
-
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރުވުމަށާއި، ރައްކާތެރި މުޖުތަމައެއް ބިނާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ ސިލްސިލާ ހަރަކާތް ރައްކާ ރޯޑް ޝޯ ރ. އަތޮޅުގައި ރަސްމީކޮށް ފަށައިފިއެވެ.

މި ރޯޑް ޝޯގެ ފުރަތަމަ ހަރަކާތެއްގެ ގޮތުން ރ. ދުވާފަރުގައި ވަނީ ޓީމް ބިލްޑިންގ ސެޝަނެއް ބާއްވާފައެވެ. މި ސެޝަންގައި ފުލުހުންގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކާއި، ދައުލަތުގެ ކުންފުނިތަކާއި، ޖަމިއްޔާ ޖަމާއަތްތައް ބައިވެރިވެފައިވެއެވެ.
ރައްކާ ރޯޑް ޝޯވ ގުޅޭގޮތުން ވާހަކަދައްކަވަމުން މި ހަރަކާތް އިންތިޒާމްކުރާ އިސް އޮފިޝަލުން ވިދާޅުވީ، ރައްކާ ރޯޑް ޝޯ ފަދަ ޕްރޮގްރާމްތަކަކީ މަގުމަތީގެ ސަލާމަތާ ގުޅޭ މުހިންމު މެސެޖުތައް އާންމުންނަށް ފޯރުކޮށްދިނުމަށް ލިބޭ ވަރަށް މުހިންމު ޕްލެޓްފޯމެއް ކަމަށެވެ. އަދި މިފަދަ ހަރަކާތްތައް ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށާއި، މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
މި ޕްރޮގްރާމްގައި މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ މުހިންމު މެސެޖުތައް ހިމެނޭ ބިލްބޯޑުތައް ވެސް ހަރުކުރަން ހަމަޖެހިފައިވެއެވެ. މިއީ މި ކެމްޕޭނުގެ މަގުސަދުތައް މުޖުތަމައަށް ފޯރުކޮށްދިނުމަށާއި އާންމުންގެ ސަމާލުކަން މިކަމަށް އިތުރުކުރުމަށް ކުރެވުނު މުހިންމު މަސައްކަތެކެވެ.
ރައްކާ ރޯޑް ޝޯގެ ދަށުން ޒުވާނުންނާއި، ދަރިވަރުންނާއި، ބެލެނިވެރިންނާއި، މުޖުތަމައުގެ އިސް ފަރާތްތަކުގެ އިތުރުން އެކި ދާއިރާތަކުގެ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން ތަފާތު ގިނަ ހަރަކާތްތައް ރޭވިފައިވެއެވެ. މި ހަރަކާތްތަކަކީ މަގުމަތީގެ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމުގެ އާދަ އެންމެންގެ މެދުގައި އަށަގެންނެވުމާއި، އެ ގަވާއިދުތަކަށް ބޯލެނބުމަށް ބާރުއެޅުމުގެ އިތުރުން، މަގުމަތީގެ އެކްސިޑެންޓްތައް މަދުކުރުމަކީ އެންމެން ގުޅިގެން އެންމެންގެ ބައިވެރިވުން އޮވެގެން ހާސިލުކުރެވޭނެކަމެއްކަން ބުނެދީ އެކަމަށް މަސައްކަތް ކުރުމަށް ކުރިއަށް ގެންދެވޭ ހަރަކާތްތަކެކެވެ.
މި ޕްރޮގްރާމްގައި ރޯޑް ސޭފްޓީ ވޯކް، ޓީމް ބިލްޑިންގ ސެޝަންތައް، ބީޗް ބްލާސްޓް އިވެންޓްތައް، ކުއިޒް މުބާރާތްތައް، ވޮލީ އަދި ފުޓްސަލް މުބާރާތްތަކުގެ އިތުރުން ޓްރެފިކް މޮނިޓާސް ޕްރޮގްރާމާއި ފަހިރާސްތާ ޕްރޮގްރާމް ފަދަ ޝައުގުވެރި ހަރަކާތްތައް ހިމެނެއެވެ.
2014 ވަނަ އަހަރުން ފެށިގެން ބާއްވަމުން ގެންދާ "ރައްކާ ރޯޑް ޝޯ" އަކީ މި ޕްރޮގްރާމްގެ ސްޕޮންސަރުންގެ އެހީތެރިކަމާއެކު ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ ކާމިޔާބު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް މިހާތަނަށް މާލޭގެ އިތުރުން އަތޮޅުތެރޭގައި ވެސް ވަނީ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.
މި އަހަރުގެ ރޯޑް ޝޯގެ ދަށުން ކުރިއަށް އޮތް ދުވަސްތަކުގައި ރ. އަތޮޅުގެ އެކި ރަށްރަށުގައި އިތުރު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ތާވަލުކުރެވިފައެވެ.



%20(1).webp&w=3840&q=75)


