logoEN
Sto top
އިންތިޚާބުގެ އޮބްޒާވަރުންނާއި މޮނީޓަރުންނަށް ވުމަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

އިންތިޚާބުގެ އޮބްޒާވަރުންނާއި މޮނީޓަރުންނަށް ވުމަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

އަހުމަދު ޝުރާއު

logo

2/10/2026, 12:47:48 PM

# އިލެކްޝަންސް ކޮޮމިޝަން

-

އެޕްރީލް 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރކުރުމަށާއި އޮބްޒާވް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

Wamco

އީސީން މި ފުރުސަތު ހުޅުވާލީ އިއްޔެއިން ފެށިގެން، 2026 ފެބުރުވަރީ 28 ވާ ހޮނިހިރު ދުވަހުގެ 15:00 ގެ ނިޔަލަށެވެ.

މޮނިޓަރުންގެ ޝަރުޠުތައް

  1. އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.
  2. ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން.
  3. ކަމާ ގުޅުންހުރި މުއައްސަސާއެއްގައި ރަޖިސްޓަރީކޮށްފައިވާ ރޭޑިއޯ/ޓީވީ ސްޓޭޝަނެއްގައި މަސައްކަތްކުރާ މީހެއްކަން އީސީއަށް ކަށަވަރުވާ މީހެއް ކަމުގައި ވުން. ނުވަތަ، ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާއެއްގައި ރަޖިސްޓަރީކޮށްފައިވާ ނޫސް، މަޖައްލާއެއްގައި މަސައްކަތްކުރާ މީހެއްކަން އީސީއަށް ކަށަވަރުވާ މީހެއްކަމުގައިވުން.
  4. އިންތިޚާބާބެހޭ މަސައްކަތެއް ކުރުމަށް އީސީގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން.
  5. އިންތިޚާބުގައި އިތުރު އެހެން މަޤާމަކަށް ކުރިމަތިލައިފައިވާ މީހެއްކަމުގައި ނުވުން.
  6. ފާއިތުވި 5 އަހަރުދުވަހުގެ ތެރޭގައި ސުލޫކީ މިންގަނޑާ ޚިލާފުވެގެން ފިޔަވަޅެއް އަޅައިފައިވާ މީހަކު ކަމުގައި ނުވުން، ނުވަތަ އިންތިޚާބީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން އަދި އިންތިޚާބުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އީސީން ކަނޑައަޅައިފައިވާ ސުލޫކީ މިންގަނޑު ކިޔައި، އެއާ އެއްގޮތަށް ޢަމަލުކުރުމަށް އެއްބަސްވެ އިޤުރާރުވެފައިވާ މީހަކު ކަމުގައިވުން.

އޮބްޒާވަރުންގެ ޝަރުޠުތައް

  1. އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން
  2. ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން
  3. ސިޔާސީ ޕާޓީތައް ފިޔަވައި މަދަނީ ޖަމާޢަތަކުން ނުވަތަ އަމިއްލަގޮތުން އޮބްޒާވަރަކަށް ވުމަށް ހުށަހަޅާ ފަރާތެއްނަމަ، ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީއެއްގައި އެ މީހެއްގެ ނަން ހިމެނިފައިވާ މީހަކު ކަމުގައި ނުވުން
  4. އިންތިޚާބާބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން
  5. އިންތިޚާބުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފައިވާ ސުލޫކީ މިންގަނޑު ކިޔައި، އެއާ އެއްގޮތަށް ޢަމަލުކުރުމަށް އެއްބަސްވެ އިޤުރާރުވެފައިވާ މީހަކު ކަމުގައިވުން. އަދި ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ސުލޫކީ މިންގަނޑާ ޚިލާފުވެގެން ފިޔަވަޅެއް އަޅައިފައިވާ މީހަކު ކަމުގައި ނުވުން، ނުވަތަ އިންތިޚާބީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި މޮނިޓަރަކަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު ހުށަހަޅާނީ، ނޫސް މަޖައްލާތަކަށާއި، ޚަބަރު ފަތުރާ އިދާރާތަކަށް ކަނޑައަޅާ ޑޭޓާ ލިއޭޒަނެއް މެދުވެރިކޮށް މި ކޮމިޝަނުގެ މައި ޕޯޓަލް my.elections.gov.mv އިންނެވެ. އެގޮތުން ކޮންމެ މީޑިއާއަކުން ޑޭޓާ ލިއޭޒަނަކަށްވުމަށް "މޮނިޓަރުންގެ މަޢުލޫމާތު ހުށަހެޅުމަށްޓަކައި ޑޭޓާ ލިއޭޒަންއަކަށްވުމަށް އެދޭ ފޯމު" ފުރިހަމަކޮށް އަށް އީ-މެއިލްކުރަންވާނެއެވެ. މި ފޯމާއެކު މީޑިއާ/ބްރޯޑްކާސްޓަރގެ ރަޖިސްޓަރީ/ލައިސަންސް ކޮޕީ އަދި ޑޭޓާ ލިއޭޒަންގެ ދ.ރ.އ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.

