
އަބާންގެ ހަތަރު ލަނޑާއެކު އީއެކްސްއީ ކޮޅަށް ރޭންޖާރސް އިން 11 ލަނޑު ޖަހައިފި
# ދިވެހި ކުޅިވަރު # ކ.ކާށިދޫ# މިއީ ގުޅުމަކީ ފުޓްސަލް ޗެލެންޖް 2026ރޭންޖާރސް އާއި އީއެކްސްއީ ވާދަކުރި މެޗުގެ ތެރެއިން..
ކ.ކާށިދޫގައި މިހާރު ކުރިއަށްދާ މިއީ ގުޅުމަކީ ފުޓްސަލް ޗެލެންޖް 2026 ގައި މިރޭ ކުޅުނު ތިންވަނަ މެޗުގައި ގުރޫޕް އޭގެ އީއެކްސްއީ އާއި ޕާމް ރޭންޖާރސް ވާދަކުރި މެޗު ފަސޭހަކަމާއެކު 11-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ރޭންޖާރސް އިން ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ޕާމް ރޭންޖާރސް ކުޅުނު ފުރަތަމަ މެޗުގައި ނުވަދިހަ އަށަކާއި ވާދަކޮށް 3-3 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، ދެވަނަ މެޗުގައި އެޓީމުން ވަނީ 3-0 ގެ ނަތީޖާއަކުން އީއެން ފުޓްބޯޅަ ޓީމު ބަލިކޮށްފައެެވެ. އަދި ގުރޫޕް ސްޓޭޖުގައި އީއެކްސްއީ ކުޅުނު ފުރަތަމަ މެޗުގައި 3-2 ގެ ނަތީޖާއަކުން އީއެން ފުޓްބޯޅަ ޓީމު އަތުން ބަލިވިއިރު، ދެވަނަ މެޗުގައި ނުވަދިހަ އަށެއް އަތުން އެޓީމު ބަލިވީ 5-1 ގެ ނަތީޖާއަކުންނެވެ.
ކާށިދޫ ފުޓްސަލް ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގެ މޮޅަށް ކުޅެ ރޭންޖާރސް އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 5-0 ގެ ނަތީޖާއަކުން ރޭންޖާރސް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ރޭންޖާރސް އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ހަ ލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި ރޭންޖާރސްގެ އަބާން މުހައްމަދު ހަތަރު ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަޖުލާން އަބްދުލް ހަންނާން ވަނީ ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހަދާފައެވެ. މީގެ އިތުރުން މިމެޗުގައި ރޭންޖާރސްގެ އިސްމާއިލް ރަޔާން ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަހުމަދު ނުޝާހު އަދި މުހައްމަދު އަޖުވަދު ސޮލާހް މިއިން ކޮންމެ ކުޅުންތެރިިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރޭންޖާރސްގެ އަބާން މުހައްމަދު އެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ހަތް ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ޕާމް ރޭންޖާރސް ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކުރިއިރު، މިމެޗުން ބަލިވި އީއެކްސްއީ އިން މުބާރާތް ނިންމާލީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް ބަލިވެ ޕޮއިންޓެެއް ނުލިބި ގުރޫޕްގެ ފުލުގައި އޮވެއެވެ.
19 މާރިޗް 2026 އިން 23 މާރިޗު 2026 ގެ ނިޔަލަށް ކުރިއަށްދާ މި، މުބާރާތުގައި މިއަހަރު ޖުމްލަ އަށް ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެ ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.
މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ކާށިދޫ ކައުންސިލް އިދާރާ އެވެ. އަދި ކޯ ސްޕޮންސަރަކަށް އަވަސް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން މުބާރާތުގެ ސަޕޯޓިންގ ޕާޓްނަރުންގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް، މޭންވިކް، ދަ ގާމަންޓް ފެކްޓްރީ، ޝައްމު އެމްވީ، ޗާލު ލައިވް، ރަތްވިނަ އަދި ކޮން އެފްޓީ ހަމަޖައްސާފައިވާއިރު، ޑިޖިޓަލް ޕާޓްނަރަކީ އުރިދޫ އެވެ.
މުބާރާތުގެ އޮފިޝަލް ބޯލް ޕާޓްނަރަކީ ޖާޒިޔާ އެވެ. ޓްރަވަލް ޕާޓްނަރަކަށް މައިދޫ ހަމަޖައްސާފައިވާއިރު، އެކަމަޑޭޝަން ޕާޓްނަރަކީ މަރުހަބާ ރެސިޑެންސް އެވެ. އަދި ޕްރިންޓިންގ އެންޑް ޓްރޮފީ ޕާޓްނަރަކަށް ލޭޔާރ ހަމަޖައްސާފައިވާއިރު، ބޭވަރޭޖް ޕާޓްނަރަކީ ޝައުމް އެވެ. އަދި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.
ގުޅުންހުރި

ފްލަޔާރސް ބަލިކޮށް ޓައިޓަން އިން ގުރޫޕްގެ އެއްވަނަ ކަށަވަރުކޮށްފި

އަބާންގެ ހަތަރު ލަނޑާއެކު އީއެކްސްއީ ކޮޅަށް ރޭންޖާރސް އިން 11 ލަނޑު ޖަހައިފި

ޓީމު ނަމަވެސް ބަލިކޮށް ކޮން އެފްޓީ އިން މުބާރާތް ނިންމާލީ މޮޅަކާއެކު

.gif&w=3840&q=75)



