logoEN
WAMCO TOP 1
ފާސިރުގެ ހެޓްރިކާއެކު އޮޑި ކަޓުވާލުމަށްފަހު ނިއުރޭޑިއަންޑް އެފްއޭކަޕް ސެމީފައިނަލުން ޖާގަ ހޯދައިފި

ފާސިރުގެ ހެޓްރިކާއެކު އޮޑި ކަޓުވާލުމަށްފަހު ނިއުރޭޑިއަންޑް އެފްއޭކަޕް ސެމީފައިނަލުން ޖާގަ ހޯދައިފި

ހަސަން ޝަމްއޫން

logo

4/10/2026, 6:57:08 PM

# ދިވެހި ކުޅިވަރު # އޮޑި ސްޕޯޓްސް ކުލަބު# އެފްއޭ ކަޕް# ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު

އަލީ ފާސިރު..ފޮޓޯ: މިހާރު ސްޕޯޓްސް

އެފްއޭކަޕްގެ ކުއާޓާ ފައިނަލް ދެވަނަ މެޗުގައި މިރޭ ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން އޮޑި ސްޕޯޓްސް ކުލަބު ބަލިކޮށް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.

THE TRAVELLER AD

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މިމެޗު އޮޑިން ވަރުގަދަކޮށް ފެށިއިރު، ނިއުރޭޑިއަންޓުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައެެވެ. މިލަނޑު އެޓީމަށް ލިބުނު ހިލޭޖެހުމަކުން ކާމިޔާބުކޮށްދިނީ ކެޕްޓަން އަލީ ފާސިރު އެވެ. އަދި އޭގެ ނުވަ މިނިޓް ފަހުން، ފާސިރު ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ނިއު އަށް ތިން ވަނަ ލަނޑެއް ޖަހައިދީ، ހެޓްރިކް ފުރިހަަމަ ކުރަން ވެސް ފާސިރަށް ވަނީ ވަރަށް ހުސް ފުރުސަތެއް ލިބިފައެވެ. ނަމަވެސް ކީޕަރު ކައިރިން ނައްޓާލުމަށްފަހު ފާސިރު ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ނިއުރޭޑިއަންޓް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ވަރުގަދަކޮށް ފެށީ އޮޑިންނެވެ. ނަމަވެސް އެޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވިދިޔައިރު، މެޗުގެ 61 ވަނަ މިނެޓުގައި ފާސިރު ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. އަދި ނިއުގެ ހަަތަރުވަނަ ލަނޑު މެޗުގެ85 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަލްހާޖީ ގޭރޯ އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-0 ގެ ނަތީޖާއަކުން ނިއުރޭޑިއަންޓް ކުރީގައި އޮވެގެންނެވެ.

މި ސީޒަނުގައި މިދެޓީމު މީގެ ކުރިން ތިން ފަހަރެއްގެމަތިން ވާދަކޮށްފައިވާއިރު، އޭގެ ތެރެއިން އެއްމެޗުން އޮޑި މޮޅުވެފައިވާއިރު، އަނެއް ދެމެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ.

ނިއު އިން އަންނަ ބުދަ ދުވަހު ކުޅޭ ސެމީ ފައިނަލު ފުރަތަމަ މެޗުގައި ނުކުންނާނީ ބްލޫ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. ބްލޫ އިން ވަނީ ކުއާޓާ ފައިނަލް ފުރަތަމަ މެޗުގައި، މިއަދު ހަވީރު ޕެނަލްޓީ ޖަހައިގެން، ކްލަބް އީގަލްސް ބަލިކޮށްފަ އެވެ.

މުބާރާތުގައި މާދަމާ ހަވީރު ކުޅޭ ކުއާޓާ ފައިނަލް ތިންވަނަ މެޗުގައި ޓީސީ އިން ނުކުންނާނީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ދެކޮޅަށެވެ. އަދި، މާދަމާ ރޭ ކުޅޭ ކުއާޓާ ފައިނަލް ފަހު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ނުކުންނާނީ ބުރު ސްޕޯޓްސް ކްލަބާއި ދެކޮޅަށެވެ.

ކޮމެންޓް
ފަހުގެ
HDC