logoEN
WAMCO TOP 1
ކޭއެސްސީ އާއި ފްލައިންގ އީގަލް ފަސޭހަކަމާއެކު މޮޅުވިއިރު، ޒެފިއަރސް އިން ފެށުން ރަނގަޅުކޮށްފި

ކޭއެސްސީ އާއި ފްލައިންގ އީގަލް ފަސޭހަކަމާއެކު މޮޅުވިއިރު، ޒެފިއަރސް އިން ފެށުން ރަނގަޅުކޮށްފި

ހަސަން ޝަމްއޫން

logo

4/19/2026, 4:21:54 AM

# ދިވެހި ކުޅިވަރު # ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެމްޕިއަންޝިޕް 2026

ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެމްޕިއަންޝިޕް : ފޮޓޯ: ގާފު ސްޕޯޓްސް

ހުޅުމާލޭގައި މިހާރު ކުރިއަށްދާ "ވަން ގޭމް ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025" ގެ އަންހެން ޑިވިޝަންގައި ރޭ ފަސޭހަކަމާއެކު ފްލައިން އީގަލް އާއި ޕްރޯ އެސްއޭ މޮޅުވުވިއިރު، ޒެފިއަރސް އިން މުބާރާތް ފެށީ މޮޅަކާއެކުގައެެވެ.

THE TRAVELLER AD

މުބާރާތުގެ އަންހެން ޑިވިޝަންގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ގުރޫޕް ބީގެ ސުޕަރ ޖެނަރޭޝަން ކުލަބު (އެސްޖީސީ) އާއި ޒެފިއަރސް ވާދަކުރި މެޗުގެ ފުރަތަމަ ސެޓް ވާދަވެރި ކުޅުމަކަށްފަހު 17-10 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޒެފިއަރސް އިންނެވެ. ނަމަވެސް ޖެހިގެންއައި ދެވަނަ ސެޓުގައި އެސްޖީސީ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތަކާއެކު ޑިފެންސް ވެސް އިތުރަށް ވަރުގަދަކޮށްފައެވެ. އަދި 08-12 ގެ ނަތީޖާއަކުން މި ސެޓް ކާމިޔާބުކޮށް އެޓީމުން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ޝޫޓްއައުޓް ސެޓް 4-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޒެފިއަރސް އިން މެޗު ކާމިޔާބުކުރީ ދެ ސެޓް އެއް ސެޓުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޒެފިއަރސްގެ ފާތުމަތު ޖުނާ އެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގައި ރޭ ކުޅުނު ދެވަނަ މެޗުގައި ގުރޫޕް އޭގެ ކުޑަހުވަދޫ އެސްސީ އާއި ކުލަބު ވިކްޓްރެސް ވާދަކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބުކުރީ ކުޑަހުވަދޫ އެސްސީ އިންނެވެ. އެގޮތުން މެޗުގެ ފުރަތަމަ ސެޓް ވާދަވެރި ކުޅުމަކަށްފަހު 12-10 ގެ ނަތީޖާއަކުން ކުޑަހުވަދޫ އެސްސީ ކާމިޔާބުކުރިއިރު، ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ ފަސޭހަކަމާއެކު 18-09 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ އާމިނަތު މަލާޒާ މުހައްމަދު އެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގައި ރޭ ކުޅުނު ފަހު މެޗުގައި ގްރޫޕް ސީގެ ޒައިރޯ އެސްސީ އާއި ފްލައިން އީގަލް ވާދަކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބުކުރީ ފްލައިން އީގަލް އިންނެވެ. އެގޮތުން މެޗުގެ ފުރަތަމަ ސެޓް ފަސޭހަކަމާއެކު 03-16 ގެ ތަފާތުބޮޑު ނަތީޖާއަކުން ފްލައިން އީގަލް ކާމިޔާބުކުރިއިރު، ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ 06-17 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފްލައިން އީގަލްގެ އައުޝާ ނޫރުލް ސޮބާހް އެވެ.

20 އެޕްރީލް 2026 އިން 24 އެޕްރީލް 2026 ގެ ނިޔަލަށް ދެ ޑިވިޝަނަކަށް ބަހާލައިގެން، ހުޅުމާލޭގައި ކުރިއަށް ގެންދާ މިމުބާރާތުގެ އަންހެން ޑިވިޝަންގައި 11 ޓީމު ވާދަކުރަމުން އަންނައިރު، މިޑިވިޝަންގެ މެޗުތައް ކުރިއަށް ދަނީ ބައިވެރިވި 11 ޓީމު ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމުގެ އިތުރުން ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން ވެސް އެންމެ ނަތީޖާ ރަނގަޅު ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ.

މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރުންގެ ގޮތުގައި ހޭންޑްބޯޅަ މޯލްޑިވްސް އަދި ތުޅާދޫ ޔަންގް އީގަލްސް ކުލަބު ހިމެނޭއިރު، ޕްރިންޓް ޕާޓްނަރަކީ ރެޑް ކްރީޓިކް އެވެ. އަދި ކިޓް ޕާޓްނަރަކަށް ސްޕޯޓްސް އެމްޕޯރިއަމް ހަމަޖައްސާފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ. އަދި ލައިވްސްޓްރީމް ޕާޓްނަރަކަށް އޮން ދަ ފްލައި ފްރޭމްސް ހަމަޖައްސާފައިވާއިރު މިއަހަރުގެ މުބާރާތު ޓްރޮފީ ވެސް ޑިޒައިން ކޮށްފައި ވަނީ އެޓިޑް ފަބްރިކޭޝަންސް އިންނެވެ.

ކޮމެންޓް
ފަހުގެ
HDC