.jpeg&w=3840&q=75)
ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ، ދުބާއީގައި ހުންނަ ދުނިޔޭގެ އެންމެ މަގްބޫލު އެއް ހޮޓަލު ކަމަށްވާ ބުރުޖް އަލް އަރަބް އަށް ވެސް އިރާނުން ހަމަލާދީފި އެވެ.

އިތުބާރުހުރި މަސްދަރުތަކާއި ހަވާލާދީ މެދުއިރުމަތީގެ ހަބަރުތައް އެންމެ ތާޒާކަމާއި ގެނެސްދޭ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި ދުބާއީގެ ބުރުޖް އަލް އަރަބް ހޮޓަލަށް ހަމަލާދީފައިވަނި އިރާނުގެ ސޫސައިޑް ޑްރޯންއަކުންނެވެ. އެގޮތުން ހަމަލާ އަމާޒުވި އިމާރާތުގެ ތިރީ ފަންގިފިލާއަކަށް ކަމަށާއި ރޯވި އަލިފާންގަނޑު ނިއްވުމަށް ދުބާއީގެ ސަލާމަތީ ބާރުތަކުން މިހާރުވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިހަމަލާއި ގުޅިގެން އެހޮޓަލުގައި ރޯވެ އަނދަމުންާދާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް މިހާރު މީސް މީޑިއާގައި ދައުރުވަމުންދާއިރު އެވީޑިއޯގެ ސައްހަކަންވެސް ވަނީ ކަށަވަރުވެފައި އެވެ.
ދުބާއީ ސަރުކާރުގެ މީޑިއާ އޮފީހުން ބުނީ އިރާނުން ގަތަރަށްދިން ޑްރޯން ހަމަލާއެއް ހުއްޓުވުމަށް ކުރި މަސައްކަތުގެ ތެރެއިން، ޑްރޯންގެ ބައިތައް ބުރުޖް އަލް އަރަބް ހޮޓަލުގެ ސަރަހައްދަކަށް ވެއްޓި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ.
ބުރުޖު އަލް އަރަބްއަކީ ދުބާއީގެ އެންމެ ފާހަގަކޮށްލެވޭ އެއް ހޯޓަލެވެ. އެގޮތުން ޖުމެއިރާ އިން ހިންގާ މި ހޮޓަލް ވެގެންގޮސްފައިވަނީ ދުބާއީއަށް ދަތުރުކުރާ ފަތުރުވެރިންގެ މެދުގައި އެންމެ މަގްބޫލު އެއް މަންަޒިލަށެވެ.
މިހަމަލާއަކީ އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް އިއްޔެ ހެނދުނު ހަމަލާދޭން ފެށުމާއިގުޅިގެން އިރާނުން އެމެރިކާއާއި އިސްރާއީލަށް ވާގިވެރިވާ ގައުމުތަކަށް އަމާޒުކޮށް ދޭން ފެށި ހަމަލާތަކުގެ ތެރެއިން ދިން ހަމަލާއެކެވެ. އެމެރިކާ އިސްވެ އޮވެ ފެށި މި ހަމަލާތަކަށް އިރާނުން ތިބީ ވަރަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ. އެގޮތުން ހަމަލާތައް ދިންތާ ކުޑައިރުކޮޅެއްގެ ތެރޭގައި އިރާނުން ވަނީ އިސްރާއީލަށާއި ސަރަހައްދުގައި ހުރި އެމެރިކާގެ ހުރިހާ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް ހަމަލާތައް ދޭން ފަށާފައި އެވެ.
އެގޮތުން ކުވެއިތު، ބަހްރައިން، ޔޫއޭއީ، ގަތަރު، ޖޯޑަން އަދި ސައުދީ އަށް ވެސް އިރާނުން ހަމަލާތައް ދިން އިރު މި ހަމަލާތައް އަމާޒުކުރީ އެގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށެވެ. މިގޮތުންވެސް ގަތަރުގައި ހުންނަ އަލް ހުދެއިދު ވައިގެ އަސްކަރީ މަރުކަޒަށް އިރާނުން ވަރަށް ވަރުގަދަ ހަމަލާއެއް ދީފައިވާއިރު ބަހްރައިންގެ މަނަމާއަށްވެސް ވަރުގަދަ ހަމަލާއެއް އިރާނުން ވަނީ ދީފައި އެވެ. އަދިވެސް ހަމަލާތައް ހުއްޓާލާފައިނުވާއިރު މެދުއިރުމަތީގެ ގައުމުތަކުގެ ވައިގެ ސަރަހައްދުތައްވެސް މިހާރު ވަނީ ބަންދުކޮށްފައި އެވެ.
މި ހަމަލާތަކުގައި އިރާނުން ބޭނުންކުރަމުންދަނީ ބެލިސްޓިކް މިސައިލްތަކާއި ހައިޕާސޮނިކް މިސައިލްތައް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެމެރިކާއިން އިސްރާއީލާއި ގުޅިގެން އިރާނަށް ހަމަލާތަކެއް ދީފައިމިވަނީ އިރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި ގުޅިގެން އެކަމުގެ ނުރައްކާ އެމެރިކާއާއި އިސްރާއީލަށް އޮތް ކަމަށް ބުނެފައިވާ ދަނޑިވަޅެއްގައި އެވެ. ނަމަވެސް އިރާނުން ވަނީ ނިއުކްލިއާ ޕްރޮގްރާމާއި ގުޅިގެން އެމެރިކާއިއެކު މަޝްވަރާގެ މޭޒަށް އައިސްފައި އެވެ. އަދި އެކަމުގެ މަޝްވަރާތައް ލަހުން ކުރިޔަށް ދިޔަނަމަވެސް ދެފަރާތުންވެސް އެއްބަސްވާ ހިސާބަކަށް މަޝްވަރާތައް ކުރިޔަށް ގޮސްފައިވުމުން މަޝްވަރާގެ އިތުރު ބުރުތަކަކަށް އިރާނުންވެސް ވަނީ އެއްބަސްވެފައި އެވެ. އަދި އެމަޝްވަރާތައް އަންނަ ހަފްތާގައި ފެށުމަށްވެސް އޮތީ ތައްޔާރުވެފައި އެވެ.
ނަމަވެސް މިއަދު ހެނދުނު ކުއްލި ގޮތަކަށް އިރާނަށް ދިން ހަމަލާތަކާއި ގުޅިގެން މި މަޝްވަރާތައް އެކުއެކީ ހުއްޓުމަކަށް އަންނާނެ ކަމަށް މަޝްރަހު ދިރާސާާ ކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އަދި މިއީ މެދުއިރުމަތީގައި ފެށޭ ދިގު ހަނގުރާމައެއްގެ ގޮތުގައިވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
.gif&w=3840&q=75)