އިންތިޚާބުގެ އޮބްޒާވަރުންގެ ގޮތުގައި ސިޔާސީ ޕާޓީތަކުންނާއި، ޖަމްޢިއްޔާ ޖަމާޢަތްތަކުންނާއި، އަމިއްލަ ފަރާތްތަކަށް އޮބްޒާވަރުންނަށް ވުމަށް އެދި ފޯމު ހުށަހެޅޭނެއެވެ. އެގޮތުން ސިޔާސީ ޕާޓީތަކުން އޮބްޒާވަރުންގެ ގޮތުގައި ހުށަހަޅާނީ ސިމެދަ ޕޯޓަލް simedha.elections.gov.mv މެދުވެރިކޮށް އެ ޕާޓީއަކަށް ދީފައިވާ ލޮގިންއިންއެވެ. ޖަމްޢިއްޔާތަކުން އޮބްޒާވަރަކަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު ހުށަހަޅާނީ، އެ ޖަމްޢިއްޔާތަކުން ކަނޑައަޅާ ޑޭޓާ ލިއޭޒަންއެއް މެދުވެރިކޮށް މައި ޕޯޓަލް my.elections.gov.mv އިންނެވެ. އަދި އަމިއްލަ ގޮތުން އޮބްޒާވަރަކަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު ހުށަހަޅާނީ، މި ކޮމިޝަނުގެ މައި ޕޯޓަލް my.elections.gov.mv އިންނެވެ.

ރަޖިސްޓަރީ ކޮށްފައިވާ ނޫސް މަޖައްލާ އަދި ޚަބަރު ފަތުރާ އިދާރާތަކަށް މޮނިޓަރކުރުމަށް ފާސްދޫކުރެވޭނީ، އެއިން ކޮންމެ ފަރާތަކަށް، އިންތިޚާބުގައި ވޯޓުލާ އަދި ވޯޓުގުނާ ކޮންމެ ސަރަޙައްދަކަށް އެކަކަށްވުރެ އިތުރުނުވާ ގޮތަށެވެ. އެގޮތުން، މި އިންތިޚާބުގައި ބަހައްޓާ ކޮންމެ ވޯޓު ފޮށްޓަކަށް މޮނިޓަރަކަށްވުމަށް ހުށަހެޅޭނެއެވެ. އަދި ވޯޓުލާ މަރުކަޒުގައި ކޮންމެ ޙައިސިއްޔަތަކުން އެއްފަހަރާ ހަރަކާތްތެރިވެވޭނީ 1 މޮނީޓަރަކަށެވެ. ބްރޯޑްކާސްޓްކުރާ މީޑިއާތަކަށް، ވޯޓުލާ މަރުކަޒުތަކުގައި ޖާގަ އޮތް މިންވަރަކުން ހަރަކާތްތެރިވުމަށް ފުރުސަތު ދެވޭނެއެވެ.

ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވްކުރުމަށް ސިޔާސީ ޕާޓީތަކަށާއި، ޖަމާޢަތްތަކަށް ފާސްދޫކުރެވޭނީ، އެއިން ކޮންމެ ސިޔާސީ ޕާޓީއަކަށާއި، ޖަމްޢިއްޔާއަކަށް، އިންތިޚާބުގައި ވޯޓުލުމަށް ބަހައްޓާ ވޯޓު ފޮށީގެ ޢަދަދަށްވުރެ ދިހައެއް އިންސައްތަ އިތުރުނުވާ ގޮތަށެވެ. އަދި ވޯޓުލާ މަރުކަޒުގައި ކޮންމެ ޙައިސިއްޔަތަކުން އެއްފަހަރާ ހަރަކާތްތެރިވެވޭނީ 1 އޮބްޒާވަރަށެވެ.

މޮނިޓަރ ކުރުމަށް ހުއްދަ ދޫކޮށްފައިވާ ފަރާތްތަކުން ވޯޓުލާ ސަރަޙައްދުގައި ނުވަތަ ވޯޓުގުނާ ތަނުގައި ފޮޓޯ ނަގައި އަޑާއި މަންޒަރު ރެކޯޑް ކުރަންވާނީ ވޯޓުލާ ސަރަޙައްދުގައި ވޯޓުލާ ބޫތާ 10 ފޫޓަށްވުރެ ކައިރިނުވާ ގޮތަށް އަދި ވޯޓުގުނާ މަރުކަޒުގައި ވޯޓުގުނާ މީހުންނަށް ދަތިނުވާ ގޮތަށެވެ. މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ސުލޫކީ މިންގަނޑާ އެއްގޮތަށް ޢަމަލުތައް ބަހައްޓަންވާނެއެވެ.

އަދި އިންތިޚާބުތަކުގައި އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން، އޮބްޒާވަރުންގެ ސުލޫކީ މިންގަނޑާ އެއްގޮތަށް ޢަމަލުތައް ބަހެއްޓުމަށް ސަމާލުކަންދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC