
ފޭސް ދޭކުން އިއްޔެ ކަރަންޓު ކެނޑުނީ މައި ހަތަރު ކޭބަލްގެ ތެރެއިން ކޭބަލަކަށް ގެއްލުންވެގެން، ބެލެވެނީ ކޮނުމުގެ މަސައްކަތެއްގެ ތެރެއިން ކަމަށް!
# ސްޓެލްކޯ-
ހުޅުމާލެ ފޭސް ދޭކުން އިއްޔެ ކަރަންޓު ކެނޑުނީ މައި ހަތަރު ކޭބަލްގެ ތެރެއިން ކޭބަލަކަށް ގެއްލުންވެގެންކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ހުޅުމާލެ ފޭސް 2 ގެ ކަރަންޓުގެ ވިއުގައަށް މައްސަލައެއް ދިމާވެ ކަރަންޓު ކެނޑުނީ އިއްޔެ މެންދުރު ފަހު 15:15 ހާއިރު އެވެ. އަދި މައްސަލަ ހައްލުކޮށް ހުރިހާ ޓަވަރަކަށް ކަރަންޓު ދެވުނީ ރޭ އިރާކޮޅު 21:00 ހާއިރު އެވެ.
މިކަމާއި ގުޅިގެން ސްޓެލްކޯއިން ރޭ ބުނީ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑެން ދިމާވީ، ދެވަނަ ފިޔަވައްސަށް ކަރަންޓު ފޯރުކޮށްދިނުމަށް އަޅާފައިވާ މައި ހަތަރު ކޭބަލްގެ ތެރެއިން އެއް ކޭބަލަށް ގެއްލުންވުމާ ގުޅިގެން ކަމަށާއި ބެލެވޭ ގޮތުގައި މި ކޭބަލަށް ގެއްލުން ލިބިފައިވަނީ ކޮނުމުގެ މަސައްކަތެއްގެ ތެރެއިން ކަމަށެވެ.
އެގޮތުން މިވަގުތު ދެވަނަ ފިޔަވަހީގެ ކަރަންޓު ވިއުގައާއި ލޯޑު ހުރިގޮތުން، ބާކީ ހުރި ތިން ކޭބަލް މެދުވެރިކޮށް މުޅި ދެވަނަ ފިޔަވައްސަށް ފުރިހަމައަށް ކަރަންޓު ފޯރުކޮށްދިނުމުގައި ދަތިތަކެއް ދިމާވި ކަމަށާއި މި މައްސަލަ ޙައްލުކުރުމަށް ކުންުފުނީގެ ޓެކްނިކަލް ޓީމުން ހުއްޓުމެއް ނެތި މަސައްކަތްކޮށްފައިވާ ކަމަށެވެ.
އެގޮތުން ރޭ ފޭސް ދޭކަށް ކަރަންޓު ދެވުނީ އެ ކޭބަލްގެ ލޯޑު ބާކީ ހުރި ތިން ކޭބަލަށް ބަހާލައިގެންކަން ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ.
ސްޓެލްކޯއިން ވަނީ އިއްޔެ ކަރަންޓުގެ ހިދުމަތް މެދުކެނޑުމުގެ ސަބަބުން ދަތިތަށް ދިމާވި ހުރިހާ ކަސްޓަމަރުންގެ ކިބައިން މަޢާފަށް އެދިފައި އެވެ. އަދި ދިމާވި އެ ދަތި ދަނޑިވަޅުގައި ކުންފުނީގެ ހީވާގި މުވައްޒަފުން އެ ކުރަމުންދިޔަ ބުރަ މަސައްކަތްތަކަށް ހިތްވަރުދީ، ދެއްވި އެއްބާރުލުމަށް ޝުކުރު ދަންނަވާފައި އެވެ.
ގުޅުންހުރި

ފޭސް ދޭކުން އިއްޔެ ކަރަންޓު ކެނޑުނީ މައި ހަތަރު ކޭބަލްގެ ތެރެއިން ކޭބަލަކަށް ގެއްލުންވެގެން، ބެލެވެނީ ކޮނުމުގެ މަސައްކަތެއްގެ ތެރެއިން ކަމަށް!

އައިޖީއެމްއެޗްއާއި ދަރުމަވަންތަ ހޮސްޕިޓަލަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތައް ހައްލުކުރުމަށް ސްޓެލްކޯއާއިއެކު މަޝްވަރާކޮށްފި

ހަންޏާމީދޫގައި ސްޓެލްކޯއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ އިންތިޒާމުތައް ބައްލަވާލެއްވުމަށް ކުންފުނީގެ އިސްވެރިން އެރަށަށް!




