
ފަތުރުވެރިކަމުގެ ދާއިރާއަށް އަމާޒުކޮށްގެން ހިންގާ ސިއްޙީ ފުރަތަމަ އެހީގެ ތަމްރީން ޕްރޮގްރާމް އިފްތިތާޙްކޮށްފި
# ފަތުރުވެރިކަން-
ފަތުރުވެރިކަމުގެ ދާއިރާއަށް އަމާޒުކޮށްގެން ހިންގާ ސިއްޙީ ފުރަތަމަ އެހީގެ ތަމްރީން ޕްރޮގްރާމް މިއަދު އިފްތިތާޙްކޮށްފިއެވެ.

ސައިރިކްސް ކޮލެޖްގައި މިއަދު ފެށި މި ތަމްރީން ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 23 ބައިވެރިން ބައިވެރިވެއެވެ. މި ޕްރޮގްރާމަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި މިނިސްޓްރީ އޮފް ހެލްތު އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ގުޅިގެން ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި ޖުމްލަ 130 މީހުން ތަމްރީނު ކުރުމަށް ހަމަޖެހިފައިވާއިރު، ޕްރޮގްރާމް ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދިއުމަށްޓަކައި މީގެތެރެއިން ހޮވާލެވޭ ބައިވެރިންނަށް އިތުރު ތަމްރީންދީ ފުރަތަމަ އެހީ ޕްރޮގްރާމް ހިންގާނެ ޓްރެއިނަރުންގެ ގޮތުގައި ނެރުމަށް ހަމަޖެހިފައިވެއެވެ.
މި ޕްރޮގްރާމް އިފްތިތާޙު ކުރުމަށް ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނިޔާޒް ދެއްކެވި ވާހަކަފުޅުގައި، މި ޕްރޮގްރާމްގެ އަލީގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ސިއްހީ ފުރަތަމަ އެހީ ދިނުމަށާއި ސީޕީއާރު ދިނުމަށް ތަމްރީން ކުރުމުން ދިވެހި ރާއްޖޭއަކީ ފަތުރުވެރިންނަށް އަމާން، ރައްކާތެރި ތަނަކަށް ހެދުމަށް ކުރާ މަސައްކަތުގައި އިތުރު ކުރިއެރުންތަކެއް ލިބޭނެއެވެ.
އެގޮތުން ސިއްހީ ކުއްލި ހާލަތްތަކުގައި އިޖާބަދިނުން އަވަސްވެ ފަރުވާ ބޭނުންވާ މީހާގެ ފުރާނަ ސަލާމަތްކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހާގަ ކުރެއްވިއެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ ފަންނީ ޤާބިލުކަން އިތުރުރު ކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ހިންގާ މި ޕްރޮގްރާމްގެ ބައިވެރިންނަށް ތަމްރީންދޭނީ ދިވެހި ރެޑް ކްރެސެންޓްގެ ފަންނީ ބޭފުޅުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއި އެކު މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އޮނަރަބަލް އިބްރާހިމް ތާރިޤު ގެންދަވަނީ ފަތުރުވެރިކަމުގެ ދައީރާއާއި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ގުޅޭ ގިނަ ސިޔާސަތުތަކެއް އެކަށައަޅުއްވަމުންނެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް މިނިސްޓްރީން ޝުކުރު އަދާކުރެއެވެ. އަދި މިފަދަ ޚިދުމަތްތައް ފޯރުކޮށްދޭ އެންމެހައި ފަރާތްތަކުން ފަތުރުވެރިންގެ ކަންކަމުގައި އިތުރަށް ސަމާލުވެ، ފަރުވާތެރިވުމަށްވެސް މިނިސްޓްރީން އިލްތިމާސް ކުރެއެވެ.
ގުޅުންހުރި

ފަތުރުވެރިކަމުގެ ދާއިރާއަށް އަމާޒުކޮށްގެން ހިންގާ ސިއްޙީ ފުރަތަމަ އެހީގެ ތަމްރީން ޕްރޮގްރާމް އިފްތިތާޙްކޮށްފި

ވައިގެ ގުޅުންތަކާއި އިންވެސްޓްމަންޓް އިތުރުކުރުމަށް ގަތަރާއިއެކު މަޝްވަރާކޮށްފި

ރާއްޖެއާއި ގްރީސް އާއި ދެމެދު ފަތުރުވެރިކުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި




