logoEN
PNC TOP 3
އޭޝިއަން ކަޕް ކޮލިފައިންގ ރާއްޖެ އިން ނިންމާލީ މޮޅަކާއެކު

އޭޝިއަން ކަޕް ކޮލިފައިންގ ރާއްޖެ އިން ނިންމާލީ މޮޅަކާއެކު

ހަސަން ޝަމްއޫން

logo

3/31/2026, 1:34:07 PM

# ދިވެހި ކުޅިވަރު

ރާއްޖެއާއި އީސްޓް ޓީމޯ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް/ މުހައްމަދު ރީހާން

އޭޝިއަން ކަޕް ކޮލިފައިންގ ގުރޫޕް އޭގައި މިއަދު ހަވީރު އަމިއްލަ ދަނޑުގައި އީސްޓް ޓިމޯ އާއި ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ރާއްޖެ އިން މޮޅަކާއެކު ކޮލިފައިންގެ މެޗުތައް ނިންމާލައިފިއެވެ.

PNC MID 2

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މިމެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަަތަމަ ލަނޑުޖަހައި ކުރިހޯދީ އީސްޓް ޓިމޯ އިންނެވެ. މިލަނޑު ދެވަނަ ހާފުގެ 67 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އެލެކްސެންޑްރޯ ލެމޯސް އެވެ. މިއީ އެޓީމުގެ ކެޕްޓަން ޕައުލޯ ފްރެއިޓަސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިލަނޑާއެކު އީސްޓް ޓިމޯ ކުރީގައި އޮވެގެން މެޗު ނިމެންދަނިކޮށް، މެޗުގެ އޮއިވަރު ބަދަލުވީ ފަހުހާފުގެ 79 ވަނަ މިނެޓުގައި އަލީ އަޝްފާގް ކުޅެން ނުކުތުމުންނެވެ. މިއާއެކު ދިވެހި ޓީމަށް އިތުރު ދިރުމެއް ލިބިގެންދިޔައިރު، ރާއްޖެ އިން މެޗުގެ ނަތީޖާ އެއްވަރުކުރީ މެޗުގެ 89 ވަނަ މިނެޓުގައެވެ. މިލަނޑު ދިވެހި ޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު އަހުމަދު އިރުފާން (އިރޭ) އެވެ.

ރާއްޖެ މިމެޗުން މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އަލީ އަޝްފާގް ހޯދައިދިން ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އަލީ ފާސިރު (ސެންޓޭ) އެވެ. އަދި މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު މިނެޓް އީސްޓް ޓީމޯގެ ޑިފެންޑަރު ފިލޮމީނޯ ޖޫނިއަރއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލުމުން އެޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކުގައެވެ.

މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ހަ މެޗުން ހޯދި ތިން ޕޮއިންޓާއެކު ރާއްޖެ އިން ކޮލިފައިންގ ނިންމާލީ ލަނޑުގެ ތަފާތުން ގުރޫޕްގެ ތިންވަނައިގައި އޮވެއެވެ. އަދި މިމެޗުން ބަލިވި އީސްޓް ޓީމޯ އިން ގުރޫޕް ސްޓޭޖުގައި ކުޅުނު ހަ މެޗުން ހޯދި ތިން ޕޮއިންޓާއެކު އެޓީމުން ކޮލިފައިންގ ނިންމާލީ ލަނޑުގެ ތަފާތުން ގުރޫޕްގެ ފުލުގައި އޮވެއެވެ.

މީގެ އިތުރުން މިއީ ތިން އަހަރަށް ފަހު ގައުމީ ޓީމުން ފުރުސަތު ލިބުނު، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ދަގަނޑޭ ގައުމީ ޖާޒީގައި ކުޅުނު 99 ވަނަ މެޗެވެ. އަދި މިއީ 2022 ގެ މާޗު މަހު ރާއްޖެ ރަހުމަތްތެރިކަމުގެ މެޗެއްގައި ބަންގްލަދޭޝް އާ ވާދަކޮށް 2-0 ގެ ނަތީޖާއަކުން މޮޅުވި ފަހުން ގަލޮޅު ދަނޑުގައި ދިވެހި ޓީމު މޮޅުވި ފުރަތަމަ މެޗެވެ. ނަމަވެސް 2023 ގެ މާޗު މަހު ދިވެހި ގައުމީ ޓީމު ވަނީ ލ. ގަމު ޒޯން ސްޓޭޑިއަމްގައި ޕާކިސްތާނާ ވާދަކޮށް 1-0 ގެ ނަތީޖާއަކުން މޮޅުވެފަ އެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC