
އަންނަ އަހަރުގެ ނޮވެމްބަރަށް މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރެވޭނެ - ރައީސް
# ރައީސް މުއިއްޒު-
މާލޭ ވިޔަފާރި ބަނދަރު އަންނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ތިލަފުއްޓަށް ބަދަލުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިކަން އިއުލާނުކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާނުގައި އެވެ.
ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްވެސް ބާރު ސްޕީޑްގައި ކުރިއަށްދާކަމަށާއި އެގޮތުން ފުރަތަމަ ފިޔަވަހީގައި ހިމެނޭ އެންމެ މުހިންމު މަސައްކަތް ކަމަށްވާ 125 މީޓަރުގެ އިންޓަނޭޝަނަލް ކީވޯލްގެ މަސައްކަތް މިއަދު އެމްޕީއެލްއިން ބަޔަކާއި ހަވާލުކުރާނެކަމަށެވެ.
ޑޮމެސްޓިކް ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމަށް ބޭނުންވާ 2 ކިލޯމީޓަރުގެ ކީވޯލްއާއި، ޕޭވްކުރުމާއި، އިމާރާތްތައް އެޅުމާއި އަދި އިކުއިޕްމަންޓް ހޯދުމަށް މިއަހަރުގެ މެދުތެރޭ އެކި ފަރާތްތަކަށް ހަވާލުކުރެވޭނެކަން ފާހަގަކުރައްވައި މި ހުރިހައި މަސައްކަތެއް ނިންމައި 11 ނޮވެމްބަރ 2027 ވަނަ އަހަރު މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރެވިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ."މި ބަދަލާއިއެކު ބަނދަރުގެ ޚިދުމަތްތައް ފެށުމާއިއެކު މިހާރު 7 ދުވަހުން ހުސްކުރެވޭ ބޯތު 48 ގަޑިއިރުން ހުސްކުރެވި ބަނދަރުގައި މުދާ ބެހެއްޓޭނެ މުއްދަތު އިތުރުކުރެވި މުދާ ރާއްޖެ ގެނައުމަށް ހިނގާ ހަރަދު ކުޑަވާނެ. މި ހުރިހައި ބަދަލުތަކާއިއެކު މުދަލުގެ އަގު ކުޑަކުރެވި އޭގެ ފައިދާ ރައްޔިތުންނަށް ލިބޭނެ. އަދި މިހާރު މާލޭގައި ގުދަންކުރެވޭ މުދާ ތިލަފުށީގައި ގުދަން ކުރުމުގެ ފުރުސަތު ފަހިވެ މާލޭގެ މާރުކޭޓް ސަރަހައްދުގައި މިހާރު ކުރަމުންދާ ހޯލްސޭލް ވިޔަފާރި އެކީގައިހެން ތިލަފުއްޓަށް ބަދަލުކުރެވިގެންދާނެ." ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާއިއެކު މުދާ އުފުލާ ބޯޓުތަކަށް ފަސޭހަކަމާއިއެކު ބަނދަރުކުރެވި މުދާ އަރުވާ ބޭލުމަށް ބަނދަރުގައި މަޑުކުރަންޖެހޭ ދުވަސްތައް މަދުވެ ރަށްރަށައް މުދާ ގެންދިއުން އަވަސްވެގެންދާނެކަމަށެވެ.
އަދި މާލޭގެ އެކި ސަރަހައްދުތަކުގައި މުދާ ގުދަންކުރަން ޖެހުމުގެ ސަބަބުން އާންމުންނަށް ދިމާވާ ދަތިތަކަށް ހައްލު ލިބި މިހާރު މާލޭގެ އެންމެ ކާރޫބާރުބޮޑު މާރުކޭޓް ސަރަހައްދާއި އެމްޕީއެލް ސަރަހައްދު ދުއްވާ ތަކެއްޗަށް ފަސޭހަވެ މީހުން ހިނގާ ބިނގާވެ އުޅުމަށް ފަސޭހަ ތަނަކަށް ބަދަލުވެގެންދާނެކަންވެސް ރައީސް ފާހަގަކުރެއްވި އެވެ.
ގުޅުންހުރި

ޕްރިޒަން އައިލެންޑް ކޮންސެޕްޓުގެ މަސައްކަތްތައް މި އަހަރުގެ މެދުތެރޭގައި ފެށިގެންދާނެ: ރައީސް

ބޭނުންވާ ހުރިހާ ވަސީލަތްތަކާއިއެކު 55 ކައުންސިލް އިމާރާތް މި އަހަރު ނިމޭނެ - ރައީސް

ކުރިއަށް އޮތް ރަމަޟާން މަހަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 8 މިސްކިތް ހުޅުވޭނެ - ރައީސް





