
ޖިއަންލުއިޖީ ބުފޮން އާއި ގަބްރިއޭލް ގްރަވީނާ މިދެމީހުން ވެސް ވަނީ މަގާމުން އިސްތިއުފާދީފައި
ވޯލްޑްކަޕް ކޮލިފައިންގ ޕްލޭއޮފް ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ބޮސްނިއާ އަތުން ބަލިވެ، ޖެހިޖެހިގެން ތިންވަނަ ފަހަރަށް މުބާރާތަށް ކޮލިފައި ނުވުމުގެ ސަބަބުން، އިޓަލީގެ ފުޓްބޯޅަ އެސޯސިއޭޝަން ގެ ރައީސް ގަބްރިއޭލް ގްރަވީނާ އާއި އެ ގައުމުގެ ލެޖެންޑަރީ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން މަގާމުން އިސްތިއުފާ ދީފިއެވެ.

މި ނިންމުން އިއުލާން ކުރީ ރޯމްގައި ހުންނަ އިޓަލީގެ ފުޓްބޯޅަ އިދާރާގެ މައި މަރުކަޒުގައި ބޭއްވި ބައްދަލުވުމަކަށް ފަހުގައެވެ. ދުނިޔޭގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ އިޓަލީއަށް މިފަހަރުގެ ވޯލްޑް ކަޕުން ފުރުސަތު ގެއްލުނީ މިދިޔަ އަންގާރަ ދުވަހު ކުޅުނު ޕްލޭ-އޮފް ފައިނަލުގައި ބޮސްނިއާ-ހެރްޒެގޮވީނާ އަތުން ޕެނަލްޓީ ޖަހައިގެން 4-1 އިން ބަލިވުމާ ގުޅިގެންނެވެ.
މިއީ 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕާއި 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕަށް ފަހު، އިޓަލީއަށް މުބާރާތުން ފުރުސަތު ގެއްލުނު ތިންވަނަ ފަހަރެވެ. ވޯލްޑް ކަޕްގެ ތާރީޚުގައި މީގެ ކުރިން މުބާރާތް ކާމިޔާބު ކޮށްފައިވާ އެއްވެސް ޓީމެއް ޖެހިޖެހިގެން ތިން މުބާރާތަށް ކޮލިފައިނުވެފައި ނުވެއެވެ.
މީގެ އިތުރުން އިޓަލީގެ ގައުމީ ޓީމުގެ ޑެލިގޭޝަން ހެޑްގެ މަގާމުގައި ހުރި ބުފޮން އޭނާގެ އިސްތިއުފާ އިއުލާން ކުރީ އިންސްޓަގްރާމް މެދުވެރިކޮށެވެ. 2006 ވަނަ އަހަރު އިޓަލީއަށް ވޯލްޑް ކަޕް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ބުފޮން ބުނީ، ރައީސް ގްރަވީނާ މަގާމުން ވަކިވުމަށް ނިންމެވުމާ ގުޅިގެން، ޒިންމާދާރުކަމުގެ ގޮތުން އޭނާ ވެސް އެގޮތަށް އަމަލުކުރަން ނިންމީ ކަމަށެވެ.
"އަހަރެމެންގެ މައިގަނޑު އަމާޒަކީ އިޓަލީ އަލުން ވޯލްޑް ކަޕަށް ގެންދިއުން. ނަމަވެސް އެކަން ކާމިޔާބެއް ނުވި،" އުމުރުން 48 އަހަރުގެ ބުފޮން ބުންޏެވެ. އޭނާ އިތުރަށް ބުނީ، އޭނާގެ މަގާމަށް އެންމެ އެކަށީގެންވާ މީހަކު ހޮވުމުގެ ފުރުސަތު އައު މެނޭޖްމަންޓަށް ދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކޭ ކަމަށެވެ.
އުމުރުން 72 އަހަރުގެ ގްރަވީނާ ރައީސްކަމާ ހަވާލުވީ 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ. އޭނާގެ ކުރިން އެ މަގާމުގައި ހުރި ކާލޯ ޓެވެކިއޯ ވެސް މަގާމުން އިސްތިއުފާ ދިނީ 2018 ގެ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ކުޅުނު ޕްލޭ-އޮފްގައި ސްވިޑަން އަތުން ބަލިވެ، މުބާރާތުން ފުރުސަތު ގެއްލުމާ ގުޅިގެންނެވެ.
.gif&w=3840&q=75)






