
ހުރާގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތައް ސްޓެލްކޯއާއި ހަވާލުކޮށްފި
# ސްޓެލްކޯ# ފެނަކަ ކޯޕަރޭޝަން# ކ. ހުރާކ.ހުރާގެ ކަރަންޓާއި ފެން އަދި ނަރުދަމާގެ ހިދުމަތް ސްޓެލްކޯއިން ހަވާލުވުން- ފޮޓޯ: ސްޓެލްކޯ
ކ.ހުރާގައި ކަރަންޓާއި ފެނާއި އަދި ނަރުދަމާގެ ހިދުމަތާއި ސްޓޭޓް އެލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހަވާލުވެއްޖެ އެވެ.

ސްޓެލްކޯއިން މި ހިދުމަތާ ހަވާލުވެފައިވަނީ މިއަދު ސްޓެލްކޯގެ ހެޑް އޮފީހުގައި މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ.
ސްޓެލްކޯއިން ބުނީ މި ހިދުމަތް ދެމުންދިޔަ ފެނަކަ ކޯޕަރޭޝަންގެ 32 މުވައްޒަފުން ސްޓެލްކޯގެ ދަށަށް ބަދަލުކުރެވިފައިވާ ކަމަށާއި މި ބަދަލާއެކު ހުރާގެ ރައްޔިތުންނަށް ދެމުންދާ ކަރަންޓާއި ފެން އަދި ނަރުދަމާގެ ހިދުމަތް ސްޓެލްކޯގެ ހިދުމަތުގެ މިންގަނޑުތަކާއި އެއްހަމަކޮށް، ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، ވަސީލަތްތައް ތަރައްގީކުރުމަށް ސްޓެލްކޯއިން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު ޑރ. އަލީ އަޒްވަރު ވިދާޅުވީ ހުރާގެ ރައްޔިތުންނަށްވެސް ސްޓެލްކޯއިން މި ހިދުމަތްތަކާ ހަވާލުވުމަށްފަހު، ސްޓެލްކޯގެ ފެންވަރަށް، އެހެން ރަށްރަށުގަވެސް މި ދޭ މިންގަނޑުތަކަށް، ހުރާގެ ޔޫޓިލިޓީ ހިދުމަތްތައް ގެންދިއުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ.
" އަޅުގަނޑުމެންނަށް ފެންނަ ފެނުމުގަ އެރަށުގަ މުހިއްމު ތަރައްޤީގެ އިތުރު މަސައްކަތްތަކެއް މި ޚިދުމަތްތަކާ ގުޅޭގޮތުން ކުރަން އެބަޖެހޭ. އެކަމާ ގުޅޭ ކަންތައްތައް އަޅުގަނޑުމެން މިހާރުވެސް ޕްލޭން ކުރެވި، އެމަސައްކަތްތައް ރޭވުމުގެ ކަންތައްތައް އެބަ ކުރިއަށްދޭ. އެހެންވީމަ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިހާރަށްވުރެވެސް ރަނގަޅަށް އެ މަސައްކަތް ހުރާގެ ރައްޔިތުންނަށް، ހުރާގެ ރައްޔިތުންނާ ގުޅިގެން ފޯރުކޮށްދިނުމުގެ މަސައްކަތް އަޅުގަނޑުމެން ފައްޓާނަން." އަޒްވަރު ވިދާޅުވި އެވެ.
މިކަމާ ގުޅިގެން މި ހިދުމަތް ކުރިން ދިން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު މޭޖަރ (ރޓޑ) މުޙައްމަދު ނަޖާޙް ވިދާޅުވީ މިއީ ފެނެކައާއި ހަވާލުވިފަހުން އެއް އަހަރު ދުވަހުގެ ތެރޭގައި އެކިއެކި ލެވެލްގައި މަޝްވަރާކޮށް ފޯރަމްތައް ބާއްވާ ސިލްސިލާކޮށް އެކިގޮތްގޮތުން ސްޓަޑީތައް ހެދި، މި ދިގު ސިލްސިލާގެ ނިމުން ކަމަށެވެ. އަދި މިއާއެކު ހުރާގެ ހިދުމަތްތައް ރަނގަޅުކުރެވި، ރަނގަޅު ފެންވަރެއްގެ ހިދުމަތްތަކެއް ދެވިގެންދާނެކަމުގެ އުންމީދު ކުރައްވާ ކަމަށް ނަޖާހް ވިދާޅުވި އެވެ.
ރައްޔިތުން މަޖިލީހުގެ ކ،ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް ވިދާޅުވީ މިއީ ހުރާ ރައްޔިތުންގެ ވަރަށް ގިނަ ދުވަސްވީ އުންމީދެއް ހާސިލްވެގެންދިއުން ކަމަށެވެ. އަދި މިއާއެކު ހުރާއަށް ހުރިހާ ގޮތަކުންވެސް ބޮޑެތި ފަސޭހަތަކެއްވެ، އިތުރު ކުރިއެރުމާ ތަރައްޤީ ލިބިގެންދާނެ ކަމަށް އަނާރާ ވިދާޅުވި އެވެ.
"މުވައްޒަފުންގެވެސް އިތުރު ކުރިއެރުންތަކެއް މި ބަދަލުގެ ސަބަބުން ލިބިގެންދާނެކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭ. މުވައްޒަފުންވެސް އަޅުގަނޑާ ވާހަކަދައްކާ، އެބޭފުޅުންގެ ވެސް ވަރަށް ބޮޑު އެދުމެއް ކ. އަތޮޅުގެ އެހެން ރަށްތަކެކޭ އެއްގޮތަށް ހުރާ ސްޓެލްކޯގެ ދަށަށް ދިއުން. އެހެންވީމަ މިއަދު އަސްލު އަޅުގަނޑުމެން މި ފާހަގަކުރަނީ ވަރަށް ގިނަ ރައްޔިތުންތަކެއްގެ އުއްމީދެއް." އަނާރާ ވިދާޅުވި އެވެ.
ސްޓެލްކޯއިން ކ. ހުރާގެ ކަރަންޓާއި ފެން އަދި ނަރުދަމާގެ ހިދުމަތާއި ހަވާލުވުމާއި ގުޅިގެން، ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ކަރަންޓުގެ ހިދުމަތް ދެމުން ދަނީ ސްޓެލްކޯއިންނެވެ. އަދި ގްރޭޓާ މާލެއާއި ކ އަތޮޅުގެ އިތުރުން އއ، އދ އަދި ވ އަތޮޅުގެ ރަށްތަށް ހިމެނޭގޮތަށް ޖުމްލަ 36 ރަށެއްގައި ކަރަންޓުގެ ހިދުމަތާއި، 25 ރަށެއްގައި ފެނުގެ ހިދުމަތް އަދި 24 ރަށުގައި ނަރުދަމާގެ ހިދުމަތް ސްޓެލްކޯއިން ދަނީ ދެމުންނެވެ.
ގުޅުންހުރި

ހުރާގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތައް ސްޓެލްކޯއާއި ހަވާލުކޮށްފި

އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ މަސައްކަތް ނިންމުމަށް ދުބާއީގެ ޑެފިނިޓް ސޮލިއުޝަންސްއާއި ހަވާލުކޮށްފި

ސްޓެލްކޯގެ ކަސްޓަމަރ ސަރވިސް ޕޯޓަލް 'ވަށަނި" އިފްތިތާހްކޮށްފި

.gif&w=3840&q=75)



