
ތިލަފުށި
ތިލަފުށީ ފަޅުތެރޭގައި ހުރި އުޅަނދުތައް ނެގުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، (އެޗްޑީސީ) އިން އަންގައިފިއެވެ.

އެޗްޑީސީ އިން މިގޮތަށް އަންގާފައި މިވަނީ މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައެވެ.
މިއީ މާލޭ ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ބައެކެވެ.
އެޗްޑީސީ އިން ބުނީ ތިލަފުށީގެ މެދަށްވާ ގޮތަށް އޮންނަ ފަޅުގައި އަޅާފައިވާ އުޅަނދުތަކާއި، ދޫކޮށްލާފައިވާ ތަކެތީގެ އިތުރުން އަޑިއަށް ގޮސްފައިވާ އުޅަނދުތައް ހަތް ދުވަހުގެ ތެރޭގައި ނަގައި ހުސްކުރަންޖެހޭނެ ކަމަށެވެ. މި މުއްދަތުގައި ނުނަގާ ހުންނަ އުޅަނދުތަކާ މެދު އުސޫލުގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް އެ ކޯޕަރޭޝަނުން ވަނީ ދީފައެވެ.
މި މަޝްރޫއުގެ ދަށުން ބަނދަރު ތަރައްގީކުރުމުގެ މައިގަނޑު މަސައްކަތްތައް ހަވާލުކޮށްފައިވަނީ ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީއާއެވެ. އޭގެ ތެރޭގައި 1,000 މީޓަރަށްވުރެ ދިގު ބައިނަލްއަގުވާމީ ކީ-ވޯލްއަކާއި، މާލޭގެ އުތުރު އަދި ހުޅަނގު ދެކުނު ބަނދަރު ބޭނުންކުރާ އުޅަނދުތަކަށް ހާއްސަ 2,000 މީޓަރުގެ ޑޮމެސްޓިކް ޓާމިނަލެއް ހިމެނެއެވެ.
މީގެ އިތުރުން، މަޝްރޫއުގެ ބައެއް މަސައްކަތްތައް މިދިޔަ މަހު ވަނީ އެމްޓީސީސީއާވެސް ހަވާލުކޮށްފައެވެ. އެމްޓީސީސީން ކުރިއަށްގެންދާނީ 100 މީޓަރުގެ ޑޮމެސްޓިކް ކީ-ވޯލްއެއް ހެދުމާއި ތިން ހެކްޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް އެޅުމުގެ މަސައްކަތެވެ.ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ މާލޭ ވިޔަފާރި ބަނދަރުގެ 80 އިންސައްތަ މަަސައްކަތް ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތްތައް އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ. އަދި ތިލަފުއްޓަށް ވިޔަފާރި ބަނދަރު ބަދަލުކުރުމުން، މިހާރު ވިޔަފާރި ބަނދަރު ހުރި ސަރަހައްދުން އެއްވެސް ޚިދުމަތެއް ނުދޭނެ ކަމަށާއި، ހުރިހާ ކަމެއްވެސް ކުރާނީ އިންޑަސްޓްރިއަލް ވިލެޖު އަދި ތިލަފަށީގައި ކަމަށެވެ.
ތިލަމާލެ ބްރިޖް ބޭނުންކުރަން ނުފެށިކަމުގައިވިއަސް ޕޯޓު އޮޕަރޭޝަންތައް ކުރިއަށް ގެންދެވޭނެކަމަށާއި، ކޮންޓެއިނަރ އޮޕަރޭޝަނާއެކު ރޯރޯ ފެރީ ޚިދުމަތްވެސް ދޭ ގޮތަށް އޮޕަރޭޝަން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.މި ބަދަލާއެކު ރާއްޖޭގެ ލޮޖިސްޓިކްސް ދާއިރާއަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން އުންމީދު ކުރެއެވެ. އަދި އޭގެ ސަބަބުން މުދާ ބޭލުމާއި އުފުލުމުގެ ނިޒާމު މިހާރަށްވުރެ ހަލުވިވެ، އިގްތިސާދީ ގޮތުން ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް އެކުންފުނިން ފާހަގަކުރެއެވެ.
ގުޅުންހުރި

މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއާ ގުޅިގެން އެމްޕީއެލް އިން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފި

ތިލަފުށީ ފަޅުތެރޭގައި ހުރި އުޅަނދުތައް ނެގުމަށް އެޗްޑީސީން އަންގައިފި

ހުޅުމާލެ ފަޅުތެރެއަށް ކުނި އުކާލުމުގައި ވެމްކޯގެ އިހުމާލެއް ނެތް: އެމްޑީ




