
-
ކުޅިވަރު ޖަމިއްޔާތަކާއި ކޮމިޝަނަރ އޮފް ސްޕޯޓްސް ގުޅުވައިދީ، ޚިދުމަތްތައް އިތުރަށް ލުއިފަސޭހަކުރުމުގެ މަގުސަދުގައި ކުރިން ބޭނުންކުރި "މީސް ޕޯޓަލް" އުވާލުމަށްފަހު، އައު ޕޯޓަލް "ސްޕޯޓްގޭޓް" އިފްތިތާހުކޮށްފިއެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އަދި ކޮމިޝަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ރަސްމީކޮށް ފައްޓަވައިދެއްވި މި އައު މަންސައަކީ ކުލަބުތަކާއި އެސޯސިއޭޝަންތައް ރަޖިސްޓަރީކުރުމާއި، ހިންގާ ގަވާއިދުތައް ފާސްކުރުމަށް ފޮނުވުމުގެ އިތުރުން ކުޅުންތެރިންގެ ރިލީޒް ހޯދުން ފަދަ ކަންކަން އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާ އެކު ކުރެވޭނެހެން ފަރުމާކޮށްފައިވާ ނިޒާމެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ އޮފް ސްޕޯޓްސް ޠަލާލް ވިދާޅުވީ، މީގެ ކުރިން ބޭނުންކުރަމުން އައި ނިޒާމު އިތުރަށް ހަރުދަނާކުރަން ޖެހިފައިވާކަން ފާހަގަކުރެވުނު ކަމަށެވެ. އަދި ކުރީގެ ޕޯޓަލް ރިބްރޭންޑްކުރުމަކީ އުނދަގޫ ކަމަކަށް ވުމުން، ވަޒީރުގެ ލަފާފުޅާ އެކު މުޅިން އައު ނިޒާމެއް ތަރައްގީކުރުމަށް ނިންމެވީކަން އޭނާ ހާމަކުރެއްވިއެވެ.
ގައުމީ ކުޅިވަރު ޖަމިއްޔާތަކުގެ މަޝްވަރާއާއި ޚިޔާލު ހޯދައިގެން ތައްޔާރުކުރި މި ޕޯޓަލްގެ ސަބަބުން ކޮމިޝަނާއި ކުލަބުތަކާ ދެމެދު ކުރެވޭ މުއާމަލާތްތައް އަވަސްވެ، ކަރުދާހާ ނުލައި ޑިޖިޓަލްކޮށް ހުރިހާ ކަމެއް ކުރިއަށް ގެންދިއުމަށް މަގުފަހިވާނެއެވެ. މީގެ އިތުރުން މުހިންމު ލިޔެކިޔުންތައް ރައްކާތެރިކަމާ އެކު އަރުޝީފުކުރެވި، މައުލޫމާތުތައް ފަސޭހައިން ބަލައިލެވޭނެއެވެ.
ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ކުޅިވަރާ ގުޅުންހުރި އެންމެހައި ޚިދުމަތްތައް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އެއް މަންސައަކުން ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމެވެ.
.gif&w=3840&q=75)





