logoEN
PNC TOP 3
އިޤްތިސާދީ ހަރާކާތް އިތުރުވުމާއެކު 20 ރުފިޔާ އާއި 100 ރުފިޔާގެ އާ ނޫޓުތައް ދައުރުކުރަން ފަށައިފި

އިޤްތިސާދީ ހަރާކާތް އިތުރުވުމާއެކު 20 ރުފިޔާ އާއި 100 ރުފިޔާގެ އާ ނޫޓުތައް ދައުރުކުރަން ފަށައިފި

އަހުމަދު ޝުރާއު

logo

2/17/2026, 7:36:57 AM

# އެމްއެމްއޭ

-

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ގެންގުޅޭ "ރަންދިހަފަހެއް" ނޫޓު ސީރީޒްގެ 20 ރުފިޔާ އާއި 100 ރުފިޔާގެ އަލަށް ގެނައި ނޫޓުތައް ބާޒާރަށް ނެރެ، ދައުރުކުރަން ފަށައިފިއެވެ.

PNC MID 2

މިއީ، އިޤްތިސާދުގައި އަލަށް އުފެދޭ ޑިމާންޑަށާއި އަދި އެމްއެމްއޭއަށް ލިބޭ ބައުވެ ހަލާކުވެފައިވާ ނޫޓުތަށް އައުކުރުމަށް ނެރޭ އައު ބެޗެއްކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.

މަރުކަޒީ ބޭންކުން ހާމަކުރި ގޮތުގައި، މި ނޫޓުތައް ދައުރުކުރަން ފަށާފައިވަނީ މިއަދުން ފެށިގެންނެވެ. މީގެ ތެރޭގައި ހިމެނެނީ މި އަހަރުގެ ފެބުރުވަރީ 2 ގައި އެ އޮތޯރިޓީއަށް ލިބުނު 100 ރުފިޔާގެ ނޫޓުތަކާއި، ފެބުރުވަރީ 15 ގައި ލިބުނު 20 ރުފިޔާގެ ނޫޓުތަކެވެ. މި ނޫޓުތައް ބާޒާރަށް ނެރުމުގެ މައިގަނޑު މަގުސަދަކީ އިގްތިސާދުގެ ތެރޭގައި ނަގުދު ފައިސާ ދައުރުކުރުމުގައި ދަތިކަމެއް ނެތި، ބޭނުންވާ މިންވަރަށް ފައިސާ ފޯރުކޮށްދިނުން ކަމަށް އެމް.އެމް.އޭ އިން ބުނެއެވެ.

އެމް.އެމް.އޭ އިން މައުލޫމާތު ދޭ ގޮތުގައި އަލަށް ނެރުނު މި ނޫޓުތަކުގައި ސޮއިކުރައްވާފައިވަނީ ގަވަރުނަރު އަޙްމަދު މުނައްވަރެވެ. އަދި ނޫޓުގައިވާ ތާރީޚަކީ 31 ޖުލައި 2025 (6 ސަފަރު 1447) އެވެ. ސްޓޮކް މަދުވުމުން އާ ނޫޓުތައް ނެރުމަކީ ފައިސާ ބެލެހެއްޓުމުގެ ނިޒާމުގެ ތެރެއިން އާންމުކޮށް ކުރަމުންދާ ކަމެއްކަންވެސް އެ އޮތޯރިޓީން ފާހަގަކުރިއެވެ.

މި ފަހަރު ނެރުނު 20 ރުފިޔާގެ ނޫޓުގެ ފަރުމާއަށް ވަނީ މުހިންމު ބަދަލެއް ގެނެސްފައެވެ. މީގެ ތެރެއިން 20 ރުފިޔާގެ މި އައު ޗާޕުގެ ދެފުށުގައި ދިވެހި ރުފިޔާގެ ނިޝާން އަލަށް ހިމަނާފައިވާނެއެވެ. މިގޮތުން ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނީ ނޫޓުގެ މޫނުމަތީގެ ވައަތްފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކުއެވެ. އަދި 7 ޖުލައި 2024 ގެ ތާރީޚުގައި އެންމެ ފަހުން ނެރެފައިވާ 100 ރުފިޔާގެ ނޫޓާއި އެއްގޮތަށް 100 ރުފިޔާގެ މި އައު ޗާޕުގައިވެސް ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނެއެވެ.

އެމް.އެމް.އޭ އިން އިތުރަށް ހާމަކުރި ގޮތުގައި، އަލަށް ނެރުނު ނޫޓުތަކާއެކު މިހާރު ދައުރުވަމުންދާ 20 ރުފިޔާ އާއި 100 ރުފިޔާގެ ހުރިހާ ނޫޓުތަކަކީވެސް ސައްހަ، ބޭނުންކުރެވޭނެ ފައިސާގެ ގޮތުގައި ދެމިއޮންނާނެއެވެ. އަދި އާންމުންގެ ބޭނުންތަކާ އެއްވަރަށް ފައިސާ ފޯރުކޮށްދީ، ދިވެހި ފައިސާއަށް އޮންނަ އިތުބާރު ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އެ އޮތޯރިޓީން ދެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC