logoEN
PNC TOP 3
މިހާތަނަށް އިރާނުން ގަތަރަށް 66 މިސައިލް ހަމަލާދީފި، 8 މީހަކު ޒަހަމްވެފައިވާއިރު އެކަކުގެ ހާލު ސީރިއަސް - ގަތަރުގެ ސަރުކާރު

މިހާތަނަށް އިރާނުން ގަތަރަށް 66 މިސައިލް ހަމަލާދީފި، 8 މީހަކު ޒަހަމްވެފައިވާއިރު އެކަކުގެ ހާލު ސީރިއަސް - ގަތަރުގެ ސަރުކާރު

އަހުމަދު ޝުރާއު

logo

2/28/2026, 9:21:57 PM

# އިރާން

އެމެރިކާއާއި އިސްރާއީލުން އިރާނަށް މިއަދު ހެނދުނު ދިން ކުއްލި ހަމަލާގެ ބަދަލުހިފައި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި ގައުމުތަކަށް އިރާނުން ދޭން ފެށި ހަމަލާތަކުގައި ގަތަރަށް މިރޭގެ މިވަގުތާއި ހަމައަށް 66 މިސައިލް ހަމަލާދީފައިވާ ކަމަށް ގަތަރުގެ ސަރުކާރުން ހާމަކޮށްފި އެވެ.

PNC MID 2

ގަތަރުގެ އިންޓީރިއާ މިނިސްޓްރީގެ ޕަބްލިކް ރިލޭޝަންސްގެ ވެރިޔާ އަބްދުالله ޚަލީފާ އަލް މުފްތާހް މިރޭ ދެއްވި ޓީވީ ހިތާބެއްގައި ވިދާޅުވީ މިވަގުތާއި ހަމައަށް ގަތަރަށް 66 މިސައިލް ހަމަލާދީފައިވާ ކަމަށެވެ. އަދި މިހަމަލާތައް ހުއްޓުވުމަށް ކުރި މަސައްކަތުގައި މިސައިލްގެ ބައިތައް ގަތަރުގެ އެކި ސަރަހައްދުތަކަށް ވެއްޓުމުގެ 114 ރިޕޯޓު މިހާތަނަށް ލިބިފައިވާ ކަމަށެވެ.

އެގޮތުން މިސައިލްގެ ބައިތައް ވެއްޓުމުގެ ސަބަބުން ހިނގި ހާދިސާތަކުގައި 8 މީހަކަށް އަނިޔާވެފައިވާއިރު އެކަކުގެ ހާލު ސީރިއަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެގައުމުގެ ފޮރިން މިނިސްޓްރީގެ ޕަބްލިކް ރިލޭޝަންސްގެ ވެރިޔާ އިބްރާހިމް ސުލްތާން އަލް ހާޝިމީ ވެސް މިރޭ ވަނީ އީރާނުން ތަކުރާރުކޮށް ގަތަރަށް ހަމަލާތައް އަމާޒު ކުރުމަކީ ރަނގަޅު އަވަށްޓެރިކަމުގެ އުސޫލާ ފުށުއަރާ ފަރުވާކުޑަ އަދި ޒިންމާދާރުކަން ކުޑަ އަމަލެއް ކަމުގައި ވިދާޅުވެފައި އެވެ.

މި ހަމަލާއަކީ އިއްޔެ ހެނދުނު އެމެރިކާ އިސްވެ އޮވެ އިސްރާއީލާއި ގުޅިގެން އިރާނަށް ދިން ވަރުގަދަ ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އިރާނުން އެމެރިކާގެ އަސްަކަރީ ބޭސްތައް ހުރި ގައުމުތަކަށް ދެމުންދާ ހަމަލާތަކެކެވެ. މި ހަމަލާތަކަށް އިރާނުން ތިބީ ވަރަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ. އެގޮތުން ހަމަލާތައް ދިންތާ ކުޑައިރުކޮޅެއްގެ ތެރޭގައި އިރާނުން ވަނީ އިސްރާއީލަށާއި ސަރަހައްދުގައި ހުރި އެމެރިކާގެ ހުރިހާ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް ހަމަލާތައް ދޭން ފަށާފައި އެވެ. އެގޮތުން ކުވެއިތު، ބަހްރައިން، ޔޫއޭއީ، ގަތަރު، ޖޯޑަން އަދި ސައުދީ އަށް ވެސް އިރާނުން ހަމަލާތައް ދިން އިރު މި ހަމަލާތައް އަމާޒުކުރީ އެގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށެވެ. މިގޮތުންވެސް ގަތަރުގައި ހުންނަ އަލް ހުދެއިދު ވައިގެ އަސްކަރީ މަރުކަޒަށް އިރާނުން ވަރަށް ވަރުގަދަ ހަމަލާއެއް ދީފައިވާއިރު ބަހްރައިންގެ މަނަމާއަށްވެސް ވަރުގަދަ ހަމަލާއެއް އިރާނުން ވަނީ ދީފައި އެވެ. އަދިވެސް ހަމަލާތައް ހުއްޓާލާފައިނުވާއިރު މެދުއިރުމަތީގެ ގައުމުތަކުގެ ވައިގެ ސަރަހައްދުތައްވެސް މިހާރު ވަނީ ބަންދުކޮށްފައި އެވެ.

މި ހަމަލާތަކުގައި އިރާނުން ބޭނުންކުރަމުންދަނީ ބެލިސްޓިކް މިސައިލްތަކާއި ހައިޕާސޮނިކް މިސައިލްތައް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެމެރިކާއިން އިސްރާއީލާއި ގުޅިގެން އިރާނަށް ހަމަލާތަކެއް ދީފައިމިވަނީ އިރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި ގުޅިގެން އެކަމުގެ ނުރައްކާ އެމެރިކާއާއި އިސްރާއީލަށް އޮތް ކަމަށް ބުނެފައިވާ ދަނޑިވަޅެއްގައި އެވެ. ނަމަވެސް އިރާނުން ވަނީ ނިއުކްލިއާ ޕްރޮގްރާމާއި ގުޅިގެން އެމެރިކާއިއެކު މަޝްވަރާގެ މޭޒަށް އައިސްފައި އެވެ. އަދި އެކަމުގެ މަޝްވަރާތައް ލަހުން ކުރިޔަށް ދިޔަނަމަވެސް ދެފަރާތުންވެސް އެއްބަސްވާ ހިސާބަކަށް މަޝްވަރާތައް ކުރިޔަށް ގޮސްފައިވުމުން މަޝްވަރާގެ އިތުރު ބުރުތަކަކަށް އިރާނުންވެސް ވަނީ އެއްބަސްވެފައި އެވެ. އަދި އެމަޝްވަރާތައް އަންނަ ހަފްތާގައި ފެށުމަށްވެސް އޮތީ ތައްޔާރުވެފައި އެވެ.

ނަމަވެސް މިއަދު ހެނދުނު ކުއްލި ގޮތަކަށް އިރާނަށް ދިން ހަމަލާތަކާއި ގުޅިގެން މި މަޝްވަރާތައް އެކުއެކީ ހުއްޓުމަކަށް އަންނާނެ ކަމަށް މަޝްރަހު ދިރާސާާ ކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އަދި މިއީ މެދުއިރުމަތީގައި ފެށޭ ދިގު ހަނގުރާމައެއްގެ ގޮތުގައިވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC