
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން، ރާއްޖޭގެ މާލީ އަދި އިޤްތިސާދީ ހާލަތަށް އަތުވެދާނެ ބަދަލުތައް ދަނީ ގާާތުން ބަލަމުން - ފިނޭންސް
# ފިނޭންސް މިނިސްޓްރީ--
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ރާއްޖޭގެ މާލީ އަދި އިޤްތިސާދީ ހާލަތަށް އަތުވެދާނެ ބަދަލުތައް ވަރަށް ގާތުން ބަލަމުންދާކަށް، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.

އެ ވުޒާރާއިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ރާއްޖޭގެ މާލީ އަދި އިޤްތިސާދީ ހާލަތު ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާއި ގުޅިގެން ބަލަމުންދާ ކަމަށެވެ.
އަދި މި ހާލަތުގެ ސަބަބުން ދިވެހިރާއްޖެއަށް ކުރިމަތިވެދާނެ ހިރާސްތަކަށް ތައްޔާރުވުމަށާއި އަވަސް ފިޔަވަޅުތައް އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މެދުކެނޑުމެއްނެތި އެ ވުޒާރާއިން ކުރަމުންދާނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށްވެސް ވަނީ ބުނެފައެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ދިވެހިރާއްޖެއަށް ބޭނުންވާ ތެޔޮ މައިގަނޑު ގޮތެއްގައި އެތެރެކުރަނީ އޮމާން މެދުވެރިކޮށް ކަމަށްވުމާއެކު، ތެޔޮ ފޯރުކޮށްދިނުމުގެ ނިޒާމަށް ކުރިމަތިވެދާނެ ގޮންޖެހުންތައް ދެނެގަނެ، ތެލުގެ ސަޕްލައި މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އާ ގުޅިގެން މި މިނިސްޓްރީން ފިޔަވަޅުތަކެއް އަޅަމުންދާނެ ކަމަށެވެ.
އަދި ރާއްޖޭގެ އިގްތިސާދު ބިނާވެފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މައްޗަށް ކަމަށްވުމާއެކު، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ފަތުރުވެރިން އަންނަ މިންވަރަށާއި، ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ނިޒާމަށް ކޮށްފާނެ އަސަރުތައް ވަރަށް ބޮޑަށް ދިރާސާކުރަމުންދާ ކަމަށާއި، މި ދިރާސާތަކުގެ އަލީގައި، ރާއްޖޭގެ މެކްރޯ-އިކޮނޮމިކް ހަމަޖެހުން ދެމެހެއްޓުމަށާއި، އާންމު ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި، މާލީ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ހާލަތާ އެކަށީގެންވާ ގޮތެއްގައި ގެނައުމަށް ރޭވިފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.
މީގެ އިތުރަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ރިޒާވް މިވަގުތު ހިފެހެއްޓިފައިހުރީ މީގެ ކުރީން ރިޒާވް މަތިނުވާ މިންވަރެއްގައި ކަމުން، ބޭރު ދުނިޔެއިން ކުރިމަތިވާ އިގްތިސާދީ ލޮޅުންތަކުން އަރައިގަތުމަށާއި، މުދާ އިމްޕޯޓް ކުރުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށާއި، އިގްތިސާދީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ހަރުދަނާކަމާއެކު ތަންފީޒުކުރުމަށް ސަރުކާރަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
މި ނޫސްބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ދައުލަތުގެ މާލީ ނިޒާމު ހަރުދަނާކޮށް ބެލެހެއްޓުމަށާއި، ގައުމުގެ އިގްތިސާދީ ހަމަޖެހުން ދެމެހެއްޓުމަކީ މި ވުޒާރާއިން އަބަދުވެސް އިސްކަންދޭނެ ކަމެއް ކަމަށެވެ.
އަދި މި ދަނޑިވަޅުގައި ރާއްޖޭގެ މާލީ ދާއިރާގެ ހަމަޖެހުންހިފަހައްޓައި، އިގްތިސާދީ އިތުބާރު ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުންދާނެ ކަމަށްވެސް، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ރޭ ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ގުޅުންހުރި

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން، ރާއްޖޭގެ މާލީ އަދި އިޤްތިސާދީ ހާލަތަށް އަތުވެދާނެ ބަދަލުތައް ދަނީ ގާާތުން ބަލަމުން - ފިނޭންސް

އޯޕެކް ފަންޑުން ރާއްޖެއަށް އިތުރު މާލީއެހީތައް ދިނުމަށް ފްރޭމްވޯކެއްގައި ސޮއިކޮށްފި

މިނިސްޓްރީތަކެއް ހިންގަމުންދިޔަ އިމާރާތްތަކުގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ޗައިނާއިން ރާއްޖެއަށް 2.8 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ!

.gif&w=3840&q=75)



