
-
މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މަޤާމުން ޑޮކްޓަރ މަރްޔަމް މާރިޔާ އިސްތިއުފާ ދެއްވައިފި އެވެ.

މަރްޔަމް މާރިޔާ އިސްތިއުފާދެއްވިކަން އިތުބާރުހުރި މަސްދަރުތަކުން ގާފު ނޫހަށް ވަނީ ކަށަވަރުވެފައި އެވެ. ނަމަވެސް، ކުއްލި ގޮތަކަށް އެކަމަނާ އިސްތިއުފާދެއްވި ސީދާ ސަބަބެއް އަދި މިހާތަނަށް އެއްވެސް ފަރާތަކުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
އަދި މިހާތަނަށް މިކަމާއި ގުޅިގެން މާރިޔާ ރަސްމީކޮށް ބަހެއް ބުނެފައި ނުވެއެވެ.
ރައީސް އޮފީހުން ދާދި ދެންމެ އަކު ވަނީ މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ ޑޮކްޓަރ މަރްޔަމް މާރިޔާ މަގާމުން އިސްތިއުފާދެއްވިކަން ކަށަވަރުކޮށްދީފައި އެވެ. އެގޮތުން އިތުރު 9 ވަޒީރުންނާއިއެކު މާރިޔާ ވެސް އިސްތިއުފާދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެގޮތުން ކަމަށެވެ.
ދާދިފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި ރިފަރަންޑްރަމް އިންތިހާބުގައި ސަރުކާރުން އުންމީދުކުރި ވަރުގެ ނަތީޖާއެއް ނެރެވިފައިނުވުމާއިއެކު ރައީސް މުއިއްޒު ވަނީ ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރެއްވުމަށް ކުރައްވަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދަވާނެކަމުގެ ޔަގީންކަން އަރުއްވާފައި އެވެ.





