
--
އދ ދަނގެތީގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއު ބާރު ސްޕީޑެއްގައި ކުރިޔަށްދާކަމަށް އެމަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ހާމަކޮށްފި އެވެ.

އެމްޓީސީސީން މި މަޝްރޫއުގެ އަދާހަމަ ހާމަކޮށް މިއަދު ބުނީ ދަނގެތީގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ ދަށުން ޓީ ޖެޓީ ސަރަހައްދުގައި އާ ހާބަރ ބެސިން ޑްރެޖިންގ އޮޕަރޭޝަންތަކާއި ބްލޮކް އިންސްޓޯލް ކުރުމުގެ މަސައްކަތްތައް މިހާރު ކުރިޔަށްދާކަމަށެވެ.
ދަނގެތި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، 35،500 ކިއުބިކް މީޓަރުގެ ބިން ހިއްކުމާއި، 69،500 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 33،600 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމާއި، 7،800 ކިއުބިކް މީޓަރުގެ ފަތާ ސަރަހައްދެއް ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން 675 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 389 މިޓަރުގެ އެއްގަމު ތޮށިލުމާއި، 35 މީޓަރު ދިގު 6 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް އެޅުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ކޮންކްރީޓް ރޭމްޕެއް އެޅުމުގެ މަސައްކަތް ހިމެނެއެވެ. އަދި 3،052 އަކަ މީޓަރުގެ ޕޭވްމެންޓް ހެދުމާއި، މަގު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުން ހިމެނެއެވެ.
މި މަޝްރޫއުއަކީ 71.16 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.





