
"މަދިރިން ރައްކާ" ކެމްޕޭނު: އިއްޔެ އެކަނިވެސް އަމާން ޓަވަރުތަކުގެ ސަރަހައްދުން 670 ޓަނުގެ ކުނި އުކާލައިފި
# އެޗްޑީސީ-
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްނަގައިގެން ކުރިއަށްގެންދާ "މަދިރިން ރައްކާ" ކެމްޕޭނުގެ ދަށުން، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ގުޅިގެން ހުޅުމާލޭގެ "އަމާން" ޓަވަރުތައް ހިމެނޭ ސަރަހައްދު ސާފުކުރުމަށް އިއްޔެ ފެށި ބޮޑު ހަރަކާތުގެ ތެރެއިން އެކަނިވެސް 670 ޓަނުގެ ކުނި އުކާލައިފިއެވެ.

މިއީ އެ ސަރަހައްދުގައި ހުރި މަދިރި އާލާވާ ފަދަ ތަންތަން ނައްތާލައި، މަދިރީގެ ޒަރީއާއިން ފެތުރޭ ނުރައްކާތެރި ބަލިތަކުން އާންމު ރައްޔިތުން ސަލާމަތްކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ. އިއްޔެ ހެނދުނު ކުރިއަށްދިޔަ މި މަސައްކަތުގެ ދަށުން، އަމާން ދޯދި 11 އިން ފެށިގެން 14 ވަނަ ޓަވަރު ހިމެނޭ ސަރަހައްދުގައި ހުރި ކުނިތައް އެކި ބާވަތްތަކަށް ވަކިކޮށް، އެ ސަރަހައްދު އެއްކޮށް ސާފުކުރުމުގެ މަސައްކަތް ވަނީ ފުރިހަމަކޮށްފައެވެ.
ސާފުކުރުމުގެ ހަރަކާތް އެއްކޮށް ނިމުމުން އެ ސަރަހައްދު ހިތްގައިމު "ގްރީން ޒޯނަކަށް" ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.
އެގޮތުން، އެ ސަރަހައްދުގައި އާންމުންނަށް މަޑުކޮށްލައިގެން ތިބެވޭނެ ގޮތަށް ޖޯލިފަތިތަކާއި ބައްތިތައް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ހަރަކާތުގައި އަމާން ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންގެ އިތުރުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)، މޯލްޑިވްސް ޕޮލިސް ސާވިސް އަދި މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ) ގެ މުވައްޒަފުން އަމަލީގޮތުން ބައިވެރިވެފައިވެއެވެ. ހަރަކާތުގެ ތެރެއިން އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނިޝާން ވަނީ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށް ކުނި މެނޭޖްކުރުމާއި ފެން ހަރުލާ ތަންތަން ނައްތާލުމުގެ މުހިންމުކަމާ ބެހޭގޮތުން މައުލޫމާތު ދެއްވާފައެވެ.
އަދި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު ވަނީ ހުޅުމާލެއަކީ އަމާން، ރައްކާތެރި އަދި ހިތްފަސޭހަ ތަނަކަށް ހެދުމަށް މުއައްސަސާތަކާއި ރައްޔިތުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.
އަމާން ޓަވަރުތައް ހިމެނޭ ސަރަހައްދުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް އެފްޑީސީން އިސްނަގައިގެން "ފަހިސާފުވެށި" ކެމްޕޭނުގެ ދަށުން މީގެ ކުރިންވެސް ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން އެ ކެމްޕޭނުގެ ދަށުން މިހާތަނަށް ހިންގުނު ސާފުކުރުމުގެ ހަރަކާތްތަކުގައި އެ ސަރަހައްދުތަކުން ޖުމްލަ 5,040 ޓަނުގެ ކުނި (ގާތްގަނޑަކަށް 670,320 ކޮތަޅުގެ ކުނި) ވަނީ އުކާލާފައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، އޮކްޓޫބަރު 2025 އިން މާރިޗު 2026 އަށް ހިންގި ހަރަކާތުގައި 3,178 ޓަނުގެ ކުނި އުކާލެވިފައިވާއިރު، މޭ އިން ޖޫން 2026 އަށް ކުރިއަށްދިޔަ ޕްރޮގްރާމްގައި 1,862 ޓަނުގެ ކުނި ވަނީ އުކާލާފައެވެ.
މި މަސައްކަތްތަކަށް އެފްޑީސީގެ ބަޖެޓުން ޖުމްލަ 13.48 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.
"މަދިރިން ރައްކާ" ކެމްޕޭނަކީ ހުޅުމާލޭގައި މަދިރި އާލާވުން ކޮންޓްރޯލުކޮށް، މަދިރީގެ ޒަރީއާއިން ޖެހޭ ބަލިތައް ނައްތާލުމަށް އެޗްޑީސީން އިސްނަގައިގެން ސިލްސިލާކޮށް ކުރިއަށްގެންދާ ކެމްޕޭނެކެވެ. މީގެ ކުރިންވެސް މި ކެމްޕޭނުގެ ދަށުން ހުޅުމާލޭގެ ތަފާތު ސަރަހައްދުތައް ސާފުކުރުމާއި، ރަށުތެރެ ފޮގް ކުރުމުގެ ހަރަކާތްތައް ގަވާއިދުން ކުރިއަށް ގެންގޮސްފައިވެއެވެ.
ގުޅުންހުރި

"މަދިރިން ރައްކާ" ކެމްޕޭނު: އިއްޔެ އެކަނިވެސް އަމާން ޓަވަރުތަކުގެ ސަރަހައްދުން 670 ޓަނުގެ ކުނި އުކާލައިފި

ތިލަފުށީ ފަޅުތެރޭގައި ހުރި އުޅަނދުތައް ނެގުމަށް އެޗްޑީސީން އަންގައިފި

ހުޅުމާލެ ފަޅުތެރެއަށް ކުނި އުކާލުމުގައި ވެމްކޯގެ އިހުމާލެއް ނެތް: އެމްޑީ




