logoEN
PNC TOP 3
ނޭޕާލާއި އެއްވަރުވެ ރާއްޖެ މުބާރާތުން ކަޓައިފި

ނޭޕާލާއި އެއްވަރުވެ ރާއްޖެ މުބާރާތުން ކަޓައިފި

ހަސަން ޝަމްއޫން

logo

3/27/2026, 1:20:33 PM

# ދިވެހި ކުޅިވަރު # ސާފް ޗެންޕިއަންޝިޕް

ރާއްޖެއާއި ނޭޕާލް ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ސާފް

މާލޭގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އޭގައި މިއަދު ހަވީރު ދިވެހިރާއްޖެ އާއި ނޭޕާލް ވާދަކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ ރާއްޖެ މުބާރާތުން ކަޓައިފިއެވެ.

PNC MID 2

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި 3-2 ގެ ނަތީޖާއަކުން ސްރީލަންކާ އަތުން ބަލިވެފައިވާއިރު، ދެވަނަ މެޗުގައި ބޫޓާން އާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި ގުރޫޕް ސްޓޭޖުގައި ނޭޕާލް ކުޅުނު ފުރަތަމަ މެޗުގައި 2-1 ގެ ނަތީޖާއަކުން ބޫޓަން އަތުން މޮޅުވިއިރު، ދެވަނަ މެޗުގައި އެޓީމުން ވަނީ 1-0 ގެ ނަތީޖާއަކުން ސްރީލަންކާ ބަލިކޮށްފައެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި ރާއްޖޭން ލީޑުނެގުމާ ގާތަށް ޖެހިލި އެވެ. އެ ގޮތުން، ތިން ވަނަ މިނިޓްގައި ރާއްޖެއަށް ލިބުނު ކޯނަރެއްގައި އަހުޒަމް ރަޝީދު (އަހު) ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ ނާޝިއު އަހުމަދު ޝިހާމް ބޮލުން ކުރިއަށް ފޮނުވާލުމުން އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ސެމީފައިނަލުން ޖާގަ ހޯދުމަށް މޮޅުވުން މަޖުބޫރު މިމެޗުގައި ދިވެހި ޓީމުން ލީޑުހޯދީ ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުފައެވެ. މިލަނޑު ދިވެހި ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މުހައްމަދު އިލާން އިމްރާން އެވެ. މިއީ ދިވެހި ޓީމުގެ އީތަން އިބްރާހިމް ޒަކީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އިލާން ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދިވެހި ޓީމުން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ދިވެހި ޓީމު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި ނޭޕާލުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 88 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ނިޝާން ރާޖު ލާވަތު އެވެ. މިއީ ރާއްޖޭގެ ޕެނަލްޓީ އޭރިއާ ބޭރުން ނޭޕާލަށް ލިބުނު ހިލޭ ޖެހުމެއްގައި އެޓީމުގެ ސުބާޝް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެ އިތުރުން މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 11 މިނެޓުގެ ތެރެއިން އެންމެ ފަހު މިނެޓުގައި ރާއްޖޭގެ ކެޕްޓަން އިލާންއަށް ވަނީ ވަރަށް ހުސް ފުރުސަތެއް ލިބި ބޭނުންކުރެވޭގޮތް ނުވެފައެެވެ. އަދި މިއާއެކު މެޗު ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ހަތް ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ނޭޕާލް ސެމީފައިނަލުން ޖާގަހޯދިއިރު، މިމެޗުން ލިބުނު އެއްޕޮއިންޓާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ދިވެހިރާއްޖެއަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ. މިއާއެކު ދިވެހި ޓީމުން މުބާރާތް ނިންމާލީ ގުރޫޕްގެ ތިންވަނައިގައި އޮވެއެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC