދަލުކުރައްވާ ނޫސްވެރިން ސީދާ ކުރާ ސުވާލުތަކަށް ޖަވާބު ދެއްވުމާއި އެކަން އެގޮތަށް ކުރުމަށް މިނިސްޓަރުންނަށް ބާރު އަޅުއްވާކަމީ ފެންނަން އޮތް ހަގީގަތެއް ކަމަށެވެ. އަދި މައުލޫމާތު ހާމަކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ އެހެން އެއްވެސް އިރަކު ރައީސްއަކަށް، އެމަނިކުފާނުގެ ބޭފުޅުންނާއި، އާއިލާއަށާއި، މިނިސްޓަރުންނާއި، މިނިސްޓަރުންގެ އާއިލާތަކަށް ފުރައްސާރަނުކުރާ މިންވަރަށް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒާއި، އެމަނިކުފާނުގެ ބޭފުޅުންނާއި، އާއިލާއަށާއި، މިނިސްޓަރުންނާއި، މިނިސްޓަރުން އާއިލާތަކަށް ރާއްޖޭގެ ބައެއް ނޫސްތަކުންނާއި ޗެނަލްތަކުންނާއި ސޯޝަލް މީޑިއާގެ ވަގު އެކައުންޓްތަކުން ފުރައްސާރަކުރަމުންދާ ކަމަށެވެ. އަދި އިންސާފަށް ލޯބިކުރާ އެއްވެސް ރައްޔިތަކު މިކަންކަން ބަލައި ނުގަންނާނެކަން ހާމަކުރައްވާ މިނިސްޓަރު ވިދާޅުވީ ފާޑުކިޔުމަކީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް ޒާތީ ގޮތުން ދިމާކުރުމަކީ ބަލައި ނުގަނެވޭ އަމަލެއް ކަމަށެވެ.
"އަބުރާ ބެހުމާއި ގަޒުފުކުރުމާއި ފުރައްސާރަކުރުމާއި ނުބައި ލަޤަބުތަކުން މީހުންނާ މުޚާޠަބްކުރުމާއި ދޮގު ވާހަކަ ފެތުރުމަކީ ކީރިތި ޤުރްއާނާއި ނަބިއްޔާގެ ސުންނަތުގައި ނަހީކުރައްވާފައިވާ ކަންކަމެއް. އިންސާނަކަށް ލިބިގެންވާ އެންމެ މަތިވެރި ޝަރަފަކީ އޭނާގެ އަބުރާއި ކަރާމަތުގެ ޝަރަފް. އެއީ އިންސާނާގެ މަޢުނަވީ ޝަޚްޞިއްޔަތު. އެހެންކަމުން އަބުރު ޙިމާޔަތްކުރުމަކީ އިސްލާމީ ޝަރީޢަތުގެ އެންމެ މަތިވެރި ފަސް މަޤުޞަދުގެ ތެރޭގައި ލައްވާފައިވޭ" މިނިސްޓަރު ވިދާޅުވި އެވެ.
ހެޔޮ ގޮތުގައި މަސައްކަތްކުރާ ނޫސްވެރިންގެ މަސައްކަތްތައް ބަލައިގަނެ އަގުވަޒަން ކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ނޫސްވެރިކަމަކީ އަދަބިއްޔާތުގެ ތެރޭގައި ނަޤުދީ ވިސްނުމާއި ބިނާކުރަނިވި ފާޑުކިޔުމުގެ މައްޗަށް ހިނގާ ނިޒާމަކަށް ވެއްޖެ ނަމަ މުޅި މުޖުތަމައުއަށް ފައިދާވާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ގުޅުންހުރި

ނޫސްވެރިކަމަކީ މީހުންގެ އަބުރު ކަތިލައި، ގައުމުގެ ހަމަޖެހުން ނަގާލައިގެން އާމްދަނީ ހޯދާ ވިޔަފާރިއަކަށް ވެގެން ނުވާނެ- މިނިސްޓަރު މުއްތޮލިބު

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އިިސްލާމީ ޙުދޫދުގެ ތެރޭގައި ދަމަހައްޓަންޖެހޭ- މިނިސްޓަރު ޝަހީމް

ސަޢުދީ ޢަރަބިއްޔާއިން ހަދިޔާކުރި ކަދުރު ބަހަން ފަށައިފި




