
-
ވެރިކަން ކުރާ ކޮންގްރެސް ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ބޭފުޅަކު އައްޔަނުކޮށްފި އެވެ.

ޕީއެންސީން މިއަދު ބުނީ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛު މޫސާ ފަތުޙީ އާދަމް އައްޔަނުކޮށްފައިވާ ކަމަށެވެ.
އަދި އެޕާޓީން ވަނީ އެސްޖީއަކަށް އައްޔަނުކުރެވުމާއި ގުޅިގެން މޫސާ ފަތުޙީ އާދަމްއަށް މަރުހަބާ އާއި ތަހުނިޔާވެސް ދަންނަވާފައި އެވެ.
އަލްއުސްތާޛު މޫސާ ފަތުޙީ އާދަމް އަކީ މީގެ ކުރީން ސަރުކާރުގެ ސްޓޭޓް މިނިސްޓަރުކަން އަދާކުރެއްވި ބޭފުޅެކެވެ. އެގޮތުން ދާދި ފަހުން އުވާލި ލޯކަލް ގަވަރންމަންޓް މިނިސްޓްރީއަށް އެންމެ ފުރަތަމަ އައްޔަނުކުރެވުނު އެއް ސްޓޭޓް މިނިސްޓަރަކީ މޫސާ ފަތުޙީ އެވެ.
ޕީއެންސީގެ އެސްޖީގެ މަގާމަށް ބޭފުޅަކު އައްޔަނުކޮށްފައިމިވަނީ އެމަގާމުގައި މީގެ ކުރީން ހުންނެވި މުއާޒް ހަލީމް މިދިޔި ހޮނިހިރު ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
އިސްތިއުފާ ދެއްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުއާޒް ވިދާޅުވީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ހިންގުން ހަރުދަނާކުރައްވައި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކުރައްވައި، ފުރިހަމަ ނަތީޖާ ޙާޞިލް ކުރެވޭ ޕާޓީއަކަށް ޕާޓީ ހެއްދެވުމަށް ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ފައްޓަވާފައިވާ ހަރުދަނާ މަސައްކަތްޕުޅުތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ބޭނުންވާތީ މަގާމުން އިސްތިއުފާ ދެއްވާ ކަމަށެވެ.
" ޕާޓީގެ ސެކެޓްރީޖެނެރަލްގެ މަޤާމުގައި އަޅުގަނޑަށްވުރެ ފުރިހަމައަށް ވަގުތު ދެވޭނެ ބޭފުޅަކު ހުރުމަކީ މުހިންމު ކަމެއްކަމަށް ފެންނާތީ، މިއަދުން ފެށިގެން ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ސެކެޓްރީޖެނެރަލްގެ މަޤާމުން އަޅުގަނޑު އިސްތިއުފާ ދީފީމެވެ." މުއާޒްގެ ޕޯސްޓުގައި ލިޔުއްވާފައި ވެއެވެ.
ގުޅުންހުރި

ޕީއެންސީގެ އައު އެސްޖީއަކަށް މޫސާ ފަތުޙީ އާދަމް!

އީސީގެ ތަފާސްހިސާބުތައް:584 ގޮނޑިއާއިއެކު އިންތިހާބު ކާމިޔާބުކުރީ ޕީއެންސީއިން!

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ޕީއެންސީ ޓިކެޓަށް ވާދަކުރުމަށް ހުޅުވާލައިފި




