
--
ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށާއި ހަށިގަނޑުގެ މަސްތައް ވަރުގަދަ ކުރުމަށް އެކި ނަންމުގައި ހުއްދަ ނުނަގައި ބޭސް އެތެރެކޮށް ވިއްކާނަމަ ފިޔަވަޅު އަޅާނެކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހާމަކޮށްފި އެވެ.

އެމްއެފްޑީއޭއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށާއި، ހަށިގަނޑުގެ މަސްތައް ވަރުގަދަ ކުރުމަށާއި (މަސަލް ބިލްޑް)، ހަންގަނޑު ރީތި ކުރުމުގެ އިތުރުން ޖިންސީ ކަންކަމުގައި ބޭނުން ކުރުމަށް، އެކިއެކި ނަންނަމުގައި، ބޭސް އިމްޕޯޓް ކުރުމާއި ވިއްކުމަށް ނަގަންޖެހޭ ހުއްދަތައް ނުނަގައި އިމްޕޯޓްކުރާ މައްސަލަ ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން އެފަދަ ބޭސްތައް އޮންލައިން މަސްދަރުތަކުގައާއި ބައެއް އާންމު ފިހާރަތަކުން ވެސް އިޝްތިހާރުކޮށް ވިއްކަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
އެ އޮތޯރިޓީން ބުނީ ޑޮކްޓަރެއްގެ އިރުޝާދާއި ނުލައި މިފަދަ ތަކެތި ގަނެ، ބައެއް އާންމުން މިފަދަ ތަކެތި ބޭނުން ކުރަމުން ގެންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެގޮތަށް ނަގަންޖެހޭ ހުއްދަތައް ނުނަގައި ވިއްކާ ބޭސްތަކަކީ އެ އޮތޯރިޓީގެ ފަރާތުން އެއްވެސް ގޮތަކަށް އޭގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކޮށްފައިވާ ބޭސްތަކެއް ނޫން ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
އެހެންކަމުން އެފަދަ ބޭސް ބޭނުންކުރުމުގެ ސަބަބުން އާއްމު ސިއްހަތަށް ނުހަނު ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ. އެގޮތުން ހިތް ހުއްޓުމާއި، ސްޓްރޯކް ޖެހުން ފަދަ ހިތާމަވެރި ހާދިސާތަކުގެ އިތުރުން ކުއްލި މަރަށް ހުށަހެޅުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އެފަދަ ބޭސްތަކަކީ ހަމައެކަނި ހުއްދަ ނަގައިގެން ހިންގާ ފާމަސީތަކުގައި، އެ ބޭސްތަކަށް ނަގަންޖެހޭ ހުއްދަ ނަގައިގެން ވިއްކޭނެ ތަކެތި ކަމަށް އެ އޮތޯރިޓީން ބުންޏެވެ. އަދި ހުއްދަ ނުނަގައި އިޝްތިހާރުކޮށް ވިއްކާ މިފަދަ ޕްރޮޑަކްޓްތައް މާކެޓުން ނެގުމުގެ މަސައްކަތް އެ އޮތޯރިޓީއިން ކުރިއަށް ގެންދާނެ ކަމަށް ވެސް ބުންޏެވެ. އަދި އެ އޮތޯރިޓީގެ ހުއްދަނެތި ބޭސް އިމްޕޯޓްކޮށް، ވިއްކައި އަދި އިޝްތިހާރުކުރާ ފަރާތްތަކަށް ފިޔަވަޅު ވެސް އަޅާނެ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
އެކަމާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާނަމަ އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރު، 7200321 އަށް ގުޅުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.
ގުޅުންހުރި

ހުއްދަނެތި ބޭސް އެތެރެކުރާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު!

އުމުރުން ދުވަސްވީ މީހުންގެ ސިއްޙީ އަދި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށް ދެމެހެއްޓުމާއި ގުޅޭ ގޮތުން ސިމްޕޯސިއަމްއެއް!

މިލަންދޫ ޞިއްޙީ މަރުކަޒުގައި އެކްސްރޭގެ ޚިދުމަތް ފަށައިފި




