
ފަސޭހަކަމާއެކު ކުލަބު ހުޅު އަދި އޮސްޕްރޭ މޮޅުވިއިރު، ލަޔަންސް ތިންވަނަ މެޗުން ވެސް ބަލިވެއްޖެ
# ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެމްޕިއަންޝިޕް 2026# ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެލެންޖް 2025# ދިވެހި ކުޅިވަރުވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެމްޕިއަންޝިޕް : ފޮޓޯ: ގާފު ސްޕޯޓްސް
ހުޅުމާލޭގައި މިހާރު ކުރިއަށްދާ "ވަން ގޭމް ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025" ގެ އަންހެން ޑިވިޝަންގައި މިރޭ ކުޅުނު މެޗުތަކުން ކުލަބު ހުޅު އަދި އޮސްޕްރޭ ސްޕޯޓްސް އެކަޑެމީ މޮޅުވިއިރު، ގުރޫޕް ސްޓޭޖުގައި ކުޅުނު ތިންވަނަ މެޗުން ވެސް ލަޔަންސް ރެކްރިއޭޝަން ކުލަބު ބަލިވެއްޖެއެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ގުރޫޕް އޭގެ ކުލަބް ވިކްޓަރެސް އާއި ކުލަބު ހުޅު ވާދަކުރި މެޗު ފަސޭހަކަމާއެކު ސީދާ ދެ ސެޓުން ކާމިޔާބުކުރީ ކުލަބު ހުޅެވެ.
އެގޮތުން މެޗުގެ ފުރަތަމަ ސެޓް ވާދަވެރި ކުޅުމަކަށްފަހު 15-17 ގެ ނަތީޖާއަކުން ކުލަބު ހުޅު ކާމިޔާބުކުރިއިރު، ދެވަނަ ސެޓު އެޓީމުން ކާމިޔާބުކުރީ ފަސޭހަކަމާއެކު 14-21 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުލަބު ހުޅުގެ ޒުހާ ހުސެއިން އެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ހަތަރު ޕޮއިންޓާއެކު ގުރޫޕް އޭގެ ދެވަނައިގައި ކުލަބު ހުޅު އޮތްއިރު އެޓީމަށް ވަނީ ކުއާޓާ ފައިނަލުގެ ޖާގައެއް ޔަގީންވެފައެވެ. އަދި މިމެޗުން ބަލިވި ވިކްޓްރެސް އިން މުބާރާތް ނިންމާލީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް ބަލިވެ ގުރޫޕްގެ ފުލުގައި އޮވެއެވެ.
ވިޝަންގައި މިރޭ ކުޅުނު ދެވަނަ މެޗުގައި ގުރޫޕް ބީގެ ޒެފާރސް ސްޕޯޓްސް ކުލަބާއި ލަޔަން ރެކްރިއޭޝަން ކުލަބު ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޒެފާރސް އިންނެވެ.
އެގޮތުން މެޗުގެ ފުރަތަމަ ސެޓް 11-17 ގެ ނަތީޖާއަކުން ލަޔަންސް ކާމިޔާބުކުރި ނަމަވެސް ޖެހިގެންއައި ދެވަނަ ސެޓް 24-18 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޒެފާރސް އިން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. އަދި މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ތިންވަނަ ސެޓް 7-4 ގެ ނަތީޖާއަކުން ޒެފާރސް ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ ފާތުމަތު ޖުނާ އެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ޒެފާރސް ކުއާޓާ ފައިނަލްގެ ޖާގައެއް ޔަގީންކުރިއިރު، މިމެޗުން ބަލިވި ލަޔަން ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް ބަލިވެ އެޓީމު ވަނީ މުބާރާތުން ކަޓާފައެވެ.
މުބާރާތުގެ އަންހެން ޑިވިޝަންގައި މިރޭ ކުޅުނު ފަހު މެޗުގައި ގްރޫޕް ސީގެ އޮސްޕްރޭ އާއި ޒައިރޯ ސްޕޯޓްސް ކުލަބު ވާދަކުރި މެޗު ފަސޭހަކަމާއެކު ސީދާ ދެ ސެޓުން ކާމިޔާބުކުރީ އޮސްޕްރޭ އިންނެވެ.
އެގޮތުން މެޗުގެ ފުރަތަމަ ސެޓް 9-3 ގެ ނަތީޖާއަކުން އޮސްޕްރޭ ކާމިޔާބުކުރިއިރު، ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ 18-08 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޮސްޕްރޭގެ އާމިނަތު އުލްޔާ ބިންތް މުހައްމަދު ވަސީމް އެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ހޯދި ދެ ޕޮއިންޓާއެކު ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި އޮސްޕްރޭ އިން ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރުކުރިއިރު، ކުޅުނު ދެމެޗުން ވެސް ބަލިވެ ޒައިރޯ ސްޕޯޓްސް ކުލަބުން މިވަގުތު އޮތީ ގުރޫޕް ފުލުގައެވެ.
20 އެޕްރީލް 2026 އިން 24 އެޕްރީލް 2026 ގެ ނިޔަލަށް ދެ ޑިވިޝަނަކަށް ބަހާލައިގެން، ހުޅުމާލޭގައި ކުރިއަށް ގެންދާ މިމުބާރާތުގެ އަންހެން ޑިވިޝަންގައި 11 ޓީމު ވާދަކުރަމުން އަންނައިރު، މިޑިވިޝަންގެ މެޗުތައް ކުރިއަށް ދަނީ ބައިވެރިވި 11 ޓީމު ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމުގެ އިތުރުން ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން ވެސް އެންމެ ނަތީޖާ ރަނގަޅު ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ.
މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރުންގެ ގޮތުގައި ހޭންޑްބޯޅަ މޯލްޑިވްސް އަދި ތުޅާދޫ ޔަންގް އީގަލްސް ކުލަބު ހިމެނޭއިރު، ޕްރިންޓް ޕާޓްނަރަކީ ރެޑް ކްރީޓިކް އެވެ. އަދި ކިޓް ޕާޓްނަރަކަށް ސްޕޯޓްސް އެމްޕޯރިއަމް ހަމަޖައްސާފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ. އަދި ލައިވްސްޓްރީމް ޕާޓްނަރަކަށް އޮން ދަ ފްލައި ފްރޭމްސް ހަމަޖައްސާފައިވާއިރު މިއަހަރުގެ މުބާރާތު ޓްރޮފީ ވެސް ޑިޒައިން ކޮށްފައި ވަނީ އެޓިޑް ފަބްރިކޭޝަންސް އިންނެވެ.
ގުޅުންހުރި

ފަސޭހަކަމާއެކު ކުލަބު ހުޅު އަދި އޮސްޕްރޭ މޮޅުވިއިރު، ލަޔަންސް ތިންވަނަ މެޗުން ވެސް ބަލިވެއްޖެ

އެފްއެސްސީއޭ އާއި ބޮންތި ސެމީފައިނަލް ޔަގީންކުރިއިރު، އޭއޭއެސްސީ މުބާރާތުން ކަޓައިފި

އެސޯސިއޭޝަން ޗެމްޕިއަންޝިޕް: ސީނިއަރ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން މުޝްރިފް އާއި ހުޖާންގެ ޕެއާ އިން ހޯދައިފި




