
މޯލްޑިވްސް 2.0 މަޝްރޫޢުގެ މަސައްކަތްތައް 2028ގެ ޖޫން މަހުގެ ތެރޭގައި ނިންމާލެވޭނެ - އިހްސާން
# މިނިސްޓަރ އަލީ އިހްސާން-
މޯލްޑިވްސް 2.0 މަޝްރޫޢުގެ ދަށުން ނިންމަން ޖެހޭ ހުރިހާ މަސައްކަތެއް 2028ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމާއެކު، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ޑިޖިޓަލައިޒްކުރުމަށް ކުރިއަށް ގެންދާ މޯލްޑިވްސް 2.0 މަޝްރޫޢުގެ ދަށުން ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒްކޮށް ފޯރުކޮށްދޭންފެށި ސަރުކާރުގެ ފުރަތަމަ އިދާރާއަކީ މޯލްޑިވްސް އިމިގްރޭޝަނެވެ.
ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ސަރުކާރުގެ އެފިޝެންސީ މަތިކޮށް، ގުޑް ގަވަރނަންސްގެ އުސޫލުގެ މައްޗަށް ބިނާވެފައިވާ ޒަމާނީ ޑިޖިޓަލައިޒޭޝަންގެ ނިޒާމު ޤާއިމުކުރުމަކީ، މި އަހަރު ވަރަށް ބޮޑު އިސްކަމެއް ދިނުމަށް ސަރުކާރުން ނިންމައިފައިވާ ކަމެކެވެ.
މި ސިޔާސަތުތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މޯލްޑިވްސް 2.0 ބިނާވެފައިވަނީ މައިގަނޑު ތިން އަސާސެއްގެ މައްޗަށް ކަމަށާއި ރައީސްގެ ލަނޑުދަނޑި ހާސިލްކުރުމަށްތަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް 2028ވަނަ އަހަރުގެ ޖޫން މަހުގެ ކުރިން ކުރައްވާނެ ކަމަށެވެ.
މޯލްޑިވްސް 2.0ގެ މަސައްކަތަކީ ބުރަ ބޮޑު މަސައްކަތެއް ނަމަވެސް އެކުލަވާލާފައިވާ ރޯޑު މެޕާ އެއްގޮތަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފއެވެ.
މޯލްޑިވްސް 2.0ގެ މަސައްކަތް ހާސިލުވުމުން ނަތީޖާއަކަށް ވާނީ، ޚިދުމަތް ލިބިގަންނަ ރައްޔިތުންނަށް ފަސޭހަ، ޚިދުމަތް ދޭން ތިބޭ ދައުލަތުގެ މުވައްޒަފުންނަށް ލުއި، އަވަސް، ދެފުށް ފެންނަ، ކޮރަޕްޝަންގެ ވަކިތަކަށް ޖާގަ ނުލިބޭ، އިތުބާރު ހިފާ ޚިދުމަތުގެ ނިޒާމަކަށް ބަދަލުވެގެން ދިޔުމެވެ.
21 މޭ 2025ގައި އިފްތިތާޙް ކުރި މޯލްޑިވްސް 2.0ގެ ދަށުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި، ދިވެހި ދައުލަތުގެ ހުރިހާ މުއައްސަސާތަކާ ގުޅިގެން، ސައިބަރ ސެކިއުރިޓީ ހަރުދަނާކޮށް، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ޑިޖިޓަލް އައި.ޑީ.ގެ ޒަރީއާއިން އިތުބާރާއެކު ބަރޯސާވެވޭ ޑިޖިޓަލް މުޢާމަލާތްތަކަށް މަގުފަހިކޮށް، ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި ޑޭޓާ ރައްކާތެރިކަމާއެކު، ވަގުތުން ވަގުތަށް ފޮނުވޭނެ ގޮތް އިންތިޒާމުކުރުން ހިމެނެއެވެ.
އަދި މޯލްޑިވްސް ޑޭޓާ އެކްސްޗޭންޖް ޤާއިމުކޮށް، ދައުލަތުގެ މުއައްސަސާތަކުގެ ޙައްސާސް މަޢުލޫމާތުތައް ރައްކާތެރިކަމާއެކު ބަލަހައްޓައި، އާރކައިވް ކުރުމަށް ސޮވެރިން ކްލައުޑް ޤާއިމުކޮށް، ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތައް ސިޓިޒެން-ސެންޓްރިކްކޮށް، އެއް ފުރާޅެއްގެ ދަށުން އެ ޚިދުމަތްތައް ޑިޖިޓަލްކޮށް ފޯރުކޮށްދިނުމަށް މަގުފަހިކޮށް، ޑިޖިޓަލް ރޮނގުން މުސްތަޤްބަލަށް ފައްކާވެފައިވާ ޖީލެއް ބިނާކުރުންވެސް މި މަޝްރޫޢުގައި ހިމެނެއެވެ.
މި މަޝްރޫޢު ހިންގުމަށްޓަކައި، ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫޢުގެ މަގުޗާޓު ކެބިނެޓުން ފާސްކޮށްފަވާއިރު މި މަގުޗާޓު ތަންފީޒު ކުރުމަށްޓަކައި، މި އަހަރުގެ ބަޖެޓުގައި ޚާއްސަ އިސްކަމެއް ވަނީ ދީފައެވެ.
މޯލްޑިވްސް 2.0ގެ ދަށުން، މި އަހަރު ނިމޭއިރު ދިވެހިރާއްޖޭގައި ސިވިލް ރަޖިސްޓްރޭޝަންގެ ޚިދުމަތްތައް ދިނުމަށް، އެއް ވިއުގައެއް ޤާއިމުކޮށް، ދިވެހިރާއްޖެއަކީ ސަރަޙައްދީ ފެންވަރުގައި ސިވިލް ރަޖިސްޓްރޭޝަންގެ ޚިދުމަތް އެންމެ ފުރިހަމައަށް ދޭ ޤައުމަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެވެ.
ގުޅުންހުރި

މޯލްޑިވްސް 2.0 މަޝްރޫޢުގެ މަސައްކަތްތައް 2028ގެ ޖޫން މަހުގެ ތެރޭގައި ނިންމާލެވޭނެ - އިހްސާން
.jpg&w=3840&q=75)
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ ފުލުހުންގެ ޚިދުމަތުން ޖާގައެއް ނޯންނާނެ: އިހްސާން

ސިޔާސީ ހިސާބު ޖެއްސެވުމުގެ ބަދަލުގަ ރައީސް އިސްކުރައްވަނީ ދިވެހިންގެ ހައްގުތައް: އިހްސާން





