
ޕެނަލްޓީގައި މާޒިޔާ ބަލިކޮށް އޮޑިން ޕްރެޒިޑެންސް ކަޕް ކާމިޔާބުކޮށްފި
# އޮޑި ސްޕޯޓްސް ކުލަބު# މާޒިޔާ# ޕްރެޒިޑެންސް ކަޕް# ދިވެހި ކުޅިވަރުއޮޑި ސްޕޯޓްސް ކުލަބުގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު..ގާފު ފޮޓޯ: އަހުމަދު ރީހާން
މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އާއި އޮޑި ސްޕޯޓްސް ކުލަބު ވާދަކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 5-4 ގެ ނަތީޖާއަކުން މޮޅުވެ އޮޑިން ފުރަތަމަ ފަހަރަށް ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފިއެވެ.

މުބާރާތުގެ ފައިނަލުން މާޒިޔާ ޖާގަހޯދީ ސެމީފައިނަލް ފުރަތަމަ މެޗު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން އެއްވަރުވެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 5-6 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. އަދި އޮޑި ފައިނަލުން ޖާގަހޯދީ ސެމީފައިނަލުގެ ދެވަނަ މެޗުގައި 2-0 ގެ ނަތީޖާއަކުން ބުރު ސްޕޯޓްސް ކުލަބު ބަލިކުރުމަށްފަހު އެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗު ވަރަށް ކުރީކޮޅު މާޒިޔާ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު މެޗު ފެށިގެން ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނާއިޒު ހަސަން (ދާދު) އެވެ. މިއީ އެޓީމުގެ ހުސެއިން ސިފާއު ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
އޮޑިން ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އިނގިރޭސި ފޯވާޑް، ކިއާނޫ މާޝް-ބްރައުން އެވެ. މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި އޮޑީގެ އެޓޭކުތައް ފެނިގެންދިޔައި ތަންކޮޅެއް ވަރުގަދަކޮށެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމިގެންދިޔައީ ލިބުނު ފުރުސަތުތަކުގެ ބޭނުންނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އޮޑީގެ ހަ ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ އެޓީމުން ކާމިޔާބުކުރިއިރު، މާޒިޔާ އިން ޖެހި ހަ ޕެނަލްޓީގެ ތެރެއިން އެޓީމަށް ކާމިޔާބުކުރެވުނީ ތިން ޕެނަލްޓީއެވެ.
މިއީ މި ސީޒަނުގައި މާޒިޔާ ބަލިވި ފުރަތަމަ މެޗެވެ. މި ސީޒަނުގައި މި ދެޓީމު މީގެކުރިން ތިން ފަހަރެއްގެ މަތިން ވާދަކޮށްފައިވާއިރު، އެ ތިން މެޗުން ވެސް މޮޅުވެފައިވަނީ މާޒިޔާ އެވެ. އޭގެތެރޭގައި ހިމެނެނީ ސީޒަން ފެށުމުގެ ކުރިން ކުޅުނު އެފްއޭއެމް ލީގު ކަޕް ފައިނަލް މެޗާއި ދިވެހި ޕްރިމިއާ ލީގުގައި މިދެޓީމު ކުޅުނު ދެމެޗެވެ.
މީގެ އިތުރުން މިއީ ފުރަތަމަ ޑިވިޝަނުގައި އޮޑިން ވާދަކުރާ ފުރަތަމަ ފަހަރެވެ. އަދި މިކާމިޔާބީ އާއެކު އެޓީމުން މިވަނީ ފުރަތަމަ ޑިވިޝަނުގެ ދެމުބާރާތެއްގެ ފައިނަލުގައި ކުޅެ ރާއްޖޭގައި ކުޅޭ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތް ފުރަތަމަ ފަހަރަށް ކާމިޔާބުކޮށް ދިވެހި ފުޓްބޯޅައިގެ ތާރީޚުން ޖާގަ ހޯދާފައެވެ.
ގުޅުންހުރި

ނެޓްބޯޅަ: ފަސޭހަކަމާއެކު ފްލަޔާސް މޮޅުވިއިރު، ޝޫޓާސް އަދި ދަ ބޯލްޓްސްއަށް އުނދަގޫ މޮޅެއް

ނެޓްބޯޅަ: ނެޓް އެޓޭކާސް ބަލިކޮށް ސްޓާރސް އިން މުބާރާތް ފެށީ އިތުބާރާއެކު

ޕެނަލްޓީގައި މާޒިޔާ ބަލިކޮށް އޮޑިން ޕްރެޒިޑެންސް ކަޕް ކާމިޔާބުކޮށްފި

.gif&w=3840&q=75)



