logoEN
WAMCO TOP 1
ބީޗު ގޭމްސް: ވާދަވެރި ކުޅުމަކަށްފަހު ރާއްޖެ އިން މޮންގޯލިއާ ބަލިކޮށްފި

ބީޗު ގޭމްސް: ވާދަވެރި ކުޅުމަކަށްފަހު ރާއްޖެ އިން މޮންގޯލިއާ ބަލިކޮށްފި

ހަސަން ޝަމްއޫން

logo

4/23/2026, 8:00:13 AM

# ސީ ގޭމްސް# ބޭރު ދުނިޔޭގެ ކުޅިވަރު# ހޭންޑްބޯލް މޯލްޑިވްސް# ބީޗް ހޭންޑްބޯޅަ ޤައުމީ ޓީމު

ރާއްޖެއާއި މޮންގޯލިއާ ވާދަކުރި މެޗުގެ ތެރެއިން..

ޗައިނާގެ ސަންޔާ، ހައިނާން އައިލެންޑްގައި މިހާރު ކުރިއަށްދާ 06 ވަނަ އޭޝިއަން ބީޗް ގޭމްސްގައި މިއަދު ހެނދުނު ދިވެހިރާއްޖެ އާއި މޮންގޯލިއާ ވާދަކުރި މެޗު ފޯރިގަދަ ކުޅުމަކަށްފަހު ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ދިވެހިރާއްޖެ އިން ކާމިޔާބުކޮށްފިއެވެ.

THE TRAVELLER AD

މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ބަންގްލަދޭޝް އަތުން މޮޅުވި ނަމަވެސް ދެވަނަ މެޗުގައި ވަރުގަަދަ ޖޯޑަން އަތުން ސީދާ ދެ ސެޓުން ދިވެހި ޓީމު ވަނީ ބަލިވެފައެވެ. އަދި މުބާރާތުގައި މޮންގޯލިއާ ކުޅުނު ފުރަތަމަ ދެމެޗުގައި އޮމާން އަދި ތައިލެންޑާއި ވާދަކޮށް ސީދާ ދެ ސެޓުން އެޓީމު ވަނީ ބަލިވެފައެވެ.

މެޗުގެ ފުރަތަމަ ސެޓްގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ދެ ޕޮއިންޓްގެ ލީޑަކާއެކު 13-11 ގެ ނަތީޖާއަކުން މިސެޓް ކާމިޔާބުކުރީ މޮންގޯލިއާ އިންނެވެ. ނަމަވެސް ޖެހިގެން އައި ދެވަނަ ސެޓް 13-09 ގެ ނަތީޖާއަކުން ސެޓް ކާމިޔާބުކޮށް ދިވެހި ޓީމުން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ޝޫޓްއައުޓް ސެޓް 6-8 ގެ ނަތީޖާއަކުން ދިވެހި ޓީމު ކާމިޔާބުކުރިއިރު، މިމެޗުގައި ރާއްޖެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 10 ޕޮއިންޓް ހޯދައިދިން ޝިރާން އެވެ. އަދި މީގެ އިތުރުން މިމެޗުގައި ރާއްޖޭގެ ފަތުހުﷲ އާދަމް އަށް ޕޮއިންޓް ހޯދިއިރު، އަހުމަދު އަލީ އަދި މުހައްމަދު ނައީމް ޝަމްނޫޒް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ހަ ޕޮއިންޓް ހޯދާފައެވެ. އަދި ދިވެހި ޓީމުގެ އަނެއް ދެ ޕޮއިންޓް ހޯދައިދިނީ ރީހާން އެވެ.

މުބާރާތުގައި ދިވެހި ޓީމު ކުޅޭ ހަތަރުވަނަ މެޗުގައި މާދަމާ ހެނދުނު ރާއްޖެ ގަޑިން 9:00 ގައި އޮމާން އާއި ދެކޮޅަށް ކުޅުމަށްފަހު މާދަމާ ހަވީރު ރާއްޖެ ގަޑިން 16:00 ގައި ދިވެހި ޓީމުން ނުކުންނާނީ ތައިލޭންޑާއި ދެކޮޅަށެވެ.

21 އެޕްރީލް 2026 އިން 30 އެޕްރީލް 2026 ގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގެ ހޭންޑްބޯޅަ އިވެންޓްގައި މިފަހަރު ޖުމްލަ 14 ޓީމު ވާދަކުރާއިރު، ގްރޫޕް އޭގައި ހިމެނެނީ، ޗައިނާ، އިރާން، ފިލިޕީންސް، ހޮންގް ކޮންގް، އިންޑިއާ، ސްރީ ލަންކާ އަދި ބަހުރޭން އެވެ. ގްރޫޕް ބީގައި ރާއްޖޭގެ އިތުރުން ހިމެނެނީ، އޭޝިއާގެ ޗެމްޕިއަން އޮމާން، ޕާކިސްތާން، ޖޯޑަން، ބަންގްލަދޭޝް، ތައިލެންޑް، ގަތަރު އަދި މޮންގޯލިއާ އެވެ. އަދި މިގުރޫޕްގައި ހިމެނޭ އޮމާންގެ އިތުރުން ގަތަރަކީ 2024 ވަނަ އަހަރު ޗައިނާގައި ބޭއްވުނު ފިރިހެން ބީޗް ހޭންޑްބޯޅަ ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރި ދެ ޓީމެވެ. އަދި މިއަހަރު ކްރިއޭޝިއާގައި ބޭއްވި ފިރިހެން ބީޗް ހޭންޑްބޯޅަ ވޯލްޑް ޗެމްޕިއަންޝިޕްގައި އޭޝިއާ އިން ވާދަކޮށްފައިވަނީ އޮމާން އަދި އީރާން އެވެ. އަދި މިދެޓީމަކީ މިދިޔަ އަހަރު ބޭއްވުނު އޭޝިއަން ބީޗް ހޭންްޑްބޯޅަ ޗެމްޕިއަންޝިޕްގެ ފައިނަލުގައި ވެސް ވާދަކުރި ދެޓީމެވެ.

ކޮމެންޓް
ފަހުގެ
HDC