logoEN
Sto top
ކުރިއަށް އޮތް ރަމަޟާން މަހަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 8 މިސްކިތް ހުޅުވޭނެ - ރައީސް

ކުރިއަށް އޮތް ރަމަޟާން މަހަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 8 މިސްކިތް ހުޅުވޭނެ - ރައީސް

އަހުމަދު ޝުރާއު

logo

2/5/2026, 7:23:32 AM

# ރައީސް މުއިއްޒު

-

މިދިޔަ އަހަރު އިސްލާމީ ދާއިރާއިން 90 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށްދިޔަކަމަށާއި، ކުރިއަށް އޮތް ރަމަޟާން މަހަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 8 މިސްކިތް ހުޅުވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Wamco

އެމަނިކުފާނު މިކަން ހާމަކުރެއްވީ މިއަހަރުގެ ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މިއަދު ބޭއްވި، ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

އިސްލާމްދީނުގައި އެންމެ މަތިވެރި ބިނާތަކަކީ މާތްﷲގެ ގެކޮޅު ކަމަށްވާ މިސްކިތްތައްކަން ފާހަގަކުރައްވާ، އިސްލާމީ ޙަޟާރަތުގެ އެންމެ ޒީނަތްތެރި މަލަކީ މިސްކިތްކަމަށާއި އެކަން، ސައްތައިންސައްތަ އިސްލާމީ ޤައުމެއް ކަމަށްވާ، ރާއްޖެއިން ވަރަށް ފުރިހަމައަށް ފެންނަންވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން މިދިޔަ އަހަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 74 މިސްކިތާއި، 7 އިސްލާމީ މަރުކަޒާއި، 3 ޤުރުއާން މަރުކަޒު އަދި 6 ވަޤްފް ބިނާއާއި އެކު މުޅި ޖުމުލަ 90 މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރިއަށް ގެންދެވުނު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ ތެރެއިން ހއ. ދިއްދޫ އިސްލާމިކް ސެންޓަރާއި، 10 ރަށެއްގައި މިސްކިތް ބިނާކުރުމުގެ މަސައްކަތް ނިންމާ ހުޅުވި ކަމަށާއި ކުރިއަށް އޮތް ރަމަޟާން މަހު އިތުރު 8 މިސްކިތް ހުޅުވައި، މިހާރު ބޭނުންކުރަމުންދާ މިސްކިތްތައް މަރާމާތުކުރުމަށްވެސް ސަރުކާރުން ޚާއްޞަ އިސްކަމެއްދެއްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި މިސްކިތްތައް މަރާމާތުކުރުމަށް މިދިޔަ އަހަރު 19 މިލިއަނަށްވެރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި މިއަހަރު އެކަމަށް 15 މިލިއަން ރުފިޔާ ހަމަޖައްސަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކީރިތި ޤުރުއާން ހިތުދަސްކުރާ ޙާފިޒުންނަށް ދޭންޖެހޭ ގަދަރާއި ޢިއްޒަތް ދޭންޖެހޭކަން ފާހަގަކުރައްވައި، އެމަނިކުފާނު ވަނީ ޙާފިޒުންނަށް ދެމުން އަންނަ އެލަވަންސް، 2000 ރުފިޔާއިން 4000 ރުފިޔާ އަށް މިދިޔަ އަހަރު އިތުރުކުރައްވާފައިވާކަން ފާހަގަކުރައްވާފައެވެ. މިދިޔަ އަހަރު 30 ޙާފިޒުން ދަސްވެރިނިވެފައިވާ ކަމަށާއި، މިއީ ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ ޙާފިޒުން ދަސްވެނިވި އަހަރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކީރިތި ޤުރުއާނަށް ލޯބިޖެއްސުމާއި ޙާފިޒުން އުފެއްދުމުގެ މަސައްކަތް ފުޅާކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތުގެ ދަށުން، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒެއް 2028 ވަނަ އަހަރުގެ ނިޔަލަށް ހުޅުވުމުގެ މަސައްކަތް މިދިޔަ އަހަރު ފެށިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޤުރުއާނާބެހޭ އެކި ކަންކަމަށް ޚަރަދުކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި ފައިސާ ލިބޭނެ ނިޒާމެއް ޤާއިމްކުރުމުގެ ގޮތުން މާލޭގައި ޤުރުއާނަށް ޚާއްޞަ ވަޤްފު ޢިމާރާތެއް އެޅުމުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތް ރާވާ ހިންގުމުގެ ހުރިހާ ޚަރަދެއް ސަރުކާރުގެ ބަޖެޓުން ބަލަހައްޓާ، ވަނަތައް ހޯދާފަރާތްތަކަށް ދޭ އިނާމު ދެގުނަ ކުރުމާއި، މުޅި މުބާރާތުން އެއްވަނަ ހޯދާ ބައިވެރިޔާއަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމެއްގެ ގޮތުން ބޭނުން ދާއިރާއަކުން، ބޭނުން ޤައުމަކުން ޕީ.އެޗް.ޑީ. އާއި ހަމައަށް ކިޔެވުމުގެ ސްކޮލަރޝިޕެއް ފުރަތަމަފަހަރަށް ދޭން ފަށާފައިވާކަންވެސް އެމަނިކުފާނުގެ ބަޔާނުގައި ފާހަގަކުރެއްވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC