
ފާއިތުވި ހަފުތާގައި ސްކޭމްތަކުން ފަސް ލައްކައެއްހާ ރުފިޔާ ގެއްލުނު: މިހާތަނަށް ފުލުހުންނަށް ރިކަވާ ކުރެވުނީ 2 ލައްކަ ރުފިޔާ!
# ދިވެހި ފުލުހުންގެ ޙިދުމަތް-
މި މަހުގެ 12 އިން 18 އަށް ހުށަހެޅުނު ސްކޭމް މައްސަލަތަކުގައި ގެއްލުނު ފައިސާގެ ގާތްގަނޑަކަށް 43 އިންސައްތަ ރިކަވާކޮށްދީފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ހަފުތާގައި ޖުމުލަ ސްކޭމްގެ 41 މައްސަލަ ހުށަހެޅިފައިވާ އިރު، ޖުމުލަ ގެއްލުމުގެ އަދަދަކީ 496،383.50 ރުފިޔާއެވެ. އޭގެ ތެރެއިން 211،684.50 ރުފިޔާ ވަނީ ރިކަވާކޮށްފައެވެ.
ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ އީ-ކޮމާސް ސްކޭމް މައްސަލަތަކެވެ. އެ ބާވަތުގެ 21 މައްސަލައެއް ހުށަހެޅިފައިވެއެވެ. އޭގެ އިތުރުން އިމްޕާސަނޭޝަން ނުވަތަ އެހެން މީހެއް ކަމަށް ހެދިގެން ހިންގި ސްކޭމްގެ 9 މައްސަލައަކާއި ކަރަންސީ އެކްސްޗޭންޖް ސްކޭމްގެ 3 މައްސަލައަކާއި ފިޝިން، ވިޝިން އަދި ވަޒީފާގެ ސްކޭމްގެ 1 މައްސަލައެއް ހިމެނެއެވެ. ބާކީ 8 މައްސަލައަކީ އެ ނޫން އެހެނިހެން ބާވަތުގެ ސްކޭމް މައްސަލަތަކެވެ.
މި ސްކޭމްތައް ހިންގާފައިވަނީ ވައިބާ، ވަޓްސްއެޕް އަދި މެސެންޖާ ފަދަ މެސެޖިން ޕްލެޓްފޯމްތަކާއި އައިބޭ އާއި ފޭސްބުކް މާކެޓްޕްލޭސް އަދި ފޯން ކޯލްތަކާއި ނުދަންނަ ލިންކުތައް މެދުވެރިކޮށެވެ.
ސްކޭމްތަކުން ރައްކާތެރިވުމަށް، އޮންލައިންކޮށް ވިޔަފާރިކުރާ އިރު ތަކެތި ލިބުމުގެ ކުރިން ޕޭމަންޓް ނުދެއްކުމަށާއި، ބޭންކު ނުވަތަ ސަރުކާރު އިދާރާއެއް ކަމަށް ބުނެ ގުޅާ ފަރާތްތަކާ އޯ.ޓީ.ޕީ އަދި ޕިން ފަދަ މައުލޫމާތު ހިއްސާ ނުކުރުމަށާއި، ނުދަންނަ ލިންކުތަކަށް ނުފިތުމަށާއި، ސްކޭމެއް ކަމަށް ޝައްކު ކުރެވިއްޖެ ނަމަ ވީ އެންމެ އަވަހަކަށް ފުލުހުންނަށް ރިޕޯޓް ކުރުމަށް އިލްތިމާސްކުރަމެވެ. އަވަހަށް ރިޕޯޓު ކުރުމަކީ ގެއްލުނު ފައިސާ ރިކަވާ ކުރެވުމުގެ ފުރުސަތު ބޮޑުވާ ކަމެކެވެ.
ގުޅުންހުރި

ފާއިތުވި ހަފުތާގައި ސްކޭމްތަކުން ފަސް ލައްކައެއްހާ ރުފިޔާ ގެއްލުނު: މިހާތަނަށް ފުލުހުންނަށް ރިކަވާ ކުރެވުނީ 2 ލައްކަ ރުފިޔާ!
%20(1).webp&w=3840&q=75)
ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު ޒަހަމްކޮށްލި މުއްލާގެ ބަންދަށް 7 ދުވަސް!

ނަލަހިޔާ އެޕާޓްމެންޓަކުން 4 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފި




