
އިސްރާއީލުން މިއަދު އިރާނަށް ދިން ހަމަލާގައި އެގައުމުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަކޮށްލެވިފައިވާ ނުވާ ކަމަށާއި ޔަހޫދީންގެ ޕްލޭން ފެއިލްކޮށްލެވިފައިވާކަމަށް އިރާނުގެ ފޮރިން މިނިސްޓަރު ހާމަކުރައްވައިފި އެވެ.

"އެންބީސީ" ނޫހަށް އިރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާޗީ ދެއްވި ކުރު އިންޓަވިއުއެއްގައި ވިދާޅުވީ އިސްރާއީލުން މިއަދު އިރާނަށް ދިން ހަމަލާއިން ރޫހާނީ ލީޑަރު ސަލާމަތްވެފައިވާ ކަމަށެވެ. އަދި އޭނާއަށް މިހާތަނަށް އެނގޭ އެނގުމުން ރޫހާނީ ލީޑަރު ދިރިހުރި ކަމަށް ވަނީ ބުނެފައެވެ.
އޭނާ މިފަދައިން ވިދާޅުވިއިރު އިސްރާއީލުގެ ގިނަ މީޑިއާތަކަކުން ރިޕޯޓުކުރާ ގޮތުގައި މިއަދު ހެނދުނު ތެހެރާނަށް އެމެރިކާއާއި އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުالله ޚާމަނާއީ އަވަހާރަކޮށްލުމަށް ކުރި މަސައްކަތް ކާމިޔާބު ކަމަށް އިސްރާއީލުގެ އަސްކަރީ މަސްދަރުތަކުން އަންނަނީ ބުނަމުންނެވެ. ނަމަވެސް އަދި ރަސްމީކޮށް އިސްރާއީލުންވެސް މިކަން އިއުލާނެއް ނުކުރެއެވެ.
އިސްރާއީލުގެ އޮފިޝަލުންނާއި ހަވާލާދީ އިސްރާއީލުގެ ޗެނަލް 12 ނޫހުންވެސް ވަނީ އިރާނުގެ އެންމެ ސެކިއުރިޓީ ވަރުގަދަ އެއް ކޮމްޕައުންޑަށް އިސްރާއީލުން ދިން ހަމަލާގައި ޙާމަނާއީގެ ގަނޑުވަރު ވަނީ އެއްކޮށް ހަލާކުކޮށްލާފައިވާކަން ހާމަކޮށްފައެވެ. އަދި އެ ގަނޑުވަރަށް ލިބުނު ގެއްލުންތަށް ފެންނަ ސެޓެލައިޓް ފޮޓޯއެއްވެސް އަންނަނީ މިހާރު ދައުރުވަމުންނެވެ. އެފޮޓޯއަކީ ސައްހަ ފޮޓޯއެއްކަން ބޭރުގެ ގިނަ މީޑިއާތަކުން ވަނީ ކަށަވަރުކޮށްދީފައި އެވެ.
އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް ހަމަލާދޭން ފެށީ މިއަދު ހެނދުނު އެވެ. އެމެރިކާ އިސްވެ އޮވެ ފެށި މި ހަމަލާތަކަށް އިރާނުން ތިބީ ވަރަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ. އެގޮތުން ހަމަލާތައް ދިންތާ ކުޑައިރުކޮޅެއްގެ ތެރޭގައި އިރާނުން ވަނީ އިސްރާއީލަށާއި ސަރަހައްދުގައި ހުރި އެމެރިކާގެ ހުރިހާ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް ހަމަލާތައް ދޭން ފަށާފައި އެވެ.
އެގޮތުން ކުވެއިތު، ބަހްރައިން، ޔޫއޭއީ، ގަތަރު، ޖޯޑަން އަދި ސައުދީ އަށް ވެސް އިރާނުން ހަމަލާތައް ދިން އިރު މި ހަމަލާތައް އަމާޒުކުރީ އެގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށެވެ. މިގޮތުންވެސް ގަތަރުގައި ހުންނަ އަލް ހުދެއިދު ވައިގެ އަސްކަރީ މަރުކަޒަށް އިރާނުން ވަރަށް ވަރުގަދަ ހަމަލާއެއް ދީފައިވާއިރު ބަހްރައިންގެ މަނަމާއަށްވެސް ވަރުގަދަ ހަމަލާއެއް އިރާނުން ވަނީ ދީފައި އެވެ. އަދިވެސް ހަމަލާތައް ހުއްޓާލާފައިނުވާއިރު މެދުއިރުމަތީގެ ގައުމުތަކުގެ ވައިގެ ސަރަހައްދުތައްވެސް މިހާރު ވަނީ ބަންދުކޮށްފައި އެވެ.
މި ހަމަލާތަކުގައި އިރާނުން ބޭނުންކުރަމުންދަނީ ބެލިސްޓިކް މިސައިލްތަކާއި ހައިޕާސޮނިކް މިސައިލްތައް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެމެރިކާއިން އިސްރާއީލާއި ގުޅިގެން އިރާނަށް ހަމަލާތަކެއް ދީފައިމިވަނީ އިރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި ގުޅިގެން އެކަމުގެ ނުރައްކާ އެމެރިކާއާއި އިސްރާއީލަށް އޮތް ކަމަށް ބުނެފައިވާ ދަނޑިވަޅެއްގައި އެވެ. ނަމަވެސް އިރާނުން ވަނީ ނިއުކްލިއާ ޕްރޮގްރާމާއި ގުޅިގެން އެމެރިކާއިއެކު މަޝްވަރާގެ މޭޒަށް އައިސްފައި އެވެ. އަދި އެކަމުގެ މަޝްވަރާތައް ލަހުން ކުރިޔަށް ދިޔަނަމަވެސް ދެފަރާތުންވެސް އެއްބަސްވާ ހިސާބަކަށް މަޝްވަރާތައް ކުރިޔަށް ގޮސްފައިވުމުން މަޝްވަރާގެ އިތުރު ބުރުތަކަކަށް އިރާނުންވެސް ވަނީ އެއްބަސްވެފައި އެވެ. އަދި އެމަޝްވަރާތައް އަންނަ ހަފްތާގައި ފެށުމަށްވެސް އޮތީ ތައްޔާރުވެފައި އެވެ.
ނަމަވެސް މިއަދު ހެނދުނު ކުއްލި ގޮތަކަށް އިރާނަށް ދިން ހަމަލާތަކާއި ގުޅިގެން މި މަޝްވަރާތައް އެކުއެކީ ހުއްޓުމަކަށް އަންނާނެ ކަމަށް މަޝްރަހު ދިރާސާާ ކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އަދި މިއީ މެދުއިރުމަތީގައި ފެށޭ ދިގު ހަނގުރާމައެއްގެ ގޮތުގައިވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ގުޅުންހުރި

ދުބާއީގެ ބުރުޖް އަލް އަރަބި ހޮޓަލަށްވެސް ހަމަލާދީފި

އިރާނުން ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓަށް ޑްރޯން ހަމަލާއެއްދީފި

މިހާތަނަށް އިރާނުން ގަތަރަށް 66 މިސައިލް ހަމަލާދީފި، 8 މީހަކު ޒަހަމްވެފައިވާއިރު އެކަކުގެ ހާލު ސީރިއަސް - ގަތަރުގެ ސަރުކާރު

.gif&w=3840&q=75)



