
އިރާނުން ހަމަލާތައް ހުއްޓާލުމުގެ ވިސްނުމެއް ނެތް: ހައިޕާސޮނިކް މިސައިލްތައްވެސް ބޭނުންކުރަން ފަށައިފި
# އިރާންއިސްރާއީލާއި އެމެރިކާ ގުޅިގެން މިއަދު ހެނދުނު އިރާނަށް ދިން ވަރުގަދަ ހަމަލާތަކުގެ ރައްދުގައި އިރާނުގެ އަސްކަރިއްޔާއިން މެދުއިރުމަތީގެ އެކި ގައުމުތަކަށް ދެމުންދާ ހަމަލާތައް ވަރުގަދަ ކޮށްފި އެވެ.

އިރާނުގެ ރިޕޯޓުތައް ބުނާގޮތުގައި އިރާނުން މިރޭ ވަނީ ހަމަލާތަކަށް ހައިޕާސޮނިކް މިސައިލްތައް ނެރެ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން ހައިޕާސޮނިކް މިސައިލްތަކެއް އިސްރާއީލަށް އަމާޒުކޮށް ފޮނުވާލާފައިވާއިރު ހަމަލާތައް ހުއްޓުވުމަށް އިސްރާއީލުން ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރިޕޯޓުތައް ބުނާގޮތުގައި އިރާނުން ބޭނުންކުރަމުންދަނީ އެގައުމުން އުފައްދާފައިވާ އެންމެ ފާހަގަކޮށްލެވޭ ހައިޕާސޮނިކް މިސައިލް "ފައްތާހު" (Fattah) އެވެ. މި މިސައިލްއަކީ އަޑަށްވުރެ 7 ގުނަ ބާރަށް ދަތުރުކުރާ މިސައިލެއް ކަމަށް އީރާނުން ބުނެއެވެ.
މީގެ އިތުރުން އިރާނުން މިރޭ އަންނަނީ ހަމަލާތަކުގައި ޑްރޯންތައްވެސް ބޭނުންކުރަމުންނެވެ. އެގޮތުން އިރާނުގެ ޑްރޯނެއް މިރޭ ކުވައިތުގެ މައި އެއާޕޯޓަށްވެސް ހަމަލާދީފައިވާ ކަމަށް ރިޕޯޓުތައް ދަނީ ބުނަމުންނެވެ.
އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް ހަމަލާދޭން ފެށީ މިއަދު ހެނދުނު އެވެ. އެމެރިކާ އިސްވެ އޮވެ ފެށި މި ހަމަލާތަކަށް އިރާނުން ތިބީ ވަރަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ. އެގޮތުން ހަމަލާތައް ދިންތާ ކުޑައިރުކޮޅެއްގެ ތެރޭގައި އިރާނުން ވަނީ އިސްރާއީލަށާއި ސަރަހައްދުގައި ހުރި އެމެރިކާގެ ހުރިހާ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް ހަމަލާތައް ދޭން ފަށާފައި އެވެ.
އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް އިރާނުން ފާއިތުވި ގަޑިއިރެއްހާ އިރުގެ ތެރޭގައިވެސް ދިން އިރު އިސްރާއީލުން ހިފާފައިވާ ހައިފާއަށް ގިނަ ހަމަލާތަކެއް އަމާޒުވިކަމުގެ ރިޕޯޓުތައް ދަނީ ލިބެމުންނެވެ. އަދި ތެލް އަވީވްއަށްވެސް ހަމަލާތައް އަމާޒުވެ މުޅި އިސްރާއީލު ކަހަލަ ގޮތަކަށް މިހާރުވެސް ތިބީ ބިންގަރާސްތަކުގައި ހިމާޔާތް ހޯދުމަށްކަމުގައި އިސްރާއީލުގެ ނޫސްތަކުންވެސް ދަނީ ރިޕޯޓުކުރަމުންނެވެ.
މީގެ އިތުރުން ކުވެއިތު، ބަހްރައިން، ޔޫއޭއީ، ގަތަރު، ޖޯޑަން އަދި ސައުދީ އަށް ވެސް އިރާނުން ހަމަލާތައް ދިން އިރު މި ހަމަލާތައް އަމާޒުކުރީ އެގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށެވެ. މިގޮތުންވެސް ގަތަރުގައި ހުންނަ އަލް ހުދެއިދު ވައިގެ އަސްކަރީ މަރުކަޒަށް އިރާނުން ވަރަށް ވަރުގަދަ ހަމަލާއެއް ދީފައިވާއިރު ބަހްރައިންގެ މަނަމާއަށްވެސް ވަރުގަދަ ހަމަލާއެއް އިރާނުން ވަނީ ދީފައި އެވެ.
މި ހަމަލާތަކުގައި އިރާނުން ބޭނުންކުރަމުންދަނީ ބެލިސްޓިކް މިސައިލްތައް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެމެރިކާއިން އިސްރާއީލާއި ގުޅިގެން އިރާނަށް ހަމަލާތަކެއް ދީފައިމިވަނީ އިރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި ގުޅިގެން އެކަމުގެ ނުރައްކާ އެމެރިކާއާއި އިސްރާއީލަށް އޮތް ކަމަށް ބުނެފައިވާ ދަނޑިވަޅެއްގައި އެވެ. ނަމަވެސް އިރާނުން ވަނީ ނިއުކްލިއާ ޕްރޮގްރާމާއި ގުޅިގެން އެމެރިކާއިއެކު މަޝްވަރާގެ މޭޒަށް އައިސްފައި އެވެ. އަދި އެކަމުގެ މަޝްވަރާތައް ލަހުން ކުރިޔަށް ދިޔަނަމަވެސް ދެފަރާތުންވެސް އެއްބަސްވާ ހިސާބަކަށް މަޝްވަރާތައް ކުރިޔަށް ގޮސްފައިވުމުން މަޝްވަރާގެ އިތުރު ބުރުތަކަކަށް އިރާނުންވެސް ވަނީ އެއްބަސްވެފައި އެވެ. އަދި އެމަޝްވަރާތައް އަންނަ ހަފްތާގައި ފެށުމަށްވެސް އޮތީ ތައްޔާރުވެފައި އެވެ.
ނަމަވެސް މިއަދު ހެނދުނު ކުއްލި ގޮތަކަށް އިރާނަށް ދިން ހަމަލާތަކާއި ގުޅިގެން މި މަޝްވަރާތައް އެކުއެކީ ހުއްޓުމަކަށް އަންނާނެ ކަމަށް މަޝްރަހު ދިރާސާާ ކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އަދި މިއީ މެދުއިރުމަތީގައި ފެށޭ ދިގު ހަނގުރާމައެއްގެ ގޮތުގައިވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ގުޅުންހުރި

އިރާނުގެ މިސައިލްތައް "މަތަކުރަން" އަޔަންޑޯމް ނުކުޅެދިފައި: ވަރުގަދަ ހަމަލާއެއް ތެލްއަވީވްއަށް އަމާޒުވެ 8 ޔަހޫދީއަކަށް ބޮޑެތި އަނިޔާތަކެއް!

ޓްރަމްޕާއި ނަތަންޔާހޫގެ ވާހަކަތައް އިރާނުން ދޮގުކޮށްފި: " ޚާމަނާއީ ހުންނެވީ ސަލާމަތުން، މިވަގުތުވެސް ގެންދަވަނީ ސިފައިންނަށް އިރުޝާދުދެއްވަމުން"

ޚާމަނާއީގެ ފުރާނަނެތް ހަށިކޮޅު ފެނިއްޖެ، އަވަހާރަކޮށްލެވުނުކަން ކަށަވަރުވެއްޖެ - އިސްރާއީލް

.gif&w=3840&q=75)



