.webp&w=3840&q=75)
މެލޭޝިޔާގެ ދިވެހި ދަރިވަރުންގެ ޖަމިއްޔާއަށް އިންތިހާބުވި އެކްސްކޯގެ މެމްބަރުންނާއި މަޤާމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފި
# ރާއްޖެ - މެލޭޝިއާ-
މެލޭޝިޔާގައި ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންގެ ޖަމިއްޔާއަށް އިންތިހާބްވި އެކްސްކޯގެ މެމްބަރުންނާއި މަޤާމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފި އެވެ.

މޯލްޑިވިއަން ސްޓޫޑެންޓް އެސޯސިއެޝަން މެލޭޝިއާ(އެމް.އެސް.އޭ.އެމް) ގެ ނަމުގައި 2025 އޭޕްރިލް 28 ޚާއްސަ ޖަމިއްޔާއިން އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.
އިންތިޤާލީ މަރުހަލާއަށްފަހު (އެމް.އެސް.އޭ.އެމް)ގެ އެކްސްކޯގެ އިންތިހާބް ބާއްވާ، އަލަށް އިންތިހާބްވި އެކްސްކޯގެ މެމްބަރުންނާއި މަޤާމުގެ މަސްއޫލިއްޔަތުތައް ހަވާލުކުރީ މިމަހުގެ 11 ވަނަ ދުވަހު އެވެ.
އެމް.އެސް.އޭ.އެމް އިފްތިތާހްކުރުމާގުޅިގެން، އެމް.އެސް.އޭ.އެމްގެ އެކްސްކޯ އެކުލަވާލުމުގެ މަސައްކަތްވަނީ ކުރިއަށް ގެންދެވިފައެވެ. އެކްސްކޯ އެކުލަވާލުމަށް ބޭއްވުނު އިންތިހާބަށްފަހު، އަލަށް އިންތިހާބުވި އެކްސްކޯގެ މެމްބަރުންނާއި މަޤާމުގެ މަސްއޫލިއްޔަތު ހަވާލުކޮށްދެއްވީ ދިވެހިރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފާ ހުންނަވާ ސަފީރު، ޑރ. މަރިޔަމް ޝަބީނާ އަހުމަދެވެ. މިރަސްމިއްޔާތުގައި އެކްސްކޯގެ މެމްބަރުންނާ ސަފީރު މުހާތަބުކުރެއްވިއެވެ. ސަފީރުގެ ވާހަކަކޮޅުގައި މެލޭޝިއާގައި ކިޔަވާ ހުރިހާ ދިވެހިދަރިވަރުން ގުޅިގެން އެކުއެކީގައި ތިބުމަށާއި، އަދި ދަރިވަރުންނާއި ކޮމިއުނިޓީގައި އުޅުއްވާ ދިވެހީންގެ ލާބަޔާ މަންފާއަށް މަސައްކަތްކުރެއްވުމަށް ނަސޭހަތްތެރިވިއެވެ. ކުރިމަތިވާ ތަފާތު ގޮންޖެހުންތަކަށް އަރައިގަނެ، ދަރިވަރުންގެ ގޮތުގައި ދެމިތިބުމަށްވެސް އިލްތިމާސްކުރެއްވިއެވެ.
މީގެ އިތުރުން، އަލަށް އިންތިހާބުވި އެކްސްކޯގެ ލީޑަރޝިޕްގެ ދަށުން ކުރިމަގުގައި ގިނަ ހަރަކާތްތަކެއް ފެނިގެންދާނެކަމަށް އުންމީދުކުރައްވާކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. އަލަށް އިންތިހާބުވި އެކްސްކޯގައި ހިމެނޭ މަޤާމްތަކުގެ ތެރޭގައި، ޖަމްއިއްޔާގެ ރައީސް، ނައިބު ރައީސް(2)، ސެކްރެޓަރީ ޖެނެރަލް، ޓްރެޜަރަ، އަދި 4 ޖެނެރަލް މެމްބަރުން ހިމެނެއެވެ. މި މަޤާމްތަކަށް ހޮވިފައިވަނީ މެލޭޝިއާގެ ޓެއިލަރސް ޔުނިވަރސިޓީ، އިންފްރާސްޓަރްކްޗަރ ޔުނިވަރސިޓީ، ޔުނިވަރސިޓީ އޮފް ނޮޓިންގްހަމް، ސަންވޭ ޔުނިވަރސިޓީ، ޔުނިވަރސިޓީ އޮފް ސައިބަރޖާޔާ، އަދި މޮނާޝް ޔުނިވަރސިޓީ މެލޭޝިއާއަށް ނިސްބަތްވާ ދަރިވަރުންނެވެ. އެމް.އެސް.އޭ.އެމްގެ ރައީސް ކަމަށް ހޮވިފައިވަނީ ޓެއިލަރސް ޔުނިވަރސިޓީގެ ދަރިވަރު މަރިޔަމް ޒިހްނީ އެވެ.
އަލަށް އިންތިހާބުވި އެކްސްކޯ އިފްތިތާހްކުރުމުގެ އިތުރުން، ސަފީރު ޑރ. މަރިޔަމް ޝަބީނާ އަހުމަދު ވަނީ އެމް.އެސް.އޭ.އެމްގެ އާ ލޯގޯވެސް އިފްތިތާހްކޮށްދެއްވާފައެވެ.
މެލޭޝިއާއަކީ ދިވެހިކިޔަވާކުދިން އެންމެ ގިނަ ޤަޢުމުތަކުގެ ތެރޭގައި ހިމެނޭ އެއްޤަޢުމެވެ. އެމް.އެސް.އެ.އެމް އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، މެލޭޝިއާގައި ދިވެހި ކިޔަވާކުދިންގެ މިފަދަ ޖަމްއިއްޔާއެއް ވުޖޫދުވެގެންދާމީ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވާފާވެއެވެ. އަދި މިފަދަ ޖަމްއިއްޔާއެއް އުފެއްދުމުގެ މުހިންމުކަމުގެ މައްޗަށްވެސް ވަނީ އަލިއަޅުއްވާލައްވާފައެވެ.
ގުޅުންހުރި
.webp&w=3840&q=75)
މެލޭޝިޔާގެ ދިވެހި ދަރިވަރުންގެ ޖަމިއްޔާއަށް އިންތިހާބުވި އެކްސްކޯގެ މެމްބަރުންނާއި މަޤާމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފި

މެލޭޝިޔާގައި ބާއްވާ އިސްލާމިކް ގަވާނަންސް ކޯހުގެ ބައިވެރިވާ ދިވެހި ވަފުދު ފުރައިފި

މެލޭޝިޔާގެ މިނިވަންދުވަހުގެ ތަހުނިޔާ އެޤައުމުގެ ރަސްގެފާނަށާއި ބޮޑުވަޒީރަށް ރައީސް މުއިއްޒު ފޮނުއްވައިފި

.gif&w=3840&q=75)



