
އެޗްޑީސީގެ "ވިލުންވެރި ކަނބަލުން" ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
# އަންހެނުން ބާރުވެރިކުރުވުން# އެޗްޑީސީ-
މުޖުތަމައުގައި އަންހެނުން ބާރުވެރިކުރުވައި، ފަންނީ ތަމްރީނުތައް ފޯރުކޮށްދިނުމަށް އަންހެނުންނަށް ހާއްސަކޮށްގެން ބާއްވާ "ވިލުންވެރި ކަނބަލުން" ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ މިއީ އެޗްޑީސީއާ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ކުރިއަށްގެންދާ "ވިލުންވެރި ކަނބަލުން" ޕްރޮގްރާމްގެ އާ ބުރެއް މިއަހަރު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
މި ތަމްރީނު ޕްރޮގްރާމަކީ ގޭތެރޭގައި ބޭނުންކުރާ ކަރަންޓު ސާމާނަށް ދިމާވާ އާންމު މައްސަލަތައް ހައްލުކުރުމުގެ ހުނަރު ދަސްކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް އެޗްޑީސީން ބުންޏެވެ. އަދި މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ކޮންމެ ކަމެއްގައި އެހެން މީހުންނަށް ބަރޯސާވުމުގެ ބަދަލުގައި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް، ފަންނީ ދާއިރާތަކުން އަންހެނުން ބާރުވެރިކުރުމެވެ.
2023 ވަނަ އަހަރު މި ޕްރޮގްރާމަށް ލިބުނު ބޮޑު ތަރުހީބަށް ރިއާޔަތްކޮށް އެޗްޑީސީން ބުނީ މިއަހަރުގެ ތަމްރީނުތަކުގެ ދާއިރާ އިތުރަށް ފުޅާކޮށްފައިވާ ކަމަށެވެ.
އެގޮތުން، މިދިޔަ އަހަރު 323 ބައިވެރިންނާއެކު ކުރިއަށްގެންދިޔަ "ޑޮމެސްޓިކް އެޕްލައެންސަސް" މަރާމާތުކުރުމުގެ ތަމްރީނުތަކުގެ އިތުރުން، ސައިކަލަށް ދިމާވާ އާންމު މައްސަލަތައް ހައްލުކުރަން ދަސްކޮށްދިނުމަށް މިއަހަރުގެ ތަމްރީނު ޕްރޮގްރާމުގައި ވަނީ ހިމަނާފަ އެވެ.
ވިލުންވެރި ޕްރޮގްރާމެއްގެ ދަށުން- ފޮޓޯ: އެޗްޑީސީ
އެމްއައިޓީއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މިފަދަ ތަމްރީނުތަކުގެ ސަބަބުން އަންހެނުންނަކީ ގޭތެރޭގެ ކަންކަމުގައި ވިލުންވެރި އަދި އަހުލުވެރި ބަޔަކަށް ވެގެންދާނެކަމަށް އެޗްޑީސީން ބުންޏެވެ.މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ޒުވާނުންނަށް އަމާޒުކޮށްގެން ހުނަރުވެރި ކުރުވުމުގެ އިތުރު ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށްވެސް ރޭވިފައިވާ ކަމަށް އެޗްޑީސީން ފާހަގަކުރެ އެވެ.
މިއަހަރުގެ ޕްރޮގްރާމްގެ ކްލާސްތައް ފެށުމަށް ތާވަލުކޮށްފައިވަނީ މި އަންނަ މަހުގެ 7 ވަނަ ދުވަހު އެވެ. އަދި މި ތަމްރީނުތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެޗްޑީސީގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ރަޖިސްޓްރީވުމުގެ އެންމެ ފަހު ތާރީޚަކީ މި އަންނަ މަހުގެ 3 ވަނަ ދުވަހެވެ.
އެޗްޑީސީން ބުނީ އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުވުމުގެ މިފަދަ ކަންކަމަށް ފުރިހަމަ އެއްބާރުލުން އެޗްޑީސީން ދެމުންގެންދާނެ ކަމަށެވެ.އަދި މިފަދަ ޕްރޮގްރާމްތަކަށް ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފާހަގަކޮށް އެޗްޑީސީން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ގުޅުންހުރި

އެޗްޑީސީގެ "ވިލުންވެރި ކަނބަލުން" ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެޗްޑީސީގެ ވިލުންވެރި ކަނބަލުން ޕްރޮގްރާމް: ގޭތެރޭގައި ހިފާގެންގުޅޭ ކަރަންޓު ސާމާނު އަމިއްލައަށް މަރާމާތުކުރަން ދަސްކޮށްދޭ ހާއްސަ ކްލާސްތަކެއް ފަށަނީ

އެޗްޑީސީން 71 ރަށެއްގެ އައުޓްޑޯ ޖިމްގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް




