
-
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކޮންގެރެސް ޕާޓީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލަށް ތާއިދު ކުރައްވާކަން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ހާމަކުރައްވައިފި އެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޤާސިމް އިބްރާހިމް ވިދާޅުވީ، މޫސާ ޢަލީ ޖަލީލަކީ، ޤައުމީ ޚިދުމަތުގެ ފަޚުރުވެރި ރެކޯޑްތަކެއް އޮތް، މި ޤައުމުގެ ދިފާޢުގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބަޠަލެއް ކަމަށެވެ. އަދި މޫސާ އަލީ ޖަލީލަކީ މި ޤައުމުން އެމަނިކުފާނުގެ އަގު ވަޒަންކުރައްވާ، ޤައުމީ ޝަރަފް އަރުވާފައިވާ، ނިޝާން ޢަސްކަރީގެ ޢިއްޒަތުގެ ވެރިއެއް ކަމަށް ޤާސިމް ވިދާޅުވި އެވެ.
"ހަމައެކަނި 1988 ވަނަ އަހަރު ނޮވެންބަރުމަހު 3 ވަނަ ދުވަހު ދިވެހި ޤައުމަށް ކުރިމަތިވި ޢުދުވާނީ ޙަމަލައިން ޤައުމު ސަލާމަތްކުރެއްވުމަށް، މޭ އައްޑަނައެއްގެ ގޮތުގައި ހައްދަވައިގެން ދުޝްމަނުންގެ ކުރިމައްޗަށް ހިތްވަރާއި އީމާންތެރިކަމާއެކު ނުކުންނެވުމުންވެސް އެމަނިކުފާނުގެ ގަދަފަދަ ޤައުމީ ޢަޒުމު ސާބިތުކޮށްދޭ" - ޤާސިމް
ޤާސިމް އިތުރަށް ވިދާޅުވީ، އެއިރުއްސުރެ މިއަދާ ހަމަޔަށްވެސް މޫސާ އަލީ ޖަލީލް ހުންނެވީ އަބަދުވެސް ޤައުމަށްޓަކައި ތައްޔާރަށް ކަމަށާއި، ކޮންމެ ސަރުކާރަކުން މަތިކުރެއްވި ކޮންމެ ވަޒީފާއެއްގެ ވާޖިބުވެސް އަދާކުރެއްވީ ތެދުވެރިކަމާއެކު ކަމަށެވެ. ފަސްބައިގާ ކިލަނބުކަމެއް ނެތްކަމަށާއި، އެއްވެސް މީހަކާމެދު ކުޑައިމީސްކޮށް ކުރެއްވި ކަމެއް ނެތް ކަމަށްވެސް ޤާސިމް ވިދާޅުވި އެވެ. އަދި އެއީ ނުހަނު ޚުލްޤު ހެޔޮ، އެންމެންގެ ލޯބި ލިބިވަޑައިގެންފައިވާ ތަޖްރިބާކާރު ޝަޚްޞިއްޔަތެއްކަމަށްވެސް ޤާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ މިހުރިހާ ހަގީގަތްތަކެއް މިހެން ހުރީތީވެ، ރާއްޖޭގެ ވެރިކަންކުރާ ސަހަރު ހިންގެވުމުގެ އެންމެ އިސް މަގާމަށް މޫސާ ޖަލީލަށްވުރެ ތަޖްރިބާކާރު، އަމާނާތްތެެރި، ހިދުމަތްތެރި، ގާބިލް، ކުފޫހަމަވާ އެހެން ކެންޑިޑޭޓަކު ނެތްކަން ޔަގީން ކަމަށެވެ.
"އަޅުގަނޑު އެދެނީ، މާލެ ސިޓީ ހިންގަވަން، މުރާލި ދުރުވިސްނޭ މާލިމީއަކަށް އުންމީދު ކުރައްވައިގެން ތިޔަ ތިއްބެވި ލޮބުވެތި ރައްޔިތުން، އަދި އަޅުގަނޑުގެ އަޑުއައްސަވާ ބަސް ގަބޫލުކުރައްވާ އެންމެހާ އަހުންނާއި އުޚްތުން، މިފަހަރުގެ އިންތިހާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް މޫސާ ޖަލީލަށް ( ކެނޑިޑޭޓް ނަންބަރު 4 އަކަށް ) ތާއީދުކުރައްވާ ވޯޓުދެއްވުން،". ގާސިމް ވިދާޅުވެފައި ވެއެވެ.
ގުޅުންހުރި

ްްްޤާސިމް އިބްރާހިމްގެ ތާއީދު މޫސާ އަލީ ޖަލީލަށް!

މޫސާ އަލީ ޖަލީލްގެ ކެމްޕެއިން އޮފީސް ހުޅުވައި ކެމްޕެއިން މެކުހަށް!

މޭޔަރުގެ މަގާމަށް ނިކުމެވަޑައިގަތީ ރައީސް މުއިއްޒު މޭޔަރުކަމުގައި ކުރި ހިދުމަތަކީ ނަމޫނާއެއް ކަމުގައި ބަލައިގެން - މޫސާ އަލީ ޖަލީލް

.gif&w=3840&q=75)



