
ޕްރިޒަން އައިލެންޑް ކޮންސެޕްޓުގެ މަސައްކަތްތައް މި އަހަރުގެ މެދުތެރޭގައި ފެށިގެންދާނެ: ރައީސް
# ރައީސް މުއިއްޒު# ޖަލުތައް# ޕްރިޒަން އައިލެންޑް# ކުށްވެރިންފޮޓޯ: ރައީސް އޮފީސް
ޕްރިޒަން އައިލެންޑް ކޮންސެޕްޓުގެ މަސައްކަތްތައް މި އަހަރުގެ މެދުތެރޭގައި ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީސް މަސައްކަތް ފައްޓަވައި ދެއްވުމަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އޯޕަން ޕްރިޒަން އައިލެންޑް ކޮންސެޕްޓުގައި، މުޅިރަށަކީ ޖަލެއްގެ ގޮތުގައި ކަނޑައަޅާ، އެރަށުގައި ގައިދީންނަށް ދިރިއުޅެވި، މަސައްކަތްތައް ކުރެވޭ ގޮތަށް، ރީހެބިލިޓޭޝަނަށް ފޯކަސްކޮށްގެން ރަށެއް ތަރައްޤީކުރުމަށް ނިންމާ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ހަވާލުކޮށްފައިވާނެ ކަމަށެވެ.
އަދި މިޖަލު ގާއިމްކުރުމަށް ކުރަންޖެހޭ އުމްރާނީ މަސައްކަތްތައް މި އަހަރުގެ މެދުތެރޭގައި ފަށައި، މިއަހަރުގެ ނިޔަލަށް އެތަނަށް ގައިދީން ލުމަށް ވަނީ ޕްލޭންކޮށްފައި ކަމަށް ރައީސް ވިދާޅުވިއެވެ.
މިގޮތުން، ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގައި ގަވާއިދުން ބައިވެރިވެ އަޚްލާޤު ވަކި މިންގަނޑެއްގައި ހިފެހެއްޓުމުން ޕްރޮގްރާމުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ޖަލުހުކުމުން އިތުރު ދުވަހެއް ކެނޑޭގޮތަށް މިހާރު ވާނީ ސިޔާސަތު ބަދަލުކޮށްފައިކަން ރައީސްގެ ބަޔާނުގައިވެއެވެ.
ކުށްކޮށްގެން ޖަލަށް ޙުކުމް ކުރާ ފަރާތްތައް ޖަލުގައި ބަންދު ކޮށްފައި ތިބޭ އިރު އިންސާނީ ކަރާމާތާއި ބައިނަލްއަޤްވާމީ މިންގަނޑު ތަކަށް ފެތޭ ގޮތަށް އިންތިޒާމްތައް ހުރިކަން ކަށަވަރު ކުރުން ވަރަށް މުހިންމުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިގޮތުން ބަލާއިރު، 17 ނޮވެމްބަރ 2023ގައި ދިވެހިރާއްޖޭގައި ހުރި ޖަލުތަކުގެ ގިނަ ގޮޅިތަކުގައި ކުށްވެރިން އުޅެމުން ދިޔައީ ކަރަންޓްގެ ޚިދުމަތްނެތި ކަމަށެވެ.
ގައިދީންގެ ހާލަތު ރަނގަޅުކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ހުރިހާ ޖަލުތަކެއްގެ ގޮޅިތަކަށް ކަރަންޓް މިހާރު ވާނީ ފޯރުކޮށްދެވިފައި ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ޖަލުތަކުގެ ތެރެއަށް ވެއްދުން މަނާތަކެތި ވައްދައި ކުށްކުރަމުން ދިއުން ހުއްޓުވުމަށް އެންމެ ޒަމާނީ ބޮޑީ ސްކޭނަރެއް މިހާރު ވަނީ މާފުށީ ޖަލަށް ގެނެވިފައި ކަމަށާއި މި ސްކޭނަރު އިންސްޓޯލްކޮށް ތަމްރީނު ދެވި މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ބޭނުންކުރަން ފެށޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ ސަބަބުން، ޖަލުން ސްކޭމް ކޯލް ކުރުމާއި މި ބާވަތުގެ އެހެނިހެން ކަންކަން ހުއްޓުވުމަކަށް ގެނެވޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.
ގުޅުންހުރި

ގައިދީންނާ ގުޅޭ މައުލޫމާތުތައް ޑިޖިޓަލްކޮށް ފެނިގެން ދިއުމަކީ މުޢައްސަސާއަށް އަންނަ ހެޔޮ ބަދަލެއް: އިހްސާން

ޕްރިޒަން އައިލެންޑް ކޮންސެޕްޓުގެ މަސައްކަތްތައް މި އަހަރުގެ މެދުތެރޭގައި ފެށިގެންދާނެ: ރައީސް

ބޭނުންވާ ހުރިހާ ވަސީލަތްތަކާއިއެކު 55 ކައުންސިލް އިމާރާތް މި އަހަރު ނިމޭނެ - ރައީސް





