logoEN
WAMCO TOP 1
ސިއްހީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް އިތުރު ފުރުސަތުތައް ހޯދުމަށް  ޗައިނާގެ ސިޗުއާން ޕްރޮވިންސާއިއެކު ޝްވަރާކޮށްފި

ސިއްހީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް އިތުރު ފުރުސަތުތައް ހޯދުމަށް ޗައިނާގެ ސިޗުއާން ޕްރޮވިންސާއިއެކު ޝްވަރާކޮށްފި

އަހުމަދު ޝުރާއު

logo

4/23/2026, 6:43:40 PM

# ހެލްތު މިނިސްޓްރީ

-

މިނިސްޓްރީ އޮފް ހެލްތު، ފެމެލީ އެންޑް ވެލްފެއަރ އިން ޗައިނާގެ ސިޗުއާން ޕްރޮވިންސްގެ ވަފުދަކާ ބައްދަލުކުރައްވައިފި އެވެ.

THE TRAVELLER AD

ސްޓޭޓް މިނިސްޓަރު އިސްކޮށް ހުންނަވައިގެން ބޭއްވި މި ބައްދަލުވުމުގެ މަގުސަދަކީ ދިވެހިރާއްޖެއާއި ސިޗުއާންއާ ދެމެދު ސިއްހީ ދާއިރާއިން އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމެވެ.

މި ވަފުދުގައި ސިޗުއާން ފޮރިން އެފެއާޒް އޮފީހާއި، ސިޗުއާން ޕްރޮވިންޝަލް ހެލްތު ކޮމިޝަނާއި، ވެސްޓް ޗައިނާ ސެކަންޑް ޔުނިވަރސިޓީ ހޮސްޕިޓަލުގެ އިސް ބޭފުޅުންގެ އިތުރުން ޗައިނާ އެމްބަސީގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ އޯގަސްޓް 2024 ގައި ސޮއިކުރެވުނު "ސިޗުއާން–މޯލްޑިވްސް ހެލްތު ކޯޕަރޭޝަން" އެމް.އޯ.ޔޫގެ ދަށުން އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުންނެވެ. އޭގެ ތެރޭގައި ސިއްހީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާއި، ތައުލީމީ ތަޖުރިބާ ބަދަލުކުރުމާއި، ޓެލެމެޑިސިން އަދި ކުއްލި ހާލަތްތަކުގައި ދޭ ސިއްހީ ޚިދުމަތްތައް ހަރުދަނާކުރުން ހިމެނެއެވެ.

މިނިސްޓްރީން ވަނީ ރާއްޖޭގެ ސިއްހީ ނިޒާމު ރަށްރަށާއި، އަތޮޅުތަކާއި، ރީޖަނަލް އަދި ގައުމީ ފެންވަރުގައި ބެހިފައިވާ ގޮތުގެ މައުލޫމާތު ހިއްސާކޮށް، މުޅި ރާއްޖެއަށް ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތައް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.

މީގެ އިތުރުން، މައިންނާއި ކުޑަކުދިންގެ ސިއްހަތު ކުރިއެރުވުމާ ގޮތުން ދެފަރާތުން ޚިޔާލު ބަދަލުކުރިއެވެ. އަދި މި ދާއިރާއިން އެންމެ ރަނގަޅު އުސޫލުތައް ހިއްސާކުރުމަށާއި ސިއްހީ ޚިދުމަތްތެރިންނަށް ތަމްރީނުގެ ފުރުސަތުތައް ފުޅާކުރުމަށް ޝައުގުވެރިކަން ފާޅުކުރިއެވެ.

މިނިސްޓްރީން ވަނީ މި ގުޅުމުގެ ދަށުން މިހާރުވެސް ކުރިއަށްދާ މަސައްކަތްތައް ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި "ޗައިނާ (ސިޗުއާން)–މޯލްޑިވްސް ހެލްތު ސިލްކް ރޯޑް އެކްސްޗޭންޖް ޕްރޮގްރާމް" އާއި، ކުރިއަށް އޮތްތަނުގައި ޗައިނާގެ ޗެންގްދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ "ޕެލްވިކް ފްލޯ ޑިސްފަންކްޝަން" އާ ގުޅޭ ޚާއްސަ ތަމްރީނުތައް ހިމެނެއެވެ.

ބައްދަލުވުން ނިންމާލީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ރާއްޖޭގެ ސިއްހީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް އިތުރު ފުރުސަތުތައް ހޯދުމަށް ދެ ފަރާތުނއ ވަނީ އެއްބަސްވެފައެވެ.

ކޮމެންޓް
ފަހުގެ
HDC