
މެންބަރުންނާއި ކައުންސިލަރުންގެ އިތުބާރުނެތްކަމުގެ ވޯޓާ ގުޅޭ އިސްލާހު ހުށަހަޅަނީ
# ލޯކަލް ކައުންސިލްތައް# ރައްޔިތުންގެ މަޖްލިސް-
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުންގެ އިތުބާރުނެތް ކަމުގެ ވޯޓު ނެގުމާ ގުޅޭ އިސްލާހު މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރުގެ ތެރޭގައި ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެވެ.

މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުނާއި ކައުންސިލަރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް އޮތުމަކީ އެންމެ ޑިމޮކްރެޓިކް ގޮތް ކަމަށާއި، އެފަދަ ނިޒާމެއް ގާއިމުކުރުމުގައި މިހާރު ހިނގަމުންދާ މަސައްކަތަކީ ފަންނީ މަޝްވަރާތަކުގެ މަސައްކަތް ކަމަށެވެ.
ރައީސް ވިދާޅުވީ، ސުޕްރީމް ކޯޓަށް ގޮސްގެން ހުކުމެއް ކޮށްގެން ފަހަރެއްގައި މެންބަރެއްގެ ގޮނޑި ގެއްލިދާނެ ކަމަށާއި، އެނޫން ގޮތެއް ނެތް ކަމަށެވެ. އަދި ޑިމޮކްރެޓިކް ހަމަތަަކަށް ބަލާއިރުގައި ރައްޔިތުންގެ ބާރުވެރިކަން އެންމެ ބޮޑުވާނެ ގޮތަކަަށްވާނީ އެ ފުރުސަތު ރައްޔިތުންނަށް އޮތުން ކަމަށާއި އެއީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ޕްރެކްޓިސްކުރާ ނިޒާމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ރިކޯލް ވޯޓުގެ ނިޒާމަކީ ކާމިޔާބުކަމާއެކު ދުނިޔޭގެ ބައެއް ގައުމުތަކުގައި ތަޖުރިބާކުރެވި ތަންފީޒުކުރެވިފައިވާ ނިޒާމަކަށްވާތީ، އެ ނިޒާމު ރާއްޖެއަށް ތައާރަފުކުރުމުގެ ކުރިން ދުނިޔޭގެ ގައުމުތަކުގައި އެކަން ކުރެވެމުންދާ ގޮތާއި، ރާއްޖޭގައި އެފަދަ ނިޒާމެއް ގާއިމުކުރެވިދާނެ ގޮތްތަކާމެދު ބަހުސްކޮށް މަޝްވަރާކޮށް ދިރާސާކުރަންޖެހޭ ކަމަށެވެ.
އެގޮތުން މަޝްްވަރާކުރެވެމުންދާ ކަންކަމުގެ ތެރޭގައި ރިކޯލު ޕެޓިޝަނެއްގައި ސޮއިކުރަންޖެހޭނީ ކިހައި އަދަދެއްގެ ރައްޔިތުންތޯއާއި، އެ ޕެޓިޝަން މަޖިލީހަށް ލިބުމުން މެންބަރަކު މަގާމުން ވަކިކުރުމަށް ނިންމެވޭނީ މަޖިލީހުގެ މެންބަރުންގެ ކިހައި އަޣުލަބިއްޔަތަކުންކަމާއި، އެފަދަ ވޯޓެއްގައި ކޯރަމް ގުނާނީ ކިހިނެއްކަން ފަދަަ ފަންނީ ކަންކަން ހިމެނެއެވެ.
އޭގެ އިތުރަށް މެންބަރުން ވަކިކުރުމަށް ރައްޔިތުންނަށް ހުށަހެޅޭނީ ކޮން ސަބަބުތަކެއް މެދުވެރިގެންކަން ގާނޫނުގައި ބަޔާންކުރަންޖެހޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެކަންކަމާމެދު ފަންނީ މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ.
"އުންމީދު މިކުރަނީ މިހާރު ހިނގަމުންދާ އެ ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ ތެރެއަށް ހުށަހެޅޭނެ ކަމަށް. މަސައްކަތްކުރަނީ އެގޮތަށް،" ރައީސް ވިދާޅުވިއެވެ.
ރިފޯމް އެޖެންޑާގެ ދަށުން ސަރުކާރުން ދަނީ އިތުރު އިސްލާހުތަކެއްވެސް ހުށަހެޅުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން މަޖިލީހުގެ މެންބަރުންގެ ނިސްބަތުން ވަކި އިންސައްތައެއް ޒުވާނުންނާއި، އަންހެނުން އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކުރުމާއި، ރިޔާސީ އިންތިޚާބުގައި ޕްރިފަރެންޝަލް ވޯޓިން ނިޒާމަކަށް ދިއުން ހިމެނެއެވެ.
ގުޅުންހުރި

މެންބަރުންނާއި ކައުންސިލަރުންގެ އިތުބާރުނެތްކަމުގެ ވޯޓާ ގުޅޭ އިސްލާހު ހުށަހަޅަނީ

ވޯޓުލުމަށް 26,000 އަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓަރީކޮށްފި

ސަރުކާރާ އިދިކީލަ ބަޔަކު ހޮވިއްޖެނަމަ ވާނެ ގޮތް ރައްޔިތުންނަށް މިހާރު އެނގޭނެ: މުހައްމަދު

.gif&w=3840&q=75)



