
-
ށ. މިލަންދޫ ގެއަކުން ޓީވީތަކަކާއި ސެންޓުފުޅިތަކެއް ވަގަށް ނެގި މައްސަލައެއްގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް އަދި އިތުރު ވައްކަމެއްގައި ވަގަށް ނެގި ލައްކައަކަށްވުރެ ގިނަ ރުފިޔާގެ އަގުހުރި ތަކެތި ހޯދައިފިއެވެ.

މި އެޕްރީލް މަހުގެ 19 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މި މައްސަލައާ ގުޅިގެން، އެޕްރީލް 21 ވަނަ ދުވަހު ހައްޔަރުކޮށްފައި ވަނީ ރެޑްރޯސް / ށ. މިލަންދޫ، އަޙްމަދު ޢަޒީމް (34އ) އަދި ތަރިވިދާގެ / ށ. މިލަންދޫ، މުޙައްމަދު ޝިފާއު (29އ) އެވެ. އެ މީހުން 10 ދުވަހަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ވަގަށް ނެގި ތަކެތީގެ ތެރޭގައި 60 އިންޗީގެ ސްކައިވޯތް ޓީވީއަކާއި، 65 އިންޗީގެ ޓީސީއެލް ޓީވީއަކާއި، 240 އެމެރިކާ ޑޮލަރުގެ އަގު ހުރި ގުޗީ ފުލޯރާ ސެންޓު ފުޅިއެއްގެ އިތުރުން ހަ ހާހެއްހާ ރުފިޔާގެ އަގުހުރި އިތުރު ސެންޓުފުޅިތައް ހިމެނެއެވެ. ވަގަށް ނެގި ހުރިހާ ތަކެއްޗެއް މިހާރު ވަނީ ހޯދައި ވެރިފަރަތާ ހަވާލުކޮށްފައެވެ.
މީގެ އިތުރުން މިލަންދޫ ގެއެއްގެ ގަރާޖުން ލައްކައަކަށް ވުރެ ގިނަ ރުފިޔާގެ އިންޖީނު ބައިތަކެއް ވަގަށް ނެގި މައްސަލައެއް ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އެ ވައްކަން ހިނގީ އެޕްރީލް 18 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. ވަގަށް ނެގީ ޔަމަހާ ބްރޭންޑްގެ އައުޓްބޯޑް ގިޔަރަކާއި އޭގައި އަޅުވައިފައިވާ ބުރަފައްޗެކެވެ. ވެރިފަރާތުން ބުނާ ގޮތުގައި އެ ތަކެތީގެ އަގު 120،000 ރުފިޔާއަށް ވުރެ ބޮޑެވެ.
ފުލުހުންގެ ތަހުގީގުގައި ކުރި މަސައްކަތުން، ވަގަށް ނެގި ތަކެތި ހަމަ އެ ދުވަހުގެ މެންދުރުފަހު 2:30 ހާއިރު މިލަންދޫ ފަޅުތެރޭގައި އަޅާފައި އޮތް ބޯޓެއްގެ ކައްޕިއަށް 2،500 ރުފިޔާއަށް ވިއްކާލާފައިވާކަމުގެ މައުލޫމާތު ލިބުނެވެ. އެހެންކަމުން، ފުލުހުން އެ ބޯޓަށް ގޮސް ބޯޓު ބަލައިފާސްކުރިއިރު، ބޯޓުގެ އިންޖީނުގެ ވަތުތެރެއިން، ވަގަށް ނެގި ތަކެތި ވަނީ ފެނިފައެވެ.
މި ދެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ގުޅުންހުރި

މިލަންދޫގައި ބޮޑެތި ވައްކަންތަކެއް: ދެމީހަކު ހައްޔަރުގައި!
.png&w=3840&q=75)
މިލަންދޫއިން މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ތިން މީހުން ހައްޔަރުކޮށްފި

އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މިލަންދޫގެ ތިން މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ
.jpg&w=3840&q=75)



